ޚަބަރު

މާލޭ ސިޓީގައި ކުނި މެނޭޖްކުރުމުގެ ނިޒާމަށް ބޭނުންވާ ދިރާސާ ކުރުން


މާލޭ ސިޓީގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމްކުރެއްވުމަށް ބޭނުންވާ ދިރާސާގެ މަސައްކަތް ކޮންޓްރެކްޓަރަކާ ޙަވާލުކުރައްވައިފިއެވެ. މި މަސައްކަތް ހަވާލުކުރެއްވީ، ވޯޓަރ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމްއެވެ. އަދި ވޯޓަރ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ ހަސަން ޝާހްއެވެ.

މާލެގެ އިންޑަސްޓްރިއަލް ވިލެޖްގައި ޤާއިމުކުރެއްވުމަށް ހަމަޖެހިފައިވާ، ވޭސްޓް ކަލެކްޝަން ސެންޓަރުގެ މަސައްކަތް ފެށިގެންދިޔުމުން އެތަނުގައި ވޭސްޓް ޓްރާސްފަރ ސްޓޭޝަންނަކާއި ރީސައިކަލް ސިސްޓަމެއް ޤާއިމް ކުރެވިގެންދާނެއެވެ. އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް ވިދާޅުވީ މިހާރު ކުނި އުފުލުމަށް ބޭނުންކުރާ ބައިސްކަލާއި ލޯރީ ފަދަ ތަކެތި، މި ނިޒާމް ޤާއިމްވެގެން ދިއުމުން، ބޭނުން ނުކުރާނެ ކަމަށެވެ.

ވޯޓަރ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއެކު މިވެވުނު އެއްބަސްވުމަކީ އެއްމިލިޔަން ތިރީސް ފަސްހާސް ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތް 6 މަސް ދުވަހުގެތެރޭގައި ނިންމައި މިނިސްޓްރީއާ ޙަވާލުކުރައްވަންޖެހޭ ކަމަށް ވޯޓަރ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑް ޑިރެކްޓަރ ހަސަން ޝާހް ވިދާޅުވިއެވެ. ނަމަވެސް ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން މި މަސައްކަތް ނިއްމާލެވޭނެ ކަމަށް އުއްމީދުކުރާކަމަށްވެސް ޝާހް ވިދާޅުވިއެވެ.

މާލޭ ސިޓީގައި ކުނިމެނޭޖް ކުރުމުގެ ނިޒާމެއް ޤާއިމްކުރެއްވުމުން، ޤަވާޢިދާ ޚިލާފަށް ކުނި އުކާލާ މީހުންނާއިމެދު ފިޔަވަޅު އަޅުއްވާނެ ކަމަށް އެވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވިއެވެ. މާލޭގައި ވޭސްޓް ކަލެކްޝަން ސެންޓަރ ހެދުމުން ތިލަފުށި ވެގެންދާނީ މާލެފިޔަވައި އެހެން ރަށްރަށުން ކުނިއެޅުމަށް ޙާއްޞަ ތަނެއްގެ ގޮތުގައެވެ.