ޚަބަރު

"ޕީސް އިޒް ޕޮސިބަލް"ގައި ގިނަ ކުންފުނިތަކަކުން ބައިވެރިވުން


ޖޫނިއަރ ޗޭމްބަރސް އިންޓަރނޭޝަނަލް - ޖޭސީއައި އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ސުލްޙައިގެ ކެމްޕެއިން "ޕީސް އިޒް ޕޮސިބަލް"ގައި ރާއްޖޭގެ ގިނަ ކުންފުނިތަކަކުން ބައިވެރިވެއްޖެއެވެ.

މިކަމަށްޓަކައި ޝީ ބިލްޑިންގ ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖޭސީއައިގެ ރައީސް ޕާސްޗަލް ޑިލާ ވިދާޅުވީ މި ކެމްޕެއިނުގެ ބޭނުމަކީ ކުންފުނިތަކުގެ އިޖްތިމާޢީ ޒިންމާގެ ދަށުން މުޖުތަމަޢުގެ ބޭނުންތައް ދެނެގަނެ އެކަންކަން ޙައްލުކުރަން މަސައްކަތް ކުރުން ކަމަށެވެ. އަދި އެކަންކަން ކުރުމުގައި މުހިންމީ ކަމެއް ފެށުން ނޫން ކަމަށާއި ކަންކަން ދިރުވައި ދެމެހެއްޓެނެވި ގޮތެއްގައި، މުޖުތަމަޢަށް ފައިދާކުރާނެ ގޮތުގައި ކުރިއަށް ގެންދިއުން ކަމަށެވެ. އަދި ޖޭސީއައިގެ މެންބަރުންގެ ގޮތުގައި ދުނިޔޭގެ ކަންކޮޅުތަކުގައި ދެ ލައްކައަށްވުރެ ގިނަ މެންބަރުން އެބަތިބި ކަމަށާއި އެ އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ މުޖުތަމަޢުތަކަށް ބޮޑެތި ބަދަލުތައް ގެނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ކެމްޕޭނުގެ ދަށުން ރާއްޖޭގައި ހިންގުމަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި އިންޓަރނޭޝަނަލް ޕީސްޑޭ ކަމަށްވާ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ބާއްވާ ބޮޑު ހިނގާލުމާއި ފޮޓޯ މައުރަޒަކާއި ސޮނީ ސްޕޯޓްސް އާއި ގުޅިގެން ބާއްވާ ޗެރިޓީ ރަން ފަދަ ހަރަކާތްތައް ހިމެނެއެވެ.

މިކެމްޕޭންގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި ޕަބްލިކް ސާރވިސް މީޑިއާ - ޕީއެސްއެމް، އެސްޓީއޯ، މޯލްޑިވްގޭސް، މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް -އެމްއޭސީއެލް، އުރީދޫ، ނިޔުރޭޑިއަންޓް ސްޕޯޓްސް ކްލަބް އަދި ސޮނީ ސްޕޯޓްސް ހިމެނެއެވެ.