ކުޅިވަރު

އަލިމަސް ޔޫބީލް ފާހަގަ ކުރަން ހާއްސަ ކޮމިޓީ އެއް ނަގަނީ


ދިވެހި ފުޓްބޯޅައިގެ އަލިމަސް ޔޫބީލް ފާހަގަ ކުރުމަށް ހާއްސަ ކޮމިޓީ އެއް ނަގަން އެފްއޭއެމުން ނިންމައިފި އެވެ.

ހޮނިހިރު ދުވަހު މަގާމާ ހަވާލުވި ރައީސް އަހުމަދު ތޯރިގް (ޓޮމް) ބޭއްވި ފުރަތަމަ އެކްސްކޯ ބައްދަލުވުމުގައި ނިންމާފައިވަނީ މި ކޮމިޓީ އަށް ނަންތައް ހުށަހެޅުމަށް ކުލަބުތަކަށް ފުރުސަތު ދިނުމަށެވެ.

ދިވެހި ފުޓްބޯޅައިގެ ރަންޔޫބީލް ފާހަގަ ކުރީ 2000 ވަނަ އަހަރު އެވެ. އެއީ ސަރަހައްދީ ގައުމުތަކަށް ދައުވަތު ދީގެން ބޭއްވި ހާއްސަ ފުޓްބޯޅަ މުބާރާތަކުންނެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ފުޓްބޯޅަ މުބާރާތެއް ބާއްވާފައިވަނީ 1947 ވަނަ އަހަރު އެވެ. ނަމަވެސް އޭގެ ކުރިން ތަފާތު ސިފަސިފާގައި މުބާރާތްތައް ބާއްވަމުން ގޮސްފައިވެ އެވެ. ނަމަވެސް ގައުމީ ފުޓްބޯޅަ މުބާރާތުން ރަސްމީކުލަ ޖެއްސި މުބާރާތް ގަވާއިދުން ބާއްވަމުން އައިސް މި އަހަރަކީ ރާއްޖޭގައި ރަސްމީކޮށް ފުޓްބޯޅަ ކުޅޭތާ 75 ވަނަ އަހަރެވެ.

މިކަން ކުލަގަދަކޮށް ފާހަގަ ކުރުމަށް ނިންމައި އެފްއޭއެމުން ކޮމިޓީ އެއް ނަގަން ނިންމާފައިވާއިރު ދިވެހި ފުޓްބޯޅަ ވަނީ ފާއިތުވެދިޔަ މުއްދަތުގައި ސަރަހައްދީ ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ. މި ގޮތުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕާއި 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުން ހިމެނެ އެވެ.

މީގެ އިތުރުން ވަނީ ފުޓްސަލް އަދި ބީޗް ސޮކާ ކޮމިޓީ އެކުލަވާލަން ވެސް ނިންމައިފަ އެވެ.