ޚަބަރު

ހދ. އަތޮޅުގައި އުފައްދާ ކަރަންޓުގެ %30 ޢިއާދަކުރަނިވި ހަކަތައަށް


ހދ. އަތޮޅުގެ މީހުން އުޅޭ ހުރިހާ ރަށެއްގައިވެސް އެންމެ ގިނައިން ކަރަންޓް ބޭނުންކުރާ ވަގުތުތަކުގައި އުފައްދާ ކަރަންޓްގެ 30 އިންސައްތަ ޢިއާދަކުރަނިވި ހަކަތައަށް ހެއްދެވުމުގެ ތައްޔާރީތައް ފަށްޓަވައިފިއެވެ. އެންވަޔަރަންމަންޓް މިނިސްޓްރީން މިހާރު ވަނީ  ހދ. އަތޮޅުގެ ރަށްރަށުގައި ފަށްޓަވަން ތައްޔާރުވެވަޑައިގަންނަވާ ޢިއާދަކުރަނިވި ހަކަތައިގެ ބޮޑު މަޝްރޫޢުގެ މަސައްކަތް ކުރާނެ ކޮންޓްކްޓަރުން ހޯއްދެވުމަށް އިޢުލާން ކުރައްވާފައެވެ. އެ މިނިސްޓްރީން ވިދާޅުވީ، އެ އަތޮޅުގެ އިތުރަށް އަންނަ އޮގަސްޓް މަހުގެތެރޭގައި ހއ. އަތޮޅާއި، ށ. އަތޮޅާއި، ނ. އަތޮޅގައިވެސް މިފަދަ މަޝްރޫޢެއް ހިންގަވަން ކޮންޓްކްޓަރުން ހޯއްދަވަން އިޢުލާން ކުރައްވާނެ ކަމަށެވެ.

ރާއްޖޭގައި ތެޔޮ އަންދައިގެން، އަދި ބޮޑު ޚަރަދު ކޮށްގެން ކަރަންޓް އުފައްދަމުން އަންނަ ގޮތް ބަދަލުކުރެއްވުމަށް، ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ޢިޔާދަކުރަނިވި ހަކަތަ އުފެއްދެވުމަށް މުޅި ރާއްޖޭގައި ހިންގަވާ މަޝްރޫޢަކީ، ދުނިޔޭގެ ތާރީޚްގައިވެސް މި ދާއިރާއިން ކުރިއަށް ގެންދަވާ އެންމެ ބިޔަ އެއް މަޝްރޫއަށް ވެގެންދާނެއެވެ. ތެޔޮ އަންދައިގެން މިހާރު ކަރަންޓް އުފައްދާ މިންވަރަށް ބަލާއިރު ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ 20 އިންސައްތަ ހޭދަވަނީ ކަރަންޓް އުފައްދަން ބޭނުންވާ ތެޔޮ ގަތުމަށްކަމަށް ތަފާސް ހިސާބުން ދައްކައެވެ. މި ހޭދަ ކުޑަކުރެއްވުމަށް ސަރުކާރުން ކުރައްވަމުންދާ އެންމެ މުހިންމު އެއް މަސައްކަތަކީ، ޢިއާދަކުރަނިވި ހަކަތަ އުފެއްދުމެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދުވާލުގެ ޕީކް ގަޑީގައި އުފައްދާ ކަރަންޓްގެ 30 އިންސައްތައަކީ ޢިއާދަކުރަނިވި ހަކަތައަށް ހެއްދެވުމަށް ސަރުކާރުން ހިންގަވާ ބޮޑު މަޝްރޫޢަކީ، ޢާއްމުން ކަރަންޓަށް ކުރަންޖެހޭ ހޭދަ ކުޑަވެ، ރާއްޖޭގެ ނާޒުކު ތިމާވެއްޓަށްވެސް ފައިދާ ހުރި މަޝްރޫޢަކަށް ވެގެންދާނެކަމަށް ކަމާބެހޭ އިދާރާތަކުން ވިދާޅުވެއެވެ.

އެނަވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ ރާއްޖޭގައި ހިންގާ ޢިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢު ނިމޭއިރު، މީހުން އުޅޭ ހުރިހާ ރަށެއްގެ ކަރަންޓް 30 އިންސައްތަ އިޢާދަކުރަނިވި ހަކަތައަށް ބަދަލުވުމުގެ އިތުރަށް، އާބާދީ މަދު ރަށްރަށް ސައްތަ އިންސައްތަ އިޢާދަކުރަނިވި ހަކަތައަށް ބަދުވެގެންދާނެ ކަމަށެވެ. މި މަޝްރޫޢުގެ ފަންނީ މަސައްކަތުގެ ބޮޑު ބައި ނިމިފައިވާ ކަމަށާއި، 2.5 މެގަވޮޓްގެ ކަރަންޓް އުފައްދާނެ ސިސްޓަމް ހަރުކުރެއްވުމުގެ މަސައްކަތް މިހާރު 5 ރަށެއްގައި ކުރިޔަށް އެބަގެންދަވާ ކަމަށް އެމިނިސްޓްރީން ހާމަކުރައްވައެވެ. މިމަޝްރޫޢު ކާމިޔާބުވުމުން ތެލަށް ކުރާ ޚަރަދު ކުޑަވެ، އެކަމަށް ހޭދަވާ ފައިސާ ޤައުމުގެ ތަރައްޤީއަށް ބޭނުންކުރެވިގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ހާމަކުރައްވައެވެ. އެންވަރުމަންޓް މިނިސްޓްރީން ވިދާޅުވީ ޢިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުގެ މަސައްކަތް ނުފެށޭ އެއްވެސް ރަށެއް މިއަހަރު ނިމޭއިރު ނޯންނާނެ ކަމަށެވެ.

އަދި 2018 ވަނަ އަހަރުތެރޭގައި ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކީވެސް އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ ރަށްތަކަކަށް ހައްދަވާނެކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވިއެވެ.

ރަށްރަށުގައި ޢިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢު ހިންގަވަން ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް އެނަވަޔަރަންޓް މިނިސްޓްރީން ވިދާޅުވިއެވެ.