ކުޅިވަރު

ރާއްޖޭގެ ނެޓްބޯޅަ އަމްޕަޔަރެއް ބޭރު މުބާރާތެއްގައި


މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި މަސައްކަތްކުރަމުން އަންނަ ރިލްވާން އާދަމަކީ ނެޓްބޯޅައިގެ ތެރެއަށް ވަރަށް ފަހުންވަތް، އެހެން ނަމަވެސް އެންމެ ބޮޑު ކުރިއެރުމެއް ހޯދި އެއް އަމްޕަޔަރެވެ. ރާއްޖޭގައި ނެޓްބޯޅަ ކުޅޭތާ އެތައް ދުވަހެއް ވެއްޖެއެވެ. ނެޓްބޯޅަ އަމްޕަޔަރުން އެބަތިއްބެވެ. ނަމަވެސް ބައިނަލްއަޤްވާމީ މުބާރާތެއްގައި އަމްޕަޔަރކަންކޮށް ރާއްޖެ ތަމްސީލް ކުރުމުގެ ފުރުޞަތެއް އެންމެ ފުރަތަމަ ހޯދި ދިވެހި އަމްޕަޔަރަކީ އެމްއެންޑީއެފްގެ ޔުނިޓެއް ކަމަށްވާ ސިގްނަލްސްގައި މަސައްކަތް ކުރަމުން އަންނަ ރިލްވާން އާދަމްއެވެ.

ރިލްވާން މިކަމަށް މަސައްކަތްފެށީ މިދިޔަ އަހަރުގެ ތެރޭގައެވެ. ރިލްވާން ބުނިގޮތުގައި އެސޯސިއޭޝަނުން ހިންގި ލޯކަލް އަމްޕަޔަރ ކޯހެއް ފުރިހަމަ ކުރުމަށްފަހު އިތުރަށް ކުރިޔަށް ދިއުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިކަމަށެވެ.

" އޭޝިއަން ނެޓްބޯލް ފެޑެރޭޝަންގެ ބޭސިކް ކޯހެއް އެސޯސިއޭޝަނުން ޢިއުލާންކުރި. އެކޯހަށް އަނެއްކާވެސް އެޕްލައި ކުރީ މިދާއިރާއިން އިތުރަށް ކުރިޔަށް ދިއުމަށް ބޭނުންވާތީ. އެޕްލައި ކުރުމަށްފަހު އަޅުގަނޑު އެ ކޯސް ކޮމްޕްލީޓްކުރިން. އަދި އެކޯހުން އެމީހުން ޤަބޫލުކުރާ ފެންވަރަސް އަމްޕަޔަރކަން ކުރެވޭ ފެންވަރުގެ އަށްބައިވެރިއަކު އޭޝިއަން ނެޓްބޯލް ފެޑެރޭޝަނުން ހޮވި. އެއަށް ބައިވެރިންގެ ތެރޭގައި އަޅުގަނޑުވެސް ހިމެނުނު. " ރިލްވާން މަސައްކަތް ކުރަމުން އައި ގޮތް ކިޔައި ދެމުން ފާހަގަކުރިއެވެ.

img:http://s2.psmnews.mv/images/660x400/14702310825003.jpg|ރިލްވާން ތައިލެންޑްގައި

އިސްކޮޅުން ދިގު ރިލްވާންއަކީ އޭޝިއަން ނެޓްބޯޅް ފެޑެރޭޝަނުންދޭ ސީލައިސެންސް ޓެސްޓިން ފުރިހަމަކޮށް ސީ ބެޖް ޙާސިލްކޮށްފައިވާ އަމްޕަޔަރެކެވެ. ރިލްވާން ބުނިގޮތުގައި އެކަމަށްވެސް ބުރަ މަސައްކަތްތަކެއް ކުރަން ޖެހުނެވެ.

" ސީ ބެޖް ޓެސްޓިންގގައި ނަވާރަ ބައިވެރިއަކު ބައިވެރިވި. އޭގެތެރެއިން ސީބެޖް ޓެސްޓް ކޮމްޕްލީޓްކޮށް ކޯސް ނިންމުމަށްފަހު ހަ ބައިވެރިއަކަށް ސީބެޖް ލައިސެންސްދިން. އެ ހަބައިވެރިންގެ ތެރޭގައި އަޅުގަނޑު ހިމެނުނު. އަޅުގަނޑާއެކު ރާއްޖޭގެ އިތުރު ތިން ކުދިންވެސް ހިމެނުނު. ދެން ހިމެނުނީ ހޮންގްކޮންގއާއި ތައިލެންޑްގެ ދެބައިވެރިން. އަޅުގަނޑު މިފުރުޞަތުގައިވެސް ފާހަގަކޮށްލަން ރާއްޖޭގެ ރެފްރީންވެސް އަމްޕަޔަރުންވެސް ރާއްޖެއިން ބޭރުގެ ކޯސްތަކަށް ގޮސް ވަރަށް ރަނގަޅު ކާމިޔާބީތަކެއް ހޯދަމުން އަންނަކަން. " ރިލްވާން ބުންޏެވެ. 

ތައިލެންޑްގައި މިހާރު ކުރިޔަށްދާ 10ވަނަ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕްގެ ގިނަ މެޗްތަކުގައި އަންނަނީ އަމްޕަޔަރކަން ކުރަމުންނެވެ. ރިލްވާނެ އަމްޕަޔަރިންގއާ ދޭތެރޭ ދެކެނީ ކިހިނެއްތޯ އަޅުގަނޑު ސުވާލްކޮށްލީ ތައިލެންޑްގައި މިވަގުތު ހުރި އިންޓަރނޭޝަނަލް ނެޓްބޯލް ފެޑެރޭޝަންގެ އަމްޕަޔަރސް ޕްރެޒިޑެންޓް ކްރިސް ޓައިމް ބާޓަންއާއެވެ. ކްރިސްވިދާޅުވީ ރިލްވާނަކީ އޭޝިޔާގައި މިވަގުތު އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ އެއްނެޓްބޯޅަ އަމްޕަޔަރކަމަށެވެ.

" ރިލްވާނަކީ ވަރަށް އިތުބާރާ ޔަޤީންކަމާއެކު މެޗްތަކުގައި އަމްޕަޔަރކަންކުރާ އަމްޕަޔަރެއް. އޭނަގެ އެންމެ މުހިންމު އެއް ސިފައަކީ ރަނގަޅު އަޚްލާޤާއި ފިޓްނަސް އެއް ފެންވަރެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރަމުން އަންނަ ގޮތް. އުއްމީދަކީ ރިލްވާންކަހަލަ އިތުރު އިންޓަރނޭޝަނަލް އަމްޕަޔަރސް ރާއްޖެއިން ފެނުން. " އިންޓަރނޭޝަނަލް ނެޓްބޯޅަ ފެޑެރޭޝަންގެ އަމްޕަޔަރސް ޕްރެޒިޑެންޓް ކްރިސް ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14702305439857.jpg|އިންޓަރނޭޝަނަލް ނެޓްބޯލް ފެޑެރޭޝަންގެ އަމްޕަޔަރސް ޕްރެޒިޑެންޓް ކްރިސް ޓައިމް

ރިލްވާން ފާހަގަކުރި ގޮތުގައި މި ފުރުޞަތަކީ އެންމެނަށްވެސް އޮތް ފުރުޞަތެކެވެ. ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ ކާމިޔާބުވާނެއެވެ. ރިލްވާންބުނީ މީ އެތައް ބައެއްގެ އެހީތެރިކަމާ އެއްބާރުލުމުގެ ނަތީޖާ ކަމަށެވެ. އެގޮތުން ކަމާބޭހޭ މުއައްސަސާތައް ރިލްވާން ފާހަގަކުރިއެވެ. އޭގެތެރެއިންވެސް ޚާއްސަ ގޮތެއްގައި ފާހަގަކޮށްލަން ބޭނުންވީ ނެޓްބޯޅަ އެސޯސިއޭޝަނާއި ރިލްވާން މަސައްކަތް ކުރަމުން އަންނަ އެމްއެންޑީއެފްގެ ވެރިންނާއި މަސައްކަތްކުރާ ޔނިޓްގެ ވެރިންނާއި މުވައްޒަފުންގެ އެއްބާރުލުމެވެ. ރިލްވާންބުނީ އެފަރާތްތަކުގެ އެއްބާރުލުން ނެތި މިފަދަކަމެއް ކުރުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށެވެ.

ރިލްވާނަކީ ނެޓްބޯޅައގެ އިތުރުން ދާދިފަހުން ރާއްޖޭގައި ފެށި ހޭންޑްބޯޅައިގެވެސް ރެފްރީއެކެވެ. އިންޑިޔާގެ ގުވަހަޓީގައި ކުރިޔަށްދިޔަ ސައުތު އޭޝިއަން ގޭމްސްގައިވެސް ރިލްވާންވަނީ ހޭންޑްބޯޅަ މެޗްތަކުގައި ރެފްރީކަން ކޮށްފައެވެ. ރިލްވާނަކީ އިންޓަރނޭޝަނަލް ހޭންޑްބޯލް ރެފްރީއެއްވެސް މެއެވެ. ބައިނަލްއަޤްވާމީ ހޭންޑްބޯޅަ މުބާރާތެއްގަައި ފުރަތަމަ ރެފްރީކަންކުރި ދިވެއްސަކީވެސް ރިލްވާން އާދަމްއެވެ.