ޚަބަރު

ބަންގްލަދޭޝްގައި އަސްކަރީ މަތިންދާބޯޓެއް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ ޢަދަދު 31އަށް


ބަންގްލަދޭޝްގެ ވެރިރަށް ދާކާގެ މަދަރުސާއަކަށް އަސްކަރީ މަތިންދާބޯޓެއް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 31އަށް އުފުލިއްޖެއެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ އެ މަދަރުސާގައި ތަޢުލީމު ހާސިލު ކުރަމުން ދިޔަ ދަރިވަރުންނެވެ. ވެއްޓިފައި ވަނީ ތަމްރީނުތަކުގައި ބޭނުން ކުރާ މަތިންދާބޯޓެކެވެ. އެ ހާދިސާއާ ގުޅިގެން ސަރުކާރާ ދެކޮޅަށް އަޑުއުފުލުމަށް ދާކާގައި މުޒާހަރާތަކެއް ވަނީ ފަށާފައެވެ.

މައިލްސްޓޯން ސްކޫލް އެންޑް ކޮލެޖަށް ވެއްޓިފައި ވަނީ ޗައިނާގައި އުފައްދާފައިވާ އެފް-7 ބީޖީއައި މަރުކާގެ އަސްކަރީ މަތިންދާބޯޓެކެވެ. އެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި 25 ދަރިވަރުން ހިމެނޭއިރު، އޭގެ ތެރޭގައި ގިނައީ 12 އަހަރުން ދަށުގެ ކުދިންނެވެ. ގިނަ ކުދިންތަކެއް މަރުވީ، މަތިންދާބޯޓު ވެއްޓި، އިމާރާތުގައި ރޯވި އަލިފާންގަނޑުގައި ކަމުގައި ރިޕޯޓުތައް ބުނެއެވެ.

އެ މަދަރުސާ ހުންނަ ސަރަޙައްދަށް ބަންގްލަދޭޝްގައި ވެރިކަން ކުރާ ވަގުތީ ސަރުކާރުގެ އިސް އޮފިޝަލުންތަކެއް ޒިޔާރަތް ކުރުމާ އެކު، ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ސަރަޙައްދަށް ޖަމާވެ، ސަރުކާރާ ދެކޮޅަށް އަޑު އުފުލަން ފަށާފައެވެ. އޭގެ ތެރޭގައި އެ މަދަރުސާގެ އިތުރުން އެ ސަރަޙައްދުގައި ހުރި އެހެން މަދަރުސާތަކުގެ ދަރިވަރުން ހިމެނެއެވެ. "އަޅުގަނޑުމެންގެ އަޚުން މަރުވީ ކީއްވެ؟ އަޅުގަނޑުމެން ޖަވާބު ބޭނުން،" އެ ދަރިވަރުން ގޮވަމުން ދިޔައެވެ. އަދި، މަރުވި ދަރިވަރުންނަށް އިންސާފު ހޯދައިދިނުމަށް ވެސް މުޒާހަރާގެ ބައިވެރިން ގޮވައިލިއެވެ.

މަތިންދާބޯޓު ވެއްޓުނު ހާދިސާއާ މެދު ހިތްހަމަނުޖެހުން ފާޅު ކުރުމުގެ ގޮތުން ދާކާގެ އެހެން ސަރަޙައްދެއްގައި ހުންނަ ސަރުކާރު އޮފީހަކަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގެއްލުންދީފައެވެ. އަދި، ވަގުތީ ސަރުކާރުގައި ތަޢުލީމީ ދާއިރާގެ މުޝީރު ކަމުގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅާގެ އިސްތިޢުފާއަށް ގޮވައިލާފައެވެ. އެ މީހުން ހުއްޓުވުމަށް ފުލުހުން ބާރުގެ ބޭނުން ކޮށްފައިވެއެވެ.

މައިލްސްޓޯން ސްކޫލް އެންޑް ކޮލެޖަށް ވެއްޓިފައި ވަނީ އެ ސަރަޙައްދުގައި އޮތް އަސްކަރީ ވައިގެ ބަނދަރަކުން ފުރި މަތިންދާބޯޓެކެވެ. ބަންގްލަދޭޝްގެ އަސްކަރިއްޔާއިން ބުނީ، އެއީ އަސްކަރީ ތަމްރީނުތަކެއްގެ ދަށުން ދަތުރު ކުރަމުން ދިޔަ އުޅަނދެއް ކަމުގައެވެ. އަދި، މަތިންދާބޯޓު ވެއްޓިފައި ވަނީ ޓެކްނިކަލް މައްސަލައެއް ކުރިމަތިވެގެން ކަމަށާއި، މި ހާދިސާގައި އެ އުޅަނދުގައި އިން ޕައިލެޓު ވެސް މަރުވެފައިވާ ކަމުގައި އަސްކަރިއްޔާއިން ބުންޏެވެ.

މި ހާދިސާގައި މަރުވި މީހުންގެ އަދަދު 31އަށް އުފުލިފައިވާއިރު، ޒަޚަމުވި 165 މީހަކަށް ފަރުވާ ދިނުމަށް ހަސްފަތާލުގައި އެޑްމިޓު ކުރަން ޖެހުނެވެ. އޭގެ ތެރެއިން 70 މީހަކަށް އަދިވެސް ފަރުވާ ދެމުންދާ ކަމުގައި ބަންގްލަދޭޝްގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. މި ހާދިސާއާ ގުޅިގެން ބަންގްލަދޭޝްގައި ވަނީ ހިތާމައިގެ ދުވަހެއް އިޢުލާނު ކޮށްފައެވެ.