އައިއެސް ޖަމާއަތާ ދެކޮޅަށް ލީބިޔާގައި ކުރަމުން ގެންދާ ހަނގުރާމަ ކާމިޔާބު ކަމަށް ލީބިޔާ ސަރުކާރުން ބުނެފިއެވެ. އދ.ގެ ބެލުމުގެ ދަށުން ލީބިޔާގައި އުފައްދާފައިވާ ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުން ބުނީ، ސިރްތު ސިޓީގައި ސަރުކާރު ސިފައިންނާއި އައިއެސްގެ ބާރުތަކާދެމެދު ހިނގަމުންދާ ހަނގުރާމައިގާ އައިއެސްގެ ހަނގުރާމަވެރިން ފަހަތަށް ޖެހެމުންދާ ކަމަށެވެ.
ލީބިޔާގެ ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ސިފައިންނާއި ސިރްތުގައިވާ އައިއެސްގެ ބާރުތަކާ ދެމެދު ހަނގުރާމަ ހިނގަމުންދާތާ މިހާރުވަނީ 3 މަސްވެފައެވެ. މި 3 މަސްތެރޭގައި ލީބިޔާ ސިފައިން ވަނީ އައިއެސްގެ އަތްދަށުން ސިރްތުގެ 4 އަވަށް މިނިވަންކޮށް އިތުރު 3 އަވަށެއް ހިސާރުކޮށްފައެވެ. ލީބިޔާގެ އަސްކަރީ މަސްއޫލުވެރިން ވިދާޅުވާގޮތުން އައިއެސްގެ ހަނގުރާމަވެރިން މިހާރުތިބީ ސިރުތުގެ މެދުގައިވާ އަވަށްތަކުގައި ހިސާރު ކުރެވިފައެވެ. މި ހިސާރުގެ ސަބަބުން އަމާންދިނުމަށް ނޫނީ ހަނގުރާމަކޮށް މަރުވުމަށް އައިއެސްގެ ހަނގުރާމަ ވެރިންނަށް މަޖްބޫރުވެގެންދާނެ ކަމަށް ސިރުތުގައި ހަނގުރާމަކުރާ ލީބިޔާގެ ލަޝްކަރުތަކުގެ ކޮމާންޑަރުން ވިދާޅުވެއެވެ. އައިއެސް އާ ދެކޮޅަށް ލީބިޔާ ސިފައިން ކުރަމުން ގެންދާ މިހަނގުރާމައިގެ ތެރެއަށް އެންމެފަހުން އެމެރިކާވެސް މިހާރުވަނީ ވަދެފައެވެ.
މި ހަފްތާގެ ކުރީކޮޅު ލީބިޔާ ސަރުކާރުގެ އެދުމުގެ މަތިން އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުން ވަނީ ސިރްތުގައިވާ އައިއެސްގެ 5 އަމާޒަކަށް ވައިގެ ޙަމަލާތަކެއް ދީފައެވެ. އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންއިން ބުނީ މިދިޔަ ހޯމަދުވަހު އެމެރިކާގެ މަތިންދާބޯޓުތަކުން ސިރުތުގައިވާ އައިއެސްގެ 5 މަރުކަޒަކަށް ޙަމަލާދީ އެތަންތަން ހަލާކުކޮށްލާފައިވާ ކަމަށާއި، އަދިވެސް ސިރްތުގައިވާ އައިއެސްގެ މަރުކަޒުތަކުގެ ތެރެއިން ޙަމަލާދޭންޖެހޭ ތަންތަން ބަލައި ދިރާސާ ކުރަމުން ގެންދާކަމަށެވެ. ލީބިޔާގެ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުގެ ބޮޑުވަޒީރު ފާއިޒް އައްސައްރާޖު ވިދާޅުވީ އެމެރިކާގެ ވައިގެ ޙަމަލާތައް ސިރުތުން ބޭރަށް ނުދާނެ ކަމަށާއި އަދި އައިއެސްގެ ހަނގުރާމަވެރިންގެ ހަރަކާތްތައްވެސް ސިރުތުން ބޭރުގައި ނެތްކަމަށެވެ. އެމެރިކާއިން ސިރްތަށް ވައިގެ ޙަމަލާ ދިނީ ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުގެ އެދުމުގެ މަތިން ކަމަށާއި، އެޙަމަލާތަކުގައި އައިއެސްއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ލީބިޔާގެ އާންމު ރައްޔިތަކަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ލީބިޔާ ސަރުކާރުގެ އަސްކަރީ މަސްއޫލުވެރިއަކު ވިދާޅުވިއެވެ.
އެމެރިކާގެ ރައީސް ބަރަކް އޮބާމާވެސް ބުދަދުވަހު ވަނީ އެމެރިކާގެ ވައިގެ ޙަމަލާތަކެއް ލީބިޔާއަށް ދިންކަން ކަށަވަރުކޮށް ދެއްވައި ވާހަކަ ދައްކަވާފައެވެ. އޮބާމާ ވިދާޅުވީ ލީބިޔާގައިވާ އައިއެސްގެ ވުޖޫދު ވަރުގަދަ ކުރުމަކީ ލީބިޔާގެ އިތުރުން އެމެރިކާއާއި އެމެރިކާގެ ބައިވެރިންނަށްވެސް ކުރިމަތިވާ އިތުރު ނުރައްކަލެއް ކަމަށެވެ. އެހެންކަމުން އެމެރިކާއަށް މަސްލަހަތު އޮތީ އައިއެސްއާ ދެކޮޅަށް ލީބިޔާގެ ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުން ކުރާ ހަނގުރާމައަށް އެހީތެރިވެދިނުން ކަމަށް އޮބާމާ ވިދާޅުވިއެވެ. އެމެރިކާގެ އިތުރުން ލީބިޔާއިން ގެންދަނީ އައިއެސްއާ ކުރިމަތިލުމަށް ފަރަންސޭސިވިލާތުގެ އެހީތެރިކަންވެސް ހޯދަމުންނެވެ. މިކަމާބެހޭގޮތުން ލީބިޔާގެ ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ބޮޑުވަޒީރު ފާއިޒް އައްސައްރާޖް އަންގާރަ ދުވަހުވަނީ ފަރަންސޭސި ބައެއް މަސްއޫލުވެރިންނާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައެވެ.