ރާއްޖޭގައި މިހާރު އަޅަމުންދާ ފިޓްނެސް ސެންޓަރުތަކަކީ ޢާންމު ރައްޔިތުންގެ ދުޅަހެޔޮކަމަށްޓަކައި ކުރެވޭ އިންވެސްޓްމަންޓުތަކެއްކަމަށް ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ވަޒީރު ރާފިޢު މިހެން ވިދާޅުވެފަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒާއެކު މިލަދުންމަޑުލު ދެކުނުބުރިއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މަނަދޫގައި ހުންނަވާ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.
ކުޅިވަރު ވަޒީރު ވިދާޅުވީ ބިންގާ އެޅިގެންމިދާ ފިޓްނެސް ސެންޓަރުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒުގެ ވަޢުދުފުޅާއެއްގޮތަށް ހަށިހެޔޮ ރާއްޖެއެއް ބިނާކުރުމުގެ މަޤްޞަދުގައި ޤާއިމުކުރެވިގެންދާ ބިނާތަކެއްކަމަށެވެ. އަދި އަމާޒަކީ މިއަހަރާ ކުރިއަށް އޮތް އަހަރު ހިމެނޭހެން މުޅި ރާއްޖޭގައި ފިޓްނެސް ސެންޓަރުތައް ޤާއިމުކޮށް ދުޅަހެޔޮ ޞިއްޙަތަކަށް އާންމު ރައްޔިތުން އަހުލުވެރިކުރުވާ ދިވެހިރާއްޖެއަކީ ޞިއްޙީގޮތުން ދުޅަހެޔޮ ޤައުމަކަށް ހެދުންކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
"މިއަހަރާ އަންނަ އަހަރުގެ ތެރޭގައި މުޅި ރާއްޖޭގައި ފިޓްނެސް ސެންޓަރުތައް ޤާއިމުކޮށް ހެލްތު އެންޑް ވެލްބީންއަށް އަހަންމިއްޔަތުކަން ދެއްވައިގެން އާންމު ރައްޔިތުންގެ ދުޅަހެޔޮ ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށްޓަކައި ކުރެވޭ ވަރަށް ބޮޑު އިންވެސްޓުމަންޓުތަކެއް މުޅި ރާއްޖެއަށް ފޯކަސްކޮށްގެން. އެހެންވީމަ މީ އަޅުގަނޑު ހިތުން ކޮމްޕެޓެޓިވް ސްޕޯޓްސްގެ އިތުރުން ކުދި ބޮޑު އެންމެނަށް ފިޓްނެސްއަކީ މުހިންމުކަމެއްކަމުގައި އަންގައިދީ އެކަމަށް އަހުލުވެރިކުރުވުމުގެ ގޮތުން މުޅި ރާއްޖޭގައި ބިނާކުރެވިގެންދާނެ ވަޞީލަތްތަކެއް" ވަޒީރު ވިދާޅުވެފަވެއެވެ.
ރާއްޖޭގައި މިހާރު ޤާއިމުކުރެވިގެން މިދާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކަކީ ޒަމާނީ ވަސީލަތްތަކާއެކު ޤާއިމުކުރުމަށް ރާވާފައިވާ ސެންޓަރުތަކެކެވެ. މިގޮތުން އިންޑޯ ޖިމްތަކާއި އެރޮބިކްސް ފަދަ ކަސްރަތުތަކުގެ އިތުރުން ބޯޑު ގޭމުތައް ކުޅެވޭނެ އިންތިޒާމުތައް މިތަންތަނުން ހަމަޖެހިގެންދާނެކަމަށް ވަޒީރު ވިދާޅުވެފަވެއެވެ.
މި އަހަރުގެ މިހާތަނަށް 50 އަށްވުރެ ގިނަ ކުޅިވަރުގެ މަޝްރޫއުތައް ސަރުކާރުން ނިންމާ ރައްޔިތުންނާ ހަވާލުކޮށްފަވާއިރު، މިއަހަރަކީ ކުޅިވަރު ވުޒާރާއިން އެންމެ ގިނަ މަޝްރޫޢުތައް ނިންމާ ހަވާލުކުރާނެ އަހަރަށް ވެގެންދާނެކަމަށްވެސް ކުޅިވަރު ވަޒީރުވަނީ ދާދިފަހުން ވިދާޅުވެފައެވެ.