ކުޅިވަރު

މި އަންނަ އަހަރު އޭޝިޔަން ނެޓްބޯޅަ ޗެމްޕިއަންޝިޕް ސިންގަޕޫރުގައި


ދެކުނު އޭޝިޔާ ސަރަޙައްދުގައި މިވަގުތު އެންމެ ޙަރަކާތްތެރި ނެޓްބޯޅަ އެސޯސިއޭޝަނަކީ ދިވެހިރާއްޖޭގެ ނެޓްބޯޅަ އެސޯސިއޭޝަންކަމަށް އޭޝިއަން ނެޓްބޯލް ފެޑެރޭޝަންގެ ސެކެޓްރީ ޖެނެރަލް ސައިރަސް މެޑޯރާ ވިދާޅުވެއްޖެއެވެ.

ސައިރަސް މިހެން ވިދާޅުވީ އޭޝިއަން ނެޓްބޯލް ފެޑެރޭޝަންގެ ކޮންގްރެސްގައި ވާހަކަދައްވަމުންނެވެ. ތައިލެންޑްގައި ބޭއްވި މި ކޮންގްރެސްގައި ސައިރަސް ވިދާޅުވީ ނެޓްބޯޅަ ތަރައްޤީކޮށް ކުރިއަރުވާ ލޯކަލް މުބާރާތްތައް ބާއްވުމުގެ އިތުރުން ކޯޗުންނާއި އަމްޕަޔަރުން ތަމްރީނު ކުރުމުގައި މިވަގުތު އެންމެ ޙަރަކާތްތެރި އެސޯސިއޭޝަނަކީ ދިވެހިރާއްޖޭގެ ނެޓްބޯޅަ އެސޯސިއޭޝަން ކަމަށެވެ. މިއަދު ބޭއްވި މި ކޮންގްރެސްގައި 2018 ވަނަ އަހަރު އޭޝިއަން ޗެމްޕިއަންޝިޕް ނެޓްބޯޅަ މުބާރާތް ބާއްވާނެ ޤައުމެއް ކަނޑައެޅުންވެސް އޮތެވެ. 2018 ވަނަ އަހަރު މި މުބާރާތް ބެއްވުމަށް 3 ޤައުމަކުން ބިޑް ހުށަހެޅިއެވެ. އެއީ ސްރީލަންކާ، ސިންގަޕޯރ އަދި ޕާކިސްތާނުންނެވެ. އޭއެންއެފްގެ މެމްބަރު ޤައުމުތަކުގެ ވޯޓްގެ އަޤްލަބިއްޔަތު ލިބިގެން ބިޑް ކާމިޔާބުކުރީ ސިންގަޕޫރެވެ.

މި ކޮންގްރެސްގައި އެކި ޤައުމުތަކުންވަނީ އެޤައުމުތަކަށް ނެޓްބޯޅަ ކުރިއެރުވުމުގައި ދިމާވެފައިވާ ދަތިތަކާއި ބޭނުންވާ ހުށަހެޅުންތައް ހުށަހަޅާފައެވެ. އެގޮތުން ދިވެހި ރާއްޖެއިންވެސްވަނީ ނެޓްބޯޅައިގައި ދިމާވެފައިވާ ތަފާތު ދަތިތަކުގެ ވާހަކަ ކޮންގްރެސްގައި ހުށަހަޅާފައެވެ. ހަމަ އެހެންމެ އެދަތިތައް ޙައްލުކުރުމަށް އޭޝިއަން ނެޓްބޯލް ފެޑެރޭޝަންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން އެފެޑެރޭޝަނުން ދެއްވިއެވެ. އެގޮތުން ބޭރުގެ ކޯޗެއް ހޯދުމާއި ކޯޗުން ތަމްރީނު ކުރުމާއި އަމްޕަޔަރުން ތަމްރީނު ކުރުމުގައި އެހީތެރިވެދެއްވާނެ ކަމަށް އެ ފެޑެރޭޝަނުން ވިދާޅުވިއެވެ. މިއާއެކު ދިވެހިރާއްޖެ ބައިވެރިކޮށްގެން އިތުރު މުބާރާތްތަކެއް ބޭއްވުމުގެ ޝަވެރިކަންވެސް ބައެއް ޤައުމުތަކުން ފާޅުކުރިއެވެ. އޭގެތެރޭގައި ޖަޕާން، މެލޭޝިޔާ، ޕާކިސްތާން އަދި އަބޫދާބީ ހިމެނެއެވެ. މިފަހަރުގެ ކޮންގްރެސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވީ ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އައިމިނަތު ޝާޒްލީނާއި ނައިބުރައީސް އައިމިނަތު ނިމާއެވެ.