ޚަބަރު

"ކާރިސީ ހިރާސް ކުޑަކުރުން" ނަމުގައި ބޭއްވި ޚާއްސަ ޑްރިލް


މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މާލޭ އޭރިއާއާއި ވ. ކެޔޮދޫ ކައުންސިލާއި ގުޅިގެން ކާރިސާތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް ދައްކުވައިދޭ ހަރަކާތަކެއް ކުރިޔަށް ގެންގޮސްފިއެވެ. ކާރިސީ ހިރާސް ކުޑަކުރުން މި ނަމުގައި ކުރިޔަށްގެންދިޔަ މި ހަރަކާތުގައި ކާރިސާތަކުން ރައްކާތެރިވުމަށް ޕްލޭން ހެދުމުގެ ވޯކްޝޮޕަކާއި، މިކަމަށް ޚާއްސަ ޑްރިލްއެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ހިނގާފާނެ ހާދިސާއެއް ނުވަތަ ބައެއްކަހަލަ ކާރިސާތައް ދިމާވުމުން އަމަލުކުރާނެ ގޮތްތަށް ކަނޑައަޅައި، ރަށު ފެންވަރުގެ ޕްލޭނެއް އެކުލަވާލުމަށް ވ.ކެޔޮދޫގައި ކުރިއަށްދިޔަ ވޯކްޝޮޕް ގައި އެރަށު ކައުންސިލާއި، ރަށުގެ މުއައްސަސާތަކުގެ އިތުރުން ޖަމިއްޔާ ޖަމާއަތްތަކާއި، އާއްމު ފަރާތްތަކުންވެސް ބައިވެރިވެފައިވެއެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި، އެމްއެންޑީއެފް މާލޭ އޭރިއާ އަދި ވ.ކެޔޮދޫ ކައުންސިލް ގުޅިގެން، ކުރިއަށްގެންދުޔަ ވޯކްޝޮޕްގައި، ހާދިސާތަކާއި ގުޅިގެން ރަށުގައި ހަރަކާތްތެރިވާނެ ޓާސްކްފޯސްތަކެއް ކަނޑައެޅިގެން ދިއުމާއެކު ފޯކަލް ޕޮއިންޓްތަކެއް ކަނޑައަޅާފައިވެއެވެ. މީގެ ތެރެއިން އެންމެ ފާހަގަކުރެވޭ ކަމެއްގެ ގޮތުގައި ވޮޚްޝޮޕްގައި ބައިވެރިވި 48 ބައިވެރިންނާއި، ރަށުގެ އާންމުންވެސް ގުޅިގެން ހާދިސާއެއް ހިނގުމުން އަމަލުކުރާނެ ގޮތް ދައްކުވައިދޭ ޑްރިލްއެއް ކުރިއަށް ގެންގޮސްފައިވެއެވެ. މިހަރަކާތުގައި ވޯކްޝޮޕުގައި ދަސްކުރި ކަންކަމާއި، ކަނޑައެޅި ޓާސްކްފޯހުގެ މަސައްކަތް އަމަލީކޮށް ކުރިއަށް ގެންގޮސްފައިވެއެވެ.

ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި ތައްޔާރުވެ ތިބުމަށް އަހުލުވެރިކުރުމަށް ކެޔޮދޫގައި ހިންގި ހަރަކާތްތަކާއި ގުޅޭ ގޮތުން އެމް.އެން.ޑީ.އެފް މެރިންކޯގެ ސަރޖަންޓް މުޙައްމަދު ވިޝާލް ވިދާޅުވީ، ރަށްރަށުގައި މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ މައިގަނޑު ބޭނުމަކީ ރަށުގައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން ހާދިސާއެއް ހިންގައިފިނަމަ ކުރެވިދާނެކަންކަން ދަސްކޮދިނުން ކަމަށާއި، ފުރަތަމަ ދެވޭ ތަމްރީނުތަކާއެކުގައި ކަމެއް ހިނގައިފިނަމަ ތަމްރީނު ލިބިފައިވާ ފަރާތްތަކުން ހަރަކާތްތެރިވުން ކަމަށެވެ.

ޑްރިލްއަށްފަހު ޕީ.އެސް.އެމްއަށް މައުލޫމާތު ދެއްވަމުން ކެޔޮދޫ ކައުންސިލުގެ ޒިންމާދާރުވެރިޔާ އަޙްމަދު ނިޒާރު އިބްރާހީމް ވިދާޅުވީ، ހާދިސާއެއް ހިނގައިފިނަމަ ރަށުގައި ލިބެންހުރި ވަސީލަތްތަކާއި، އިތުރަށް ބޭނުންވާ ކަންކަން އެނގިގެންގޮސްފި ކަމަށާއި، ކުރިއަށްއޮތްތަނުގައި މިފަދަ ކަންކަމަށް އިތުރަށް ސަމާލުކަން ދެއްވާނެ ކަމަށެވެ.

ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ހިންގުނު ހަރަކާތްތަކުގެ ބައިވެރިންވެސް ބުނީ ކެޔޮދޫފަދަ ރަށަކަށް މީ ވަރަށް މުހިންމު، ބޭނުންތެރި ހަރަކާތެއް ކަމަށާއި، އެކަމުގެ ސަބަބުން ހާދިސާތަކާއި، ކާރިސާތަކަށް ތައްޔާރުވުމަށް ތަމްރީނުތަކެއް ލިބިގެންދިޔަ ކަމަށެވެ. އަދި އެފަދަ ކަމެއް ހިނގުމުގެ ކުރިން ދުރާލާ ތައްޔާރުވުމަށް އެނގިގެންދިޔަކަން ބައިވެރިން ފާހަގަކުރިއެވެ.

ކެޔޮދޫގައި 6 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ހިމަނުއްވައިގެން، ރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން އެމްއެންޑީއެފް މާލެ އޭރިއާއިން ވަނީ މޫދު ކަސްރަތު ޕްރޮގްރާމަކާއި، ސްކޫލް ދަރިވަރުންނަށް ފަސްޓްއެއިޑް ކްލާސްތަކެއްވެސް އެމްއެންޑީއެފްގެ މުދައްރިބުން ހިންގާފައިވެއެވެ.

އެމްއެންޑީއެފް މާލޭ އޭރިއާއިން އިސްނަގައިގެން ކުރިއަށްގެންދާ ކާރިސީ ހިރާސް ކުޑަކުރުމުގެ ޕްލޭން ހެދުމުގެ މި ވޯކްޝޮޕް، ކުރިއަށްއޮތް ތަނުގައި ވ.އަތޮޅުގެ އިތުރު ރަށްތަކެއްގައިވެސް ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދެން މި ވިކްޝޮޕް ކުރިއަށްގެންދަވާނީ ވ. ފުލިދޫގައެވެ.