ޚަބަރު

އޯގާތެރި މުޖުތަމަޢެއް ބިނާކުރުމުގައި މީޑިއާގެ ދައުރު ބޮޑު: ނަމްޒާ


އޯގާތެރި މުޖުތަމަޢެއް ބިނާކުރުމުގައި މީޑިއާގެ ދައުރު މުޙިއްމު ކަމަށް ޕީ.އެސް.އެމްގެ ޗެއަރޕަރސަން އައިމިނަތު ނަމްޒާ ވިދާޅުވެއްޖެއެވެ. ނަމްޒާ މިހެން ވިދާޅުވީ ކެންބޯޑިއާގެ ސިއަމްރީޕް ގައި މިހާރު ކުރިއަށްދާ ސަރަޙައްދީ މީޑިއާތަކުގެ އެންމެ ބޮޑު ބައްދަލުވުން ކަމުގައިވާ 20ވަނަ އޭޝިއާ މީޑިއާ ސަމިޓްގެ ޕްލިނަރީ ސެޝަނެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަމިޓްގެ ތެރެއިން ވަނީ ބްރޮޑްކާސްޓިންގ އަދި މީޑިއާ ދާއިރާއާ ގުޅުންހުރި ޕެލެނަރީ ސެޝަންތަކެއް ސަމިޓްގައި ބައިވެރިވި ތަޖުރިބާކާރުންގެ ބައިވެރިވުމާއި އެކު ކުރިއަށް ގެންގޮސްފައެވެ. މީގެ 2 ވަނަ ސެޝަން ޚާއްސަކޮށްފައި ވަނީ
"އިންސްޕެއަރިންގ ވޮއިސަސް ފްރޮމް އެކްރޮސް ދި ވޯލްޑު" މިމައުޟޫއަށެވެ. މި ޕްލިނަރީ ސެޝަންގެ ޕެނެލިސްޓެއްގެ ގޮތުގައި ޕަބްލިކް ސަރވިސް މީޑިއާގެ ޗެއަރޕަރސަން އައިމިނަތު ނަމްޒާ ވަނީ ބައިވެރިވެފައެވެ.

ނަމްޒާ ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިއަދު އަޅުގަނޑުމެންނަށް ނުއިވޭ އަޑުތަކެއް އެބަހުރި ކަމަށެވެ. އެއީ ނާޒުކު ހާލަތުގައި ދިރިއުޅެމުންދާ މީހުންނާއި އެކިކަހަލަ ތަކުލީފުތަކުގައި ދުވަސްތައް ގުނަމުންދާ އަދި އެކިކަހަލަ އިބުރަތްތެރި ފިލާވަޅުތައް ހާޞިލްކުރެވޭނެ ހާދިސާތަކާއި ކުރިމަތިލާފައިވާ ފަރާތްތަކުގެ ވާހަކަތައް މީޑިޔާގައި ޖައްކަން ޖެހޭކަމަށް އެކަމާނެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

މިފަދަ ވާހަކަތަކުން މުޖުތަމައުގެ ފަރުދުންގެ މެދުގައި އިހުސާންތެރިކަމާއި ކުލުނުވެރިކަމުގެ އިތުރުން އޯގާތެރިކަމާއި އެހީތެރިކަން އާލާކުރެވޭނެ ކަމަށާއި މިފަދަ މީހުންގެ ވާހަކަ ތަކުން އަނެކުންނަށްވެސް އިބުރަތް ހާސިލުކުރެވި ތިމާއަށް ލިބިހުރި ނިއުމަތްތަކަށް ޝުކުރުވެރިވާ ބަޔަކަށް މުޖުތަމަޢުގެ މީހުން ހަދައިދޭކަމުގައިވެސް ނަމްޒާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ޓެކްނޮލޮޖީގެ އައު ވަސީލަތްތަކާއީ އަރޓިފިޝިއަލް އިންޓެލިންޖެންސްއާ އެނޫންވެސް އީޖާދީ އައު ގޮތްތަކައި އެކު މީޑިއާ ކުރިއަރައި ދާންޖެހުނު ނަމަވެސް މި ރޭހުގައި ފައިހަމަކުރާއިރު އިންސާނީ އިހުސާސްތަކާއި ތަޖުރިބާތައް ފުހެވިގެންދާން ދޫކޮށްލައިގެން ނުވާނެކަމަށްވެސް ވިދާޅުވިއެވެ.

މިފަދަ ވާހަކަތަކަކީ އެކި ބަހުރުވައިން ވާހަކަ ދައްކާ އެކި ޤައުމުތަކުގައި ދިރިއުޅޭ އެކިކަހަލަ އެތައް ބަޔަކު ގުޅުވާދޭ މުހިއްމު ވަސީލަތެއްކަމަށާއި މިވަސީލަތުގެ ބޭނުން ޒިިންމާ ދާރުކަމާއި އެކު ހިފުމަށް މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ނަމްޒާ އިލްތިމާސް ކުރިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ނުހަނު އިސްކަން ދެއްވާކަމަށާއި އެމަނިކުފާނުގެ ސިޔާސަތު ތަކުން އެކަން ފުރިހަމައަށް ފެންނަކަންވެސް ނަމްޒާ ފާހަގަކުރެއްވިއެވެ. އަދި ޕީ.އެސް.އެމުން އުފައްދާ އާންމުންނާއި ހަމައަށް ގެނެސްދޭ ޕްރޮގްރާމްތަކަކީވެސް އޯގާތެރި މުޖުތަމައުއެއް ބިނާކުރުމަށް ބާރުއަޅާ ޕްރޮގްރާމްތަކަށް ހެދުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަަށް ނަމްޒާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ސެޝަންގައި ބައިވެރިވި މަންދޫބުން ވަނީ ޗެއަރޕަރސަން ނަމްޒާގެ ވާހަކަފުޅަށް ތަރުހީބުު ދެއްވާފައެވެ.