ވެރިމީހާއަށް ވެސް ޙައްޤުބަސް ބުނެ، ނަސޭޙަތްތެރިވާން ޖެހޭނެކަމަށާއި، އިސްލާމް ދީނުގައި އެކަން އަންގަވާފައިވާ ރަނގަޅު ގޮތާއި އުސޫލު އަޅުގަނޑުމެން ކޮންމެ ފަރުދަކުވެސް ހޯދަންޖެހޭކަމަށް ފިޤުހު އެކަޑަމީން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ މަރުޙަލާގައި ދިރާސާކުރެއްވި އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުމުގެ ބިލްގައިވާ ކަންކަމާއި އެބިލްގެ މަފްހޫމާމެދު ދިނީ ނަޒަރަކުން މަޢުލޫމާތާއި ލަފާދެއްވި ކޮމެޓީގެ ޖަލްސާގައި ފިޤްހު އެކަޑަމީގެ މެންބަރުންނާއި ކޮމިޓީގެ މެމްބަރަކު ސުވާލުކުރެއްވީ، އިސްލާމީ ޤައުމަކަށް ނުބައި ވެރިއަކު އަތުވެދާނެތޯ ނުވަތަ ނޫންތޯއާއި، ދީނީ އިލްމުވެރިއެއްގެ ގޮތުގައިވެސް ނުބައި މީހަކު އަތުވެދާނެތޯ ނުވަތަ ނޫންތޯއެވެ. ޤައުމެއްގެ ވެރިޔަކަށް އަނިޔާވެރިއަކު އިސްވެ، ދައުލަތުގެ ހުރިހާ ބާރުތަކަށް އެވެރިއެއްގެ ނުފޫޒު ފޯރުވާފަދަ ހާލަތެއްގައި އިސްލާމް ދީނުގައި އަމަލު ކުރާނީ ކިހިނެއްތޯ ސުވާލު ކުރެއްވުމުން ފިގުހުއެކަޑަމީގެ މެންބަރު އައްޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވީ، ނުބައި ވެރިންވެސް ނުބައި އިލްމުވެރިންވެސް ތިބެދާނެކަމަށާއި، ހަދީސްތަކުން އެކަން ފެންނަން އެބަހުރިކަމަށެވެ.
ޝައިޚް ވިދާޅުވީ، ބަޔަކު ރަނގަޅު ގޮތުގައި ތިބިހާ ހިނދަކު އެބައެއްގެ މައްޗަށް ނުބައި ވެރިޔަކު ނުފޮނުއްވާނެކަން ﷲ ސުބުހާނަހޫ ވަތަޢާލާ ކުރީން ބާވާލައްވާފައިވާ ފޮތްތަކުގައި އައިސްފައިވާކަމަށް ދީނީ އިލްމުވެރިން ވިދާޅުވާކަމަށެވެ. އަދި އިސްލާމް ދީނުގައި އައިސްފައިވާކަންކަމަށް ބޯނުލަނބާހާ ހިނދަކު އަޅުގަނޑުމެންގެ އީމާންކަން ފުރިހަމަނުވާނެކަމަށާއި، މާތްވެގެންވާ އިސްލާމް ދީނުގައި ކަމެއް ވަކި ގޮތަކަށް ކަނޑައަޅުއްވާފައިވަނިކޮށް ޑިމޮކްރަސީގައި އޮތް ގޮތްކަމަށްބުނެ އެފަދަ އަސާސްތަކުގައި ހިފައިގެން އަލުގަނޑުމެން މުސްލިމުންނަށް ނުދެވޭނެކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން މާތް ﷲ އާ ރަސޫލާގެ ޙުކުމަށް އަޅުގަނޑުމެން މުސްލިމުން ތަބާވާންޖެހޭނެ ކަމަށްޝައިޚް ލަޠީފް ވިދާޅުވިއެވެ.
ޝައިޚް ވިދާޅުވީ، ވެރި މީހާއަށްވެސް ޙައްޤުބަސް ބުނަން ޖެހޭނެކަމަށާއި، އެކަން ކުރަންވާނީ، ޕޯޑިއަމްތަކަށް އަރައި އެއްޗެހި ކިޔައިގެންތޯ ނުވަތަ އިސްލާޙް ކުރަން ބޭނުންވާ މީހެއްގެ ހައިސިއްޔަތުން އެކަން ކުރެވެން އޮތް ގޮތަކަށް އަޑުއިއްވައި ޤަބޫލުކުރާ ގޮތަކަށްތޯ އަޅުގަނޑުމެން މިއަދު ވިސްނަން ޖެހިފައިވާކަމަށެވެ. އަދި އެކަން ކުރަންވާ އެންމެ ރަނގަޅު ގޮތަށް ކުރެވިއްޖެނަމަ އެމީހެއްގެ ޒިންމާ ބަރީއަވީކަންޝައިޚް މުޙައްމަދު ލަތީވް ވަނީ ފާހަގަކުރައްވާފައެވެ.
ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްގެ ސައްޙަ ޙަދީސްފުޅު ތަކުން މިސާލުދައްކަވަމުން ޝައިޚް ވިދާޅުވީ، ފާޅުގައި ކާފިރުކަމަށް ގޮވާނުލާ ހިނދެއްގައި ވެރިންނާއި ދެކޮޅަށް ނުކުތުން ނުވާކަމަށެވެ. އަދި ކަމަކަށް ޝައްކެއްނުވަތަ ހީއެއްވެގެން އެކަށީގެންވާ ހެއްކެއް ނެތި ވެރިކަމެއް ނިގުޅައިގަންނަން ނުކުމެގެން ނުވާނެކަމަށްވެސް ޝައިޙް ވިދާޅުވިއެވެ.
ޝައިޚް ވިދާޅުވީ، ކައުބަތުﷲ ގެފުޅަށް ހަމަލާދީ، އެއްލައްކަ ވިހި ހާސްމީހުންގަތުލުކޮށް މީހުންގެ މުދާތައް ފޭރިގެން، އުމަވީންގެ ދުވަސްވަރު ވެރިއަކަށްހުރި ހައްޖާޖުބިން ޔޫސުފް ގެފާރާތުން ލިބޭ އަނިޔާއާއި ގުޅޭގޮތުން ކީރިތ ރަސޫލާގެ ސަޙާބީއެއްކަމުގައިވާ ﷲ ރުއްސުންލެއްވި އަނަސްގެ ފާނުގެ އަރިހުން އުންމަތުގެ ބޭކަލުން ދެންނެވުމުންވެސް އެކަލޭގެ ފާނު އިރުޝާދު ދެއްވީ ކެތްތެރިކަން އިސްކުރުމަށް ކަމަށެވެ.