ތަޢުލީމު

ގުރައިދޫ ސްކޫލަށް 50 އަހަރު ފުރުމުގެ ރަން ޔޫބީލް ފާހަގަކުރެއްވުން


މާލެއަތޮޅު ގުރައިދޫ ސްކޫލަށް 50 އަހަރު ފުރުމުގެ ރަން ޔޫބީލް ފާހަގަކުރައްވައިފިއެވެ. ރޭ ގުރައިދޫގައި ބޭއްވެވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމެވެ.

މާލެ އަތޮޅު ގުރައިދޫ ސްކޫލަށް 50 އަހަރު ފުރުން ފާހަކަކުރުމުގެ ރަސްމީ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވީ އަލަށް އެކުލަވާލެއްވުނު ޤައުމީ މަންހަޖުގެ މަޤުސަދުތައް ހާޞިލްކުރުމުގައި ސްކޫލުތަކާއި ގުޅިގެން އެއް އަމާޒެއްގައި މަސައްކަތް ކުރުމަށް، ބެލެނިވެރިންގެ ހިއްސާ ބޮޑު ކަމަށެވެ. އަދި އަލަށް އެކުލަވާލެވުނު މަންހަޖަކީ ބިނާކުރުވަނިވި އަސާސްތަކެއްގެ މައްޗަށް އެކުލަވާލެވިފައިވާ މަންހަޖެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ރައީސްގެ އިސްނެންގެވުމުގެ ދަށުން ތައުލީމީ ދާއިރާއަށް ގެނެވުނު އިންގިލާބީ ބަދަލުތައް ގިނަ ކަމަށެވެ. އެގޮތުން ތައުލީމީ މަރުހަލާ ނިންމާ މަސައްކަތުގެ މާހައުލަށް ނުކުންނައިރު ސްކޫލްތަކުގެ ދަރިވަރުންކީ ރައްޔިތުންގެ މެދުގައި ޤަދަރު އުފުލިގެންވާ ބަޔަކަށް ވެގެންދާނެ ކަމަށެވެ. އަދި ސްކޫލްތަކުގައި ދެވޭ ރަސްމީ ތައުލީމުގެ އިތުރުން އެ ކުއްޖެއްގެ ހުރި ހުނަރަކާއި ޤާބިލްކަން އިތުރަށް ތަރައްޤީ ކުރުމަށް އެހީތެރިވެގެންދާނެ ކަމަށެވެ. ހަމައެހެންމެ އެހެންމީހުންނާއި އެއްހަމައެއްގައި ފައިތިލަ ސާބިތުކުރެވޭނެ ޒުވާނުންނަށް އެދަރިވަރުން ވެގެންދިއުމަކީވެސް ގެނެވުނު އިންގިލާބީ ބަދަލެއްކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި ބަދަލުތަކާއެކު އެކަމުގެ ފައިދާ ފެންނަމުންދާކަންވެސް މިނިސްޓަރ ގެ ވާހަކަފުޅުގައި ފާހަގަ ކުރައްވާފައިވެއެވެ.

މީގެއިތުރުން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ދިވެހިރާއްޖޭގައި އުޅެމުންދާ ކޮންމެ ކުއްޖަކަށްވެސް އެކުއްޖަކާއި އެންމެ އެކަށޭނެ ތައުލީމީ ފުރުސަތުތައް ސްކޫލްތަކުގައި ފަހިކުރެއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މިއަހަރު ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ސްކޫލެއްގައިވެސް ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ޓީޗަރަކު ހަމަޖެހިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް މިހާރުވެސް 191 ޓީޗަރުން ތަމްރީނު ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ގުރައިދޫއަކީ ތައުލީމީ ރައްޔިތަކު ދިރިއުޅެމުންދާ ރަށަކަށް ހެދުމަށް އެ ރަށުގެ ރައްޔިތުން މީގެ ޒަމާންތަކެއްކުރިން ކުރި ބުރަ މަސައްކަތްތަކަށް އިޝާރާތްކުރައްވާ މި ރަސްމިއްޔާތުގައި މިނިސްޓަރ ވާހަކަފުޅު ދައްކަވާފައިވެއެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގުރައިދޫ މަދަރުސާގެ ޕްރިންސިޕަލް އިބްރާހިމް ރުޝްދީ ވިދާޅުވީ ދަރިވަރުންނަށް ސްކޫލަށް ކޮށްދެވޭނެ އެންމެ ބޮޑު ޚިދުމަތަކީ ރަށުފެންވަރުގައާއި އަތޮޅުފެންވަރުގައި އަދި ޤައުމީ ފެންވަރުގައާއި ބައިނަލްއަގްވާމީ ފެންވަރުގައި ރަން ވަނަތަކެއް ހާސިލްކުރުން ކަމަށެވެ. މިރަސްމިއްޔާތުގައި ސްކޫލަށް އެކިގޮތްގޮތުން ޚިދުމަތްކޮށްދެއްވި ފާރާތްތަކަށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ހަވާލުކުރައްވާފައިވެއެވެ. 1966 ވަނަ އަހަރު ހުޅުވި ގުރައިދޫ ސްކޫލްގައި ނަރސަރީއިން ފެށިގެން އޭލެވެލް އާއި ހަމައަށް ކިޔަވައިދެމުންދެއެވެ. މި ރަސްމިއްޔާތު ނިންމަވާލައްވާފައިވަނީ ޚާއްޞަ ދުއާ އަކުންނެވެ.