ދިވެހިންނާއި އިންޑިއާ މީހުންނާ ދެމެދު އެތައް ގަރުނަކުއްސުރެ އޮތް ވަރުގަދަ ގުޅުމަކީ އެތަައް އެެތައް ކަމަކަށް މޫލައިފައި އޮތް ވަރުގަދަ ގުޅުމެކެވެ. ނަަސްލީ ގޮތުންނާއި ބަހަވީ އަދި ސަގާފީ ގުޅުމަކީ ސިޔާސީ އޮއިވަރުތަކަށް ނުގުޑާ ގުޅުމެކެވެ. ދެގައުމުގެ ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކުން އަސަރެއް ނުކުރާ ގުޅުމެކެވެ. ޖިއޮގްރަފިކް ގޮތުން އޮތް އަވަށްޓެރިކަމަކީ ބަދަލުވާނެ ކަމެއް ނޫން ކަމަށް ވާތީއެވެ.
އެހެން ނަމަވެސް މިޒަމާނުގައި ގުޅުންތަކުގެ އަގު ވަޒަންކުރާ މައިގަނޑު އެއް ތަރާދަކީ އިޤުތިޞާދު ކަމަށް ވާތީ ރާއްޖެއަށް އިންޑިއާ އަދި އިންޑިއާއަށް ރާއްޖެ މުހިއްމުވާ ސަބަބުތައް ލިސްޓްކުރާ ނަމަ ފަށަން ޖެހޭނީ އެހިސާބުންނެވެ.
ރާއްޖޭގެ އިޤުތިސާދުގައި އިންޑިއާގެ މުހިންމުކަން އެންމެ ރަނގަޅަށް ވަޒަންކޮށްލެވެނީ އެންމެ ވަރުގަދަ ސިނާޢަތްކަމަށްވާ ފަތުރުވެރިކަމުގެ ތަފާސްހިސާބުތަކަށް ބަލައިލުމުންނެވެ. ކޯވިޑްގެ ޢާލަމީ ވަބާއަށް ފަހު ފަތުރުވެރިކަން އަލުން ހިނގައިގަތް އިރު އިންޑިއާ އޮތީ ރާއްޖޭގެ އެއްވަނަ ބާޒާރުގެ ގޮތުގައެވެ. ކޯވިޑަށް ފަހު ގިނަ ގައުމުތަކުގެ ފަތުރުވެރިންގެ ދަތުރުތައް އާއްމުކޮށް ނުފަށައި އޮތް އޮތުމުގެ ގެއްލުން ރާއްޖެއަށް ފޫބެދުނު އެއް ސަބަކަށްވީ އިންޑިއާގެ ފަތުރުވެރިންނެވެ. އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2011 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދު 7 ގުނަ އަށް އިތުރުވިއެވެ.
މުޅި ދުނިޔެ ހިނގައިގަނެ، އާއްމު ހާލަތަށް އައުމަށް ފަހުގައި ވެސް އިންޑިއާ އަކީ އަދިވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ބޮޑު ބާޒާރެކެވެ. އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާ އިރު ވެސް އޮތީ ހަވަނައިގައެވެ. އިގުތިސާދީ އެހެން ދާއިރާތަކަށް ބަލާއިރު ރާއްޖެއަށް އިމްޕޯޓްކުރާ މުދަލުގެ 10 އިންސައްތައަކީ އިންޑިއާއިން ގެންނަ ތަކެއްޗެވެ. ކާބޯތަކެއްޗާއި ބޭސް ފަދަ އެންމެ ޒަރޫރީ ބާވަތްތައް އޭގެ ތެރޭގައި ހިމެނެއެވެ.
2011 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާ ހަމައަށް އިންޑިއާއިން ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ އަގު 2.6 ބިލިޔަން ޑޮލަރަށް އަރައެވެ. ސިއްހީ ދާއިރާއަށް ބެލިޔަސް އިންޑިއާ އަކީ ރާއްޖެއާ އިންޑިއާއާ ދެމެދު އޮތީ ވަރަށް ޚާއްސަ ގުޅުމެކެވެ. އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލަކީ މީގެ ދިރިހުރި މިސާލެކެވެ. އޭގެ އިތުރުން ދިވެހިރާއްޖެއަކީ އިންޑިއާއަށް، އެއްގައުމަކުން އެންމެ ގިނަ މީހުން ބޭސްފަރުވާއަށް އިންޑިއާއަށް ދާ ގައުމުތަކުގެ ލިސްޓްގެ ތިން ވަނައިގައި އޮތީ ރާއްޖެއެވެ. ދިވެހިން އިންޑިއާއަށް ބޭސްފަރުވާއަށް ދާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި އަގުހެޔޮކަމާއި ދެކެފަރިތަކަން އަދި މެހުމާން ދާރީ ރަނގަޅުވުން ހިމެނެއެވެ.
ސިއްހީ ގޮތުން ފަރުދީ ފެންވަރުގަޔާއި ޤައުމީ ފެންވަރުގައި ކުރިމަތިވާ ކުއްލި ޙާލަތްތަކުގައި ވެސް އިންޑިއާ އަކީ ދިވެހިން އެންމެ ބޮޑަށް ބަރޯސާވާ އެއް ގައުމެވެ. ކޯވިޑްގެ ޢާލަމީ ވަބާގައި މިކަން ވަރަށް ބޮޑަށް ފާހަގަ ވިއެވެ. ރާއްޖެއަށް އިންޑިއާއިން ވެކްްސިން ފޯރުކޮށްދިނުމުގެ އިތުރުން، މުޅި ދުނިޔެ ފުރަބަންދަކަށް ދިޔަ ވަގުތުގައި ވެސް ރާއްޖޭގެ ބަލިމީހުން އިންޑިއާ އަށް އެތެރެވާން ފުރުސަތު ދިނުމަކީ މީގެ މިސާލުތަކެވެ.
ރާއްޖެއަށް އިންޑިއާ މުހިއްމުވާ އަނެއް ދާއިރާ އަކީ ދިފާއީ ދާއިރާއެވެ. އެކަމުގައި އެއް ޤައުމުން އަނެއް ޤައުމަށް ބަރޯސާވާން ޖެހޭ މިންވަރު ވަރަށް ބޮޑެވެ. އިންޑިއާ އަށް އެޤައުމުގެ ރައްކާތެރިކަަން ފުރިހަމައަށް ކަށަވަރުކުރެވޭނީ ރާއްޖޭގެ ރައްކާތެރިކަމާ އެކުގައެވެ. ހަމަ އެފަދައިން ރާއްޖެއަށް ވެސް ރައްކާތެރިކަަން ކަށަވަރުވާނީ އަވަށްޓެރި މަދަދުގާރެއްގެ ހައިސިއްޔަތުން އިންޑިއާގެ ރައްކާތެރިކަމާ ވެސް އެކުގައެވެ.
ދިވެހީންގެ ބަޔަކު އިސްކޮށް ތިބެ، އަވަށްޓެރި ސްރީލަންކާގެ ނިރުބަވެރި ޖަމާޢަތަކާ ގުޅިގެން 1988 ވަނަ އަހަރު ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާ ނާކާމިޔާބުކޮށްލުމުގައި އިންޑިއާއިން އެޅި އަވަސް ފިޔަވަޅަކީ މިިކަމުގެ އަލިގަދަ ހެއްކެކެވެ. އެ ދުވަަހުގެހާލަތަށް ބަލާއިރު ދިފާޢީ ގޮތުން ރާއްޖެއަށް އެންމެ އަވަހަށް އެހީތެރިވެވެން އޮތީ ވެސް އިންޑިއާ އަށެވެ.
ކަނޑުމަގުން ރާއްޖެ ދިފާޢުކުރުމުގައި ކުރާ މަސައްކަތަށް އިންޑިއާގެ އެއްބާރުލުންް އެހާ ބޮޑަށް ލިބެނީ މި ސަބަބާ ހެދިއެވެ. ދަ ޖިއޯޕޮލިޓިކްސް ނޫހުން އަންދާޒާކުރާ ގޮތުގައި ރާއްޖޭގައި ދިފާއީ ގޮތުން ހިންގާ ތަމްރީނުތަކުގެ 70 ޕަސެންޓަކީ އިންޑިއާގެ ބައިވެރިވުން އޮންނަ ތަމްރީނުތަކެވެ. އެގޮތުން މިދިޔަ 10 އަހަރުގެ ތެރޭގައި އިންޑިއާއިން ދިވެހި ސިފައިންގެ 1400 މީހުންނަށް އެކި ތަމްރީނުތައް ދީފައިވެއެވެ.
ރާއްޖޭގައި ހިންގާ ކުދިކުދި އެހެން ނަމަވެސް ސީދާ ގޮތެއްގަައި ރައްޔިތުންނަށް އެކަމުގެ މަންފާ ކުރާ މަޝްރޫޢުތަކުން ފެށިގެން އެންމެ ބޮޑެތި މަޝްރޫޢުތަކާ ހަމަ އަށް ވެސް އިންޑިއާގެ އެހީތެރިކަމާއި އެެއްބާރުލުން ލިބެއެވެ. ގުޅިފަޅާއި ވިލިމާލެ، މާލެއާ ގުޅައިލުމަށް އަޅަމުން އަންނަ ތިލަމާލެބް ބްރިޖް މަޝްރޫއާއި ހަނިމާދޫ އެއާޕޯޓް ބައިނަލް އަޤުވާމީ ފެންވަރަށް ތަރައްޤީކުރަން ހިންގާ މަޝްރޫއަކީ މީގެ މިސާލެކެވެ.
އިންޑިއާގެ ބޮޑުވަޒީރުން ރާއްޖެއަށް ކުރައްވާ ދަތުރުތައް ހާއްސަ ވަނީ މިފަދަ ސަބަބުތަކާ ހެދި އެވެ. އިންޑިއާގެ ބޮޑުވަޒީރުން ރާއްޖެއަށް ކުރެއްވި ދަތުރުފުޅުތަކުގެ ލިސްޓް ފެށެނީ 1975 ވަނަ އަހަރު އޭރުގެ ބޮޑުވަޒީރު އިންދިރާގާންދީ ކުރެއްވި ދަތުރުފުޅާ ހިސާބުންނެވެ. އޭގެ ފަހުން 1986 ވަނަ އަހަރު އެކަމަނާގެ ދަރިކަލުން ރާޖީވް ގާންދީ އިންޑިއާގެ ބޮޑުވަޒީރުގެ ހައިސިއްޔަުތުން ރާއްޖެއަށް ޒިޔާރަތްކުރެއްވި އެވެ. އަދި 1990 ވަނަ އަހަރު އޭރުގެ ބޮޑުވަޒީރު ވިޝްވަނާތު ޕްރަތާޕްސިންގ، ހަމަ އެއަހަރު އިންޑިއާގެ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވި ޗަންދުެރާ ޝޭކަރު ވެސް ނޮވެމްބަރު މަހު ރާއްޖެއަށް ވަޑައިގެންނެވި އެވެ. އިންދިރާގާންދީގެ ހަނދާނުގައި މާލޭގައި ބިނާކުރި ހޮސްޕިޓަލް ، އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ޓަކައި 1995 ވަނަ އަހަރު އޭރުގެ ބޮޑުވަޒީރު ނަރަސިމްހަރާއޯ ވަޑައިގެންނެވި އެވެ. ސަރަހައްދީ ޖަމާޢަތް ސާކްގެ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް 1997 ވަނަ އަހަރު އޭރުގެ ބޮޑުވަޒީރު އިންދަރު ކުމާރު ގުޖުރާލް ވަޑައިގެންނެވި އެވެ.
އޭފެ ފަހުން 2002 ވަނަ އަހަރު އަތަލްބިހާރީ ވަޖުޕާއީ އަދި 2011 ވަނަ އަހަރު މަންމޯހަންސިންގް ވެސް ރާއްޖެއަށް ދަތުރުކުރެއްވި އެވެ. ބޮޑުވަަޒީރު ނަރެންދުރާ މޯދީގެ މި ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރަކު ރާއްްޖެއަށް ތަކުރާރުކޮށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.