ޚަބަރު

ސީއެސްސީއަށް ވަނުމަށް ދެވޭ އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރަނީ


ސިވިލް ސަރވިސްއަށް ވަނުމަށް ދެވޭ އިމްތިޙާނުގެ އެޕްލިކޭޝަން އަންނަ އާދީއްތަ ދުވަހުން ފެށިގެން ދޫކުރައްވަން ފައްޓަވާނެކަމަށް ޑިޕަރޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ވިދާޅުވެއްޖެއެވެ.

އެ ޑިޕަރޓްމަންޓް ވިދާޅުވިގޮތުގައި އެޕްލިކޭޝަން ދޫކުރެއްވުމާއި ފައިސާ ބަލައިގެންނެވުން މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދަވާނެއެވެ. އަދި މި އިމްތިޙާން ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ނޮވެމްބަރމަހުގެ 14 ވަނަ ދުވަހު ކަމަށް ޑިޕަރޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ވިދާޅުވެއެވެ.

މި އިމްތިޙާނަކީ ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް އެދޭ ފަރާތްތަކަކީ މަސައްކަތުގެ މާޙައުލަށް ބޭނުންވާ މައިގަނޑު ހުނަރުތައް ލިބިފައިވާ، ވަޒީފާއަށް ޤާބިލް ފަރާތެއްތޯ ދެނެގަތުމަށް ދެވޭ އިމްތިޚާނެއް ކަމަށް ސިވިލްސަރވިސް ކޮމިޝަނުން ވިދާޅުވެފައިވެއެވެ.

އިމްތިޙާނުގެ މުޤައްރަރު އެކުލެވިގެންވަނީ ސިވިލް ސަރވިސްގައި މަސައްކަތް ކުރުމަށް ބޭނުންވާ ދިވެހި ބަހާއި ލިޔުންތެރިކަމުގެ ހުނަރާއި، ހެޔޮގޮތުގައި މުޢާމަލާތްކޮށް، ރަނގަޅަށް މުވާޞަލާތު ކުރުމުގެ ހުނަރު ވަޒަންކުރުމުގެ ބައިތައް ކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.

އިމްތިޙާނުގެ ސެޓްފިކެޓް ވެލިޑިޓީއަކީ 3 އަހަރު ދުވަހެވެ. ސިވިލް ސަރވިސްއަށް ވަނުމަށް އެދޭ ފަރާތްތަކުން ފުރިހަމަކުރާ މި އިމްތިޙާނުގައި، މިހާރު ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުން ބައިވެރިވުން ލާޒިމް ނުވިނަމަވެސް، އެ މުވައްޒަފަކު މަސައްކަތްކުރާ އިދާރާ ބަދަލުކުރާނަމަ، މި އިމްތިޙާން ހަދަންޖެހެއެވެ. އިމްތިޙާނުން 75 އިންސައްތައަށްވުރެ މަތިން ހޯދާ ފަރާތްތަކަށް ފާސް ސެޓްފިކެޓެއް ދެވޭއިރު، އެގްޒެކެޓިވް ލެވެލްގެ ވަޒީފާތަކަށް ކުރިމަތިލައްވާ ފަރާތްތަކުން މި އިމްތިޙާނުގެ އިތުރުން އިތުރު ޓެސްޓްތަކެއް ހަދަން ޖެހޭނެ ކަމަށް ސީއެސްސީ އިން ވިދާޅުވެއެވެ.