ސިއްހަތު

ބޭރަށް ހިންގުން އިތުރުވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި


މިދުވަސްވަރު މާލެއާއި ބައެއް އަތޮޅުތަކުގައި ބޭރަށް ހިންގުން އިތުރުވަމުންދާތީ، ސާފުތާހިރުކަމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއްދިނުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އިލްތިމާސްކުރައްވައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭ އިން ވިދާޅުވީ އެޖެންސީއަށް ލިބެމުންދާ ރިޕޯޓްތަކުން ބޭރަށް ހިންގުން އިތުރުވަމުންދާކަމަށް ފާހަގަކުރެއްވިފައިވާކަމަށެވެ. ބޭރަށް ހިންގުމަކީ އާއްމުގޮތެއްގައި ކާބޯތަކެއްޗާއި ފެނުގެ ޒަރީއާއިން ފެތުރޭ ބައްޔެއްކަމުން ސާފުތާހިރުކަމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަމަށް ސަމާލުކަންދީ، ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. 

އަދި ބޭރަށް ހިންގުން ޖެހިއްޖެނަމަ ގިނައިން ދިޔާތަކެތި ބޭނުންކުރުމަށާއި، ޑޮކްޓަރެއްގެ ލަފާގެ މަތިން ފަރުވާ ކުރިއަށްގެންދިޔުމާއި، ފަރުވާ ފުރިހަމަކުރުމަށް ސަމާލުކަންދިނުމަށްވެސް އެފަރާތުން އިލްތިމާސްކުރައްވައެވެ.