ކުޅިވަރު

އޭޝިއަން ނެޓްބޯޅަ މުބާރާތުގެ ދެވަނަ މެޗުންވެސް ރާއްޖެ ބަލިވެއްޖެ


ދިހަވަނަ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެވަނަ މެޗުންވެސް ބަލިވެއްޖެއެވެ. މުބާރާތުގައި ތަފާތު ކުޅުމެއް ދައްކަމުން އަންނަ ހޮންގްކޮންގއާ ދެކޮޅަށް ކުޅެ ރާއްޖޭގެ ޤައުމީ ނެޓްބޯޅަ ޓީމް ބަލިވީ 71 ޕޮއިންޓް 8 ޕޮއިންޓުންނެވެ.

ނެޓްބޯޅައިގައި ސަރަޙައްދުގެ ގަދަބާރެއް ކަމަށްވާ ހޮންގްކޮންގވަނީ ކުޅުނު ފުރަތަމަ މެޗްގައި މުބާރާތް ބާއްވާ ޤައުމު ތައިލެންޑްގެ މައްޗަށްވެސް ކުރި ހޯދާފައެވެ. އެއީ 49 ޕޮއިންޓް 28 ޕޮއިންޓުންނެވެ. މިނަތީޖާއާއެކު ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ފައިނަލަށް ދަތުރުކުރުމުގެ އުއްމީދު ހޮންގކޮންގއަށްވަނީ ވަރަށް ބޮޑަށް ފަހިވެފައެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ތިންވަނަ މެޗްގައި މާދަމާ ނިކުންނާނީ ޗައިނީޒް ތައިޕޭއާ ދެކޮޅަށެވެ. ޗައިނީޒް ތައިޕޭވެސް އަދި މިމުބާރާތުގެ މެޗަކުން މޮޅުވެފައެއްނުވެއެވެ. އެޓީމް ކުޅުނު ފުރަތަމަ މެޗްގައި ސިންގަޕޯއަތުންވަނީ ބަލިވެފައެވެ.