ބާސެލޯނާގެ ކީޕަރު މާކް-އަންދްރޭ ޓާ ސްޓެގަންއަށް މި ސީޒަނުގައި އެއްވަނަ ހޯލްކީޕަރުކަން ނުދޭތީވެ، އޭނާ ކުލަބަށް ޖެއްސުންކުރުމުގެ ގޮތުން އުނަގަނޑު އޮޕަރޭޝަންކުރަން ނިންމައިފިއެވެ.
ސޯޝަލް މީޑިއާގައި މިކަން އިއުލާނު ކުރަމުން ޓީމުގެ ކެޕްޓަން ބުނީ މި އޮޕަރޭޝަނުގެ ސަބަބުން އޭނާ ކުޅުމާ ދުރުގައި ހުންނާނީ ތިން މަސް ދުވަހު ކަމަށެވެ. އޭނާ މި ގޮތަށް ބުނީ ބާސެލޯނާ އަށް ދަތިކުރުމުގެ ގޮތުންނެވެ.
ސަބަބަކީ ކުލަބުން ނިންމާފައި އޮތީ އެހެން ކުލަބަކަށް ބަދަލުނުވެ، ބާސެލޯނާގައި ހުރެގެން އޭނާ އޮޕަރޭޝަން ކުރާނަމަ ސްޕެނިޝް ލީގުގައި އޭނާ ރަޖިސްޓަރީ ނުކުރުމަށެވެ. އެއީ މާލީ ހާލަތު ހުރި ގޮތުގެ ސަބަބުން ކުޅުންތެރިން ރަޖިސްޓަރ ކުރަން ސްޕެނިޝް ލީގުގެ ގަވާއިދުގައިވާ މިންވަރަށް މުސާރަ ޝީޓުގައި ޖާގަ ނުލިބޭތީ އެވެ.
ނަމަވެސް ޓާ ސްޓެގަންގެ ރަޖިސްޓަރ ނުކުރާނަމަ އޭނާގެ މުސާރައިގެ 80 އިންސައްތަ އެހެން ކުޅުންތެރިން ރަޖިސްޓަރ ކުރަން ބޭނުން ކުރެވޭނެ އެވެ. އެކަމަކު މިކަން ކުރެވޭނީ މަދުވެގެން ކުޅުންތެރިއަކު ހަތަރު މަސް ދުވަހު ނުކުޅެ ހުންނަން ޖެހޭ ނަމަ އެވެ.
ޓާ ސްޓެގަން ކުރީ ބައިގައި އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނީ ތިން މަސް ދުވަހު ކަމަށް ބުނީ ބާސެލޯނާ އަށް އޭނާ މުސާރައިގެ 80 އިންސައްތަ ބޭނުން ކުރުމުގެ ފުރުސަތު ނުދޭން ވެގެންނެވެ. ނަމަވެސް ކުލަބުގެ މެޑިކަލް ޓީމުން ގަބޫލު ކުރަނީ އޮޕަރޭޝަން ކޮށްފިނަމަ ޓާ ސްޓެގަން އަލުން ކުޅެން ނުކުތުމަށް ހަތަރު މަހާއި ފަސް މަހާ ދެމެދުގެ މުއްދަތެއް ހޭދަވާނެ ކަމަށެވެ.
ސްޕޭނުގެ ނޫސްތަކުން ބުނާ ގޮތުގައި މިއީ ބާސެލޯނާއިން ޓާ ސްޓެގަންގެ ނުރުހުމުގައި އޭނާއަށް ކުޅެން ފުރުސަތު ނުދޭން ނިންމުމާ ގުޅިގެން ކުޅުންތެރިޔާ ނިންމި ނިންމުމެކެވެ.
ބާސެލޯނާއިން ގަބޫލު ކުރަނީ އެ ކުލަބުގެ ކެޕްޓަނަށް ގާތްގާތުގައި ކުރިމަތިވާ އަނިޔާތަކުގެ ސަބަބުން އުމުރުން 33 އަހަރުގައި ކުރީގެ މޮޅު ކުޅުމަށް އެނބުރި ނާދެވޭނެ ކަމަށެވެ. މިހެންވެ އެ ކުލަބުން ވަނީ ހުސަވި ސީޒަނުގައި ސްޕޭނުގައި އެންމެ މޮޅަށް ކުޅުނު ކީޕަރު އެސްޕަނިޔޯލްގެ ޖޯން ގާސިއާ ގެނެސްފަ އެވެ. ދެ ވަނަ ކީޕަރަކީ ހުސްވި ސީޒަނުގައި ޓާ ސްޓެގަން އަށް އަނިޔާވުމުން ޓީމަށް ގެނައި ޕޮލެންޑްގެ ކުރީގެ ގައުމީ ކީޕަރު ވޮޝްނިއާ ޝެޒްނީ އެވެ.
ޓާ ސްޓެގަންގެ އަމަލުތައް ހުރި ގޮތުން ބާސެލޯނާއިން ފިޔަވަޅު އަޅާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.