ޚަބަރު

ގައުމީ ޓީމުގެ ފެންވަރު މަތިކުރުމަށް އެކެޑަމީތަކަށް ފުރުސަތުތައް ފަހިވާންޖެހޭ: އަކުރަމް


ރާއްޖޭގެ 18 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުން ފެންނަނީ އެކެޑަމީތަކުން ކުރާ މަސައްކަތް ކަމަށާއި، މުސްތަގުބަލުގައި ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް އެކެޑަމީތަކަށް މިހާރަށްވުރެ ބޮޑަށް ފުރުސަތުތައް ފަހިވާންޖެހޭ ކަމަށް ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަކުރަމް އަބްދުލްޣަނީ ބުނެފިއެވެ.

މޯލްޑިވްސް ސޮކަރ މޭޓްސް އެކަޑަމީގައި ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އަކުރަމް ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ބުނީ ރާއްޖޭގެ ފުޓްބޯޅައިގައި ޔޫތް ޑިވެލޮޕްމެންޓަށް ކުރިޔަށް އޮތްތަނުގައިވެސް އެންމެ ބޮޑަށް އެހީތެރިވެދޭނެ އެއް ބަޔަކީ އެކަޑަމީތައް ކަމަށެވެ.

އަކުރަމް ބުނީ ފުޓްބޯޅަ ވަރަށް ދަށުގައި އޮވެ މިދިޔަ ދުވަސްތަކުގައިވެސް ފުޓްބޯޅަ ދިރުވަން މަސައްކަތްކޮށް ބޯޅަ ހިފަހައްޓަމުން ދިޔައީ އެކަޑަމީތަކުން ކަމަށެވެ.

އެހެންކަމުން މިހާރަށްވުރެ ރަނގަޅަށް އެކަޑަމީތައް ހިންގާނެ ގޮތްތަކެއް ހޯދަންޖެހޭ ކަމަށާއި، މިހާރު އެކަޑަމީތައް ހިންގަނީ ވަރަށް އުނދަގޫ ގޮތަކަށް ކަމަށް އަކްރަމް ބުންޏެވެ. ވަސީލަތްތަކުގެ ދަތިކަމާހުރެ އެކަޑަމީތަކުގެ ފަރިތަކުރުންތަކަށް އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށާއި މިކަމަށް ކަމާބެހޭ ފަރާތްތަކުން އަވަސް ހައްލެއް ގެނެސްދޭން ޖެހޭ ކަމަށް އަކުރަމް ބުންޏެވެ.

އަދި ރާއްޖޭގެ ސީނިއާ ޓީމަށް އަރަންތިބި ކުދިންނަށް އެކަޑަމީ ލެވެލްގައި ރަނގަޅަށް ޓްރޭނިން ދެވި ވާދަވެރި މުބާރާތްތައް ކުޅުމުގެ ފުރުސަތު ފަހިކޮށްދޭން ޖެހޭ ކަމަށް އަކުރަމް ބުންޏެވެ.

"މިހާރު މިއޮތް ދެ ޓާފް ދަނޑުން ވަރަށް އުނދަގޫ ފަރިތަކުރުންތައް ބާއްވަން ކޮންމެ އެކަޑަމީއަކަށް ލިބެނީ ދެ ދުވަސް، އެހެންވީމަ އެނޫން ގޮތެއްވެސް އެކަޑަމީތަކަށް ހޯދަދޭން އެބަޖެހޭ. ވަރަށް މުހިންމޭ. ރާއްޖޭގެ ފަސްޓް ޑިވިޝަން ކުޅެންޖެހޭ ކުދިން 18 އަހަރުގެ ދަށުގެ އުމުރުފުރާގައި މިއުޅެނީ. އެ ކުދިންނަށް ކޮމްޕެޓިޓިވް ފުޓްބޯޅަ ކުޅެވޭނެ ފުރުސަތު އެބަޖެހޭ ހޯދައިދޭން" އަކުރަމް ބުންޏެވެ.

ވާދަވެރި މުބާރާތްތަކަށް ޓީމުތައް ނިކުތުމުގެ ކުރިން އެކަޑަމީތަކަށް ރަނގަޅަށް ފަރިތަކުރުންތައް ބޭއްވޭނެ މަގެއް ފަހިވާންޖެހޭ ކަމަށްވެސް އޭނާ ބުންޏެވެ.

އަކުރަމް ބުނީ ރާއްޖޭގެ ޒުވާން ކުޅުންތެރިންގެ ހުނަރު އެބަހުރި ކަމަށާއި، ޤައުމީ ޓީމަށް އަރައިގެން ބައިނަލްއަގްވާމީ ފެންވަރުގައި ޕާފޯމްކުރެވޭނީ އެ ކުދިންގެ ގާބިލްކަން އިތުރުކޮށްދީގެން ކަމަށެވެ.

"އަޅުގަނޑު އުންމީދު ކުރަން ކުރިޔަށް އޮތްތަނުގައި ސަރުކާރުން އިސްނަގައިގެން އެކަޑަމީތަކަށް މިހާރަށްވުރެ ފަރިތަކުރުންތައް އޮގަނައިޒްކޮށް މިހާރަށްވުރެ ގިނަ ސެޝަންތައް ކުރިޔަށް ގެންދެވޭނެ މަގެއް ފަހިކޮށްދޭނެ ކަމަށް" އަކުރަމް ބުންޏެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލު ބައްޓަން ކުރާ ބަޔަކީ ފުޓްބޯޅަ އެކަޑަމީތައް ކަމަށްވާއިރު މާލެ އާއި ހުޅޫމާލޭގައިވެސް އެކަޑަމީތަކުގެ ފަރިތަކުރުންތަކަށް އެކަށީގެންވާ މިންވަރަށް ވަސީލަތްތައް ނެތުމުގެ ކަންބޮޑުވުން އެހެން އެކަޑަމީތަކުންވެސް ފާހަގަކުރެއެވެ.