ޚަބަރު

"ޕީ.އެސް.އެމް ޢީދު އުފާ 1437"ގެ ތައްޔާރީތައް


މިއަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމަށް ކަނޑައަޅާފައިވާ ލ. ފޮނަދޫގައި ވަމުންދާ ތައްޔާރީތަކާއި ބެހޭގޮތުން ޕީ.އެސް.އެމްގެ ޚާއްސަ ޓީމަކުން ފޮނަދޫ ކައުންސިލާއި ބައްދަލުކޮށްފިއެވެ.

"ޕީ.އެސް.އެމް ޢީދު އުފާ 1437" ލ. ފޮނަދޫގައި ފާހަގަކުރަން ނިންމީ، އެކަމަށް އެދި ޕްރޮޕޯޒަލް ހުށައެޅި ރަށްތަކުގެ ތެރެއިން ފޮނަދޫން ހުށައަޅާފައިވާ ޕްރޮޕޯސަލަށް އެންމެ މަތިން މާކްސް ލިބުންމުންނެވެ.

ޕީ.އެސް.އެމް ޢީދު އުފާ 1437 އެވޯޑްކުރިކަމުގެ ފިލާ ޕީ.އެސް.އެމްގެ ފަރާތުން ފޮނަދޫ ކައުންސިލާ ވަނީ ހަވާލުކޮށްފައެވެ.

ޕީ.އެސް.އެމްގެ ފަރާތުން ފޮނަދޫއަށް ކުރާ މި ދަތުރުގައި، އެރަށުގައި ޢީދު ފާހަގަކުރުމަށް ކައުންސިލްގެ ފަރާތުން ވަމުންދާ ތައްޔާރީތަކާއިގުޅޭ މަޢުލޫމާތު އޮޅުންފިލުވާ، އީދުގެ ކުރިން ނިންމަންޖެހޭ މުހިންމު ކަންތައްތަކާ ބެހޭގޮތުން ދެފަރާތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި ދެފަރާތުން ކުރެވެން ހުރި ކަންތައްތަކާއި ނިންމަން ޖެހޭ ނިންމުންތަކާއި ބޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ. މީގެ އިތުރުން އީދަށް މިހާތަނަށް ހަދާ އެންމެ ބޮޑު އަދި ޒަމާނީ ސްޓޭޖާއި އަދި ޕީއެސްއެމް އީދު އުފާ މޮނިއުމަންޓް ބެހެއްޓުމާ ބެހޭގޮތުން ޕީއެސްއެމްގެ ޓެކްނިކަލް ބޭފުޅުންނާއި ފޮނަދޫ ކަމާ ބެހޭ ފަރާތްތަކާ ދެމެދުވަނީ މަޝްވަރާކުރެވިފައެވެ.

މި ދަތުރުގައި ޕީ.އެސް.އެމްގެ ފަރާތުން ބައިވެރިވި ޓީމުގައި، މިފަހަރުގެ ޢީދު ކަވަރޭޖް ޕީ.އެސް.އެމްގެ ޗެނަލްތަކުން ކަވަރކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާއި، އެކި ޑިޕާޓްމަންޓްތަކުގެ ވެރިންނާއި، އަދި ޢީދު ކަވަރޭޖްގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް ހިމެނެއެވެ.

img:http://s2.psmnews.mv/images/660x400/14704789688880.jpg|"ޕީ.އެސް.އެމް ޢީދު އުފާ 1437" އަށް ލ. ފޮނަދޫގައި ވަމުންދާ ތައްޔާރީތަކުގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

މި ޓީމްގެ ފަރާތުން ފޮނަދޫ ކައުންސިލްގެ މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމުގައި، އަޟްހާ ޢީދާއި ގުޅުވައިގެން ޕީ.އެސް.އެމުން ކުރިއަށްގެންދާ މި ޚާއްސަ ހަރަކާތް ވިހާވެސް ކާމިޔާބުކަމާއެކު ހިންގިދާނެގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އެގޮތުން ފާއިތުވި އަހަރުތަކުގައި ކުރެވުނު ތަޖުރިބާއަށް ބަލާ، މިފަހަރު ޢީދުގެ ޙަރަކާތްތައް އިންތިޒާމްކުރުމުގައި ވިސްނަންޖެހޭ ކަންތައްތަކާއި ގުޅޭގޮތުން ދެ ފަރާތުގެ ދެމެދުގައި ޚިޔާލު ބަދަލުކޮށްފައިވެއެވެ. އަދި ހަމައެހެންމެ ޢީދު ދުވަހު ކުރިއަށްގެންދާނެ ޙަރަކާތްތަކާއި، އެ ޙަރަކާތްތައް ކުރިއަށް ގެންދިއުމުގައި ޕީ.އެސް.އެމުން އެކުލަވާލާފައިވާ ގައިޑްލައިންތަކާއި އެއްގޮތްވާގޮތަށް ކަންކަން ރޭވުމާއި ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ. އަދި  އާއްމުންގެ ބައިވެރިވުން ވިހާވެސް ބޮޑަށް މި ހަރަކާތަށް ހޯދޭނެ ގޮތްތަކާއި، ސަޤާފީ އެކިކަހަލަ ކުޅިވަރުތައް ކުރިއަށްގެންދިއުމުގެ މުހިއްމުކަމާ ބެހޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.

ޕީ.އެސް.އެމްގެ ޓީމުން ފޮނަދޫއަށް މިކުރާ ދަތުރުގައި، އަޟްހާ ޢީދުގެ ހަރަކާތްތަކާއި ގުޅޭ މަޢުލޫމާތު އޮޅުންފިލުވުމުގެ އިތުރުން، އެ ހަރަކާތްތައް ކުރިއަށްގެންދާނެ ތަންތަންވެސް ބަލާފައިވެއެވެ. "ޕީ.އެސް.އެމް ޢީދު އުފާ 1437" މި ޙަރަކާތަކީ ދިވެހިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އުފައްދާ، ނެތެމުންދާ މުހިއްމު ސަޤާފީ ކުޅިވަރުތަކާއި ޙަރަކާތްތައް ދިރުވާ އާލާކުރުމުގެ މަޤްޞަދުގައި ހިންގާ ވަރަށްވެސް މުހިއްމު ޙަރަކާތެކެވެ.