ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ތީ ސަމާލުތައް ނެރެފައެވެ.
އެގޮތުން ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ކ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ. ހއ. އަތޮޅުން ފެށިގެން ކ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 07:30 އިން ފެށިގެން މެންދުރު ފަހު 01:30 ހާހަމައަށްށެވެ.
މީގެ އިތުރުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް އއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ހުދު ސަމާލު ނެރެފައެވެ. އއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 07:30 އިން ފެށިގެން މެންދުރު ފަހު 01:30 ހާހަމައަށްށެވެ.
..Alert yellow for strong winds pic.twitter.com/aJLPfcmNXs
— Maldives Meteorology (@MetMaldives) August 5, 2025
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާގެ ރިކޯޑުތަކުން ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ބ. ދަރަވަންދޫއަށްށެވެ. އެގޮތުން ދަރަވަންދޫއަށް 44.5 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ހުޅަނގާއި، ހުޅަނގު އުތުރުން މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލު ދެމެދު ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ވިދާޅުވިއެވެ. އަދި މިދިޔަ ހޯމަ ދުވަހުން ފެށިގެން އެވްރެޖުކޮށް 15 މޭލާއި 25 މޭލު ދެމެދު ވައި ޖެހޭނެ ކަމަށާއި މިގޮތަށް ބުރާސްފަތި ދުވާހާއި ހަމައަށް ވައި ދަމަހައްޓާނެކަމަށް އެއިދާރާއިން ވަނީ ލަފާކުރައްވާފައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 24 ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށްށެވެ.
ވައިގަދަވެ، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކަނޑުތައް ގަދަވާނެތީ ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.