ދިވެހިންގެ ތާރީޚާއި ސަޤާފަތާއި، ތަރިކައިގެ ދާއިރާއިން ދިރާސާތަކެއްކުރަން ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
އިސްލާމީ ޔުނިވަރސިޓީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އާދަމް ނަސީރު އިބްރާހީމެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ވައިސް ޗާންސެލަރ. ޑރ.ޢަލީ ޒާހިރެވެ.
މި ފަހުމުނާމާއާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ، އައިޔޫއެމްއާއެކު ފެށުމަށް ތައްޔާރުވަމުންދާ މި ޕްރޮގްރާމަކީ، ދިވެހީންގެ ތާރީޚާއި ދިވެހީންގެ ސަޤާފަތާއި، ދިވެހިންގެ ތަރިކަތަކުގެ އަސްލުވަންތަކަން ކަށަވަރުކުރުމަށް ކުރެވޭ ދިރާސާތަކުގެ ޕްރޮގްރާމެއްކަމަށެވެ.
"އަޅުގަނޑުމެންނަށް ދިވެހިންނާ ގުޅުހުންހުރި ވަރަށް ގިނަ ކަންކަން އާންމުކޮށް ލިޔެވެމުން މި އަންނަނީ ޝުޢޫރެއްގެ ގޮތުގަ. އެއީ ތާރީޚު ނަމަވެސް އަދި ތަރިކައާއިބެހޭ ވާހަކަތައް ނަމަވެސް އަދި އެނޫން ކަންތައްތައް ނަމަވެސް. އެހެންނަމަވެސް ޢިލްމީ ގޮތުން ކަމެއް ކަށަވަރުކޮށް ކަނޑައަޅާ އެކަމަށް އޮންނަ އިންތަކާއި މިންތަކުގެ ތެރެއިން ވަކި ގޮތަކަށް އަމާޒުކުރެވިގެން ކަށަވަރު ނަތީޖާއެއް ނެރެވޭ ގޮތަށް އެކަންކަން ކުރުމަކީ ހަގީގަތުގަ މިޒަމާނުގަ މިދާއިރާ ތަރައްޤީކުރުމަށް ދުނިޔޭގެ އެހެންތަންތަނުގައިވެސް އެ މަސައްކަތް ކުރާ ގޮތް" ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވިއެވެ.
މީގެއިތުރުން ވަޒީރު ވިދާޅުވީ، އުއްމީދުކުރައްވަނީ މި މަސައްކަތުގެ ތެރެއިން ލިބޭ ތަޢުލީމާއި، ކުރެވޭ މަސައްކަތުން ރަނގަޅު ނަތީޖާއެއް ލިބިގެންދާނެކަމަށެވެ.
މި ފަހުމުނާމާއާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ވިދާޅުވީ، ދިވެހިބަހާއި ބެހޭ ވުޒާރާއާއެކު ކުރެވުނު މި އެއްބަސްވުން ވެގެންދާނީ އެ ޔުނިވަރސިޓީން ދިރާސާކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި ލިބިގެންދިޔަ ކުރިއެރުމެއްކަމަށެވެ.
"އަޅުގަނޑު ޤަބޫލުކުރަނީ ޔުނިވަރސިޓީން ދިރާސާކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގަ އިތުރު ހަރުފަތަކަށް ދިއުމަށްޓަކައި އިތުރު މަސައްކަތްތަކެއް ކުރުމަށްޓަކައި، އިތުރު މީހުން މިކަމުގެ ތެރެއަށް ވެއްދުމަށްޓަކައި ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ ފަހުމުނާމާއަކަށް މި ފަހުމުނާމާ ވެގެންދާނެކަމަށް" ޑރ. ޢަލީ ޒާހިރު ވިދާޅުވިއެވެ.
ތަޢުލީމީ ހެޔޮލަފާ މުޖުތަމައެއް ބިނާކުރުމަށްޓަކައި، ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.