ޚަބަރު

ނަފްސާނީ ސިއްޙަތުގެ ހެލްޕްލައިނަށް މައްސަލައެއް ދިމާވުމުން، ޚިދުމަތް ދިނުމަށް ވަގުތީ ނަމްބަރެއް


  • ނަފްސާނީ އެހީތެރިކަމަށް ބޭނުންވެއްޖެނަމަ 7265402 ނަމްބަރުން ގުޅޭނެ

  • ނަފްސާނީ ހެލްޕްލައިނަކީ ނަފްސާނީ ފުރަތަމަ އެހީތެރިކަން، 24 ގަޑިއިރު ލިބޭ ޚިދުމަތެއް

ނަފްސާނީ ސިއްޙަތުގެ ހެލްޕްލައިނަށް މައްސަލައެއް ދިމާވުމުން، ޚިދުމަތް ދިނުމަށް ވަގުތީ ނަމްބަރެއް ތަޢާރަފްކޮށްފިއެވެ.

ނެޝަނަލް މެންޓަލް ހެލްތު ޑިޕާރޓްމަންޓުން ވިދާޅުވީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މިވަގުތު ހެލްޕްލައިންގެ ޚިދުމަތް މެދުކެނޑިފައިވީ ނަމަވެސް ނަފްސާނީ އެހީތެރިކަމަށް ބޭނުންވެއްޖެނަމަ 7265402 ނަމްބަރަށް ގުޅޭނެ ކަމަށެވެ.

އަދި ހެލްޕްލައިނަށް ދިމާވި މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާއިރު، އެ ނަމްބަރުގެ ޚިދުމަތް އަލުން އިއާދަކުރެވުނުހާ އަވަހަކަށް އެކަން އަންގާނެ ކަމަށް ނެޝަނަލް މެންޓަލް ހެލްތު ޑިޕާރޓްމަންޓުން ވިދާޅުވިއެވެ.

..

ނަފްސާނީ ހެލްޕްލައިންގެ މައިގަނޑު އެއް މަޤްސަދަކީ ނަފްސާނީ ގޮތުން އުނދަގޫވާ އެކިއެކި ހާލަތްތަކުގައި އާއި ނަފްސާނީ ބަލި ހުންނަ އެކި އުމުރު ފުރައިގެ މީހުންނަށް، ނަފްސާނީ ފުރަތަމަ އެހީތެރިކަން، 24 ގަޑިއިރު ލިބިގެން ދިއުމެވެ. މިނަންބަރުން ނަފްސާނީ ޞިއްޙަތުގެ ފުރަތަމަ އެހީގެ އިތުރުން މައްސަލަ ހައްލުކުރުމަށް އެހީތެރިވުމާއި މަޢުލޫމާތު ފޯރުކޮށްދިނުމާއި ހެދިފައިވާ އުޞޫލްގެ ތެރެއިން ގުޅުން ހުރި ޚިދުމަތްތަކަށް ރިފަރަލް ހެދިގެންދާނެކަމަށްވެސް ޞިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ނަފްސާނީ އެކިއެކި ކަންކަން ކުރިމަތިލަމުންދާ ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ޚާއްޞަ ހެލްޕްލައިން 1677 އިފްތިތާޙުކޮށް ޚިދުމަތް ފެށިފައިވަނީ، 21 ފެބްރުއަރީ 2024 ގައެވެ.