އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން ކުރިއަށް އޮތްދުވަސްތަކުގައި އާ އުސްމިންތަކަކަށް އުފުލިގެންދާނެކަން ޔަޤީންކުރައްވާކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރާއްޖެއަށް ވަޑައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ރަސްމީ އެކްސް އެކައުންޓުގައި ދިވެހި ބަހުން ކުރެއްވި ޕޯސްޓެއްގައި ވަނީ އެމަނިކުފާނު ރާއްޖެއަށް ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުން މަރުޙަބާ ދެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަޑައިގަތުމުން އުފާކުރައްވާކަމަށެވެ. އަދި އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން ކުރިއަށް އޮތްދުވަސްތަކުގައި އާ އުސްމިންތަކަކަށް އުފުލިގެންދާނެކަން ޔަޤީންކުރައްވާކަމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވިއެވެ.
މާލެ އާދެވިއްޖެ. އަޅުގަނޑަށް މަރްޙަބާ ކިޔުމަށް ރައީސް މުޢިއްޒު އެއަރޕޯޓަށް ވަޑައިގެންނެވުމުން ވަރަށް އުފާކުރަން. އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން ކުރިއަށް އޮތްދުވަސްތަކުގައި އާ އުސްމިންތަކަކަށް އުފުލިގެންދާނެކަން އަޅުގަނޑަށް ޔަޤީން.@MMuizzu pic.twitter.com/JHmGkGrrxV
— Narendra Modi (@narendramodi) July 25, 2025
އިންޑިއާގެ ބޮޑު ވަޒީރު ވިދާޅުވީ އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އެކުވެރިކަން އިތުރަށް ކުރިއެރުވުމުގައި އިންޑިއާގެ ރައްޔިތުންނަކީ ވަރަށް މުހިންމު ދަޢުރެއް އަދާކުރާ ބައެއްކަމަށެވެ. އެމަނިކުފާނުގެ މި މި ދަތުރުގައި ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނާއި ބައްދަލުކުރެވުނީތީ އުފާކުރައްވާ ދެއްވި ހޫނު މަރުޙަބާއަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އެކުވެރިކަން އިތުރަށް ކުރިއެރުވުމުގައި އިންޑިއާގެ ރައްޔިތުންނަކީ ވަރަށް މުހިންމު ދަޢުރެއް އަދާކުރާ ބައެއް. މި ދަތުރުގައި ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނާއި ބައްދަލުކުރެވުނީތީ އުފާވެއްޖެ. ދެއްވި ހޫނު މަރުޙަބާއަށްޓަކައި ޝުކުރު… pic.twitter.com/I24oh1KQJz
— Narendra Modi (@narendramodi) July 25, 2025
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މި ދަތުރުފުޅަކީ ދެ ދުވަހުގެ ދަތުރުފުޅެކެވެ. މިއީ އެމަނިކުފާނު ތިންވަނަ ފަހަރަށް އިންޑިއާގެ ބޮޑުވަޒީރުގެ މަޤާމާ ހަވާލުވެވަޑައިގެންނެވިފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިއާގެ ބޮޑުވަޒީރު، ދެ ޤައުމުގެ ދޭދޭ ގުޅުމާއި ސަރަހައްދީ މަސްލަހަތުތަކާ ގުޅޭ މަތީފަންތީގެ މަޝްވަރާތައް ބާއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުން ވިދާޅުވެއެވެ. އަދި އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށާއި ގުޅުން ބަދަހިކުރުމަށް ފަހުމުނާމާތަކުގައި ސޮއި ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުގެ ރަސްމީ ހަރަކާތްތައް އޮންނާނީ މިއަދު މެންދުރުފަހުއެވެ.