ޖުލައި 13ވަނަ ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 16 އަހަރުގެ ފިރިހެން ކުއްޖާ ފަރުވާއަށްފަހު ދޫކޮށްލައިފާވާ ކަމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުން ވިދާޅުވެއްޖެއެވެ.
އައިޖީއެމްއެޗުން ވިދާޅުވީ އަނިޔާވި 16 އަހަރުގެ ފިރިހެން ކުއްޖާ ފަރުވާއަށްފަހު އިއްޔެ ދޫކޮށްލައިފާވާއިރު 40 އަހަރުގެ ފިރިހެން މީހާ ވެންޓިލޭޓަރުން ނަގާފައިވާކަމަށެވެ. އޭނާއަށް ފަރުވާދެމުންގެންދަނީ އައިސީޔޫގައެވެ.
ޖުލައި 13ވަނަ ދުވަހުގެ ރޭ މާފަންނު ބަސް ޓާމިނަލް ކުރިމަތިން ކަފިހި ހުރަސްކައިރިން މަގު ހުރަސްކުރި މީހެއްގެ ގައިގައި އެވަގުތު އެތަނުންދިޔަ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން 17 އަހަރުގެ ޔޫސުފް އަލްސަން މުޙައްމަދު ވަނީ ނިޔާވެފައެވެ.
40 އަހަރުގެ އެ ފިރިހެން މީހާއަކީ މަގު ހުރަސްކުރަނިކޮށް ސައިކަލުން ޖެހުނު ފަރާތެވެ. އަދި ފަރުވާއަށްފަހު މިހާރު ދޫކޮށްލާފައިވާ 16 އަހަރުގެ ކުއްޖާއަކީ އެކްސިޑެންޓުވި ސައިކަލުގެ ފަހަތުގައި އިން ކުއްޖާއެއެވެ.
މިއެކްސިޑެންޓުގައި ނިޔާވި އަލްސަންއަކީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންކަމުގައިވާ މަރިޔަމް އަޝްފާ އާއި މުޙައްމަދު އަބްދުލްޣަނީ (ތޭރަވާ)ގެ ހަމައެކަނި ދަރިފުޅެވެ.