ކުޅިވަރު

މާޒިޔާ ފުޓްބޯޅަ އެކަޑަމީގެ ސްޕޮންސަރަކަށް އެލް މޯބައިލް


މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ ފުޓްބޯޅަ އެކަޑަމީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އެލް މޯބައިލްއިން ސްޕޮންސަރ ކޮށްފިއެވެ.

މި ސްޕޮންސަރޝިޕް އެގްރިމަންޓުގައި ސޮއިކުރުމަށް މިއަދު އެފް.އޭ.އެމް ހައުސްގައި އޮތް ރަސްމިއްޔާތުގައި އެލް މޯބައިލްގެ ފަރާތުން ސޮއިކުރީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސަރަތުއެވެ. މާޒިޔާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ ޗެއާރމަން އަޙުމަދު ސާޖިދްއެވެ.

img:http://s2.psmnews.mv/images/660x400/14704858745453.jpg|މާޒިޔާ ސްޕޯޓްސް އެކަޑަމީގެ ސްޕޮންސަރ އެގްރީމެންޓްގައި ސޮއިކުރުން- ފޮޓޯ: ޕީއެސްއެމް

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ ޢަބުދުލް ވައްޙާބު ވިދާޅުވީ މާލޭގައި މިވަގުތު ކުރިއަށްދާ އެކަޑަމީގެ އިތުރުން ރާއްޖޭގެ 4 ރަށެއްގައިވެސް ވަރަށް އަވަހަށް މާޒިޔާގެ އެކަޑަމީގެ ކަންކަން ފެށިގެން ދާނެކަމަށެވެ. މާޒިޔާގެ އެކަޑަމީ ފެށުމަށް ހަމަޖެހިފައިވާ ހަތަރު ރަށަކީ ރ.ދުވާފަރު، ބ.ތުޅާދޫ، ހދ.ނޮޅިވަރަމް އަދި ނ.ހޮޅުދޫގައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަނީ މި 4 ރަށުގެ އެކަޑަމީގެ ކަންކަން ބަލަހައްޓާ ފަރާތްތަކާއެކުވެސް އެގްރިމަންޓުގައި ސޮއިކޮށްފައެވެ. މިއިން ކޮންމެ ރަށެއްގެ އެކަޑަމީވެސް ފަށާނީ 50 ކުދިންނާއެކު ކަމަށް ވައްޙާބު ވިދާޅުވިއެވެ. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި އެކަޑަމީގެ މަސައްކަތް ރަށްރަށުގައި ފަށޭނެކަމަށާ މި ހަތަރު ރަށް މާޒިޔާއިން ނަގާފައިވަނީ އެ ރަށްރަށުން އެކަމަށް ވަރަށް ބޮޑަށް ބޭނުންވެ އެކަމަށް އެދުމުން ކަމަށް ވައްޙާބު ވިދާޅުވިއެވެ.