ކުޅިވަރު

ކާވާ ޗެމްޕިއަންސް ލީގު: ވާދަވެރި މެޗަކަށްފަހު ބިޝްކެކުން ފައިނަލްގެ އުއްމީދު ބޮޑުކޮށްފި


ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ޗެމްޕިއަންސް ލީގު 2025 ގައި ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު 3-2 ސެޓުން ބަލިކޮށް، ކިރިގިސްތާނުގެ ބިޝްކެކުން ފައިނަލްގެ އުއްމީދު ބޮޑުކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިއަދު މެންދުރު ކުރިއަށްދިޔަ މެޗުގެ ފުރަތަމަ ސެޓު 25-20 އިން ބިޝްކެކުން ނެގި ނަމަވެސް ހެލްޕް ނޭޕާލުންވަނީ ފަހަތުން އަރާ ދެވަނަ ސެޓު 28-26އިން ކާމިޔާބުކޮށްފައެވެ.

ވަރަށް ވާދަވެރިކޮށް ކުރިއަށްދިޔަ މިމެޗުގެ ތިންވަނަ ސެޓު ބިޝްކެކުން 25-20ގެ ނަތީޖާއަކުން ކާމިޔާބުކޮށް އުންމީދު އައު ކުރުމާއެކު، ހެލްޕު ނޭޕާލުންވަނީ އަނެއްކާވެސް އިތުރު ހިތްވަރަކާއެކު ނުކުމެ 25-17 އިން ހަތަރުވަނަ ސެޓު ގެންގޮޮސް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

ހަމަހަމަ ނަތީޖާތަކެއް ނުކުންނަމުން ދިޔަ މިމެޗުގެ ފަސްވަނަ ސެޓާ ހަމައަށް ދިޔައިރު ދެ ޓީމުގެ ފަރާތުންވެސް ވަރުބަލިކަން ފެންނަމުންދިޔައެވެ. ވާދަވެރިކޮށް ދިޔަ މި މެޗުގެ ފަހު ސެޓު ކިރިގިސްތާނުގެ ބިޝްކެކުން 4 ޕޮއިންޓުގެ ލީޑަކާއެކު ކާމިޔާބުކޮށްފަވާއިރު މިސެޓުގެ ނަތީޖާއަކީ 15-11 އެވެ.

މި މުބާރާތުގައި ރާއްޖޭގެ ދެ ކުލަބު ކަމަށްވާ ދިވެހި ސިފައިންގެ ކުލަބާއި، ކުލަބު އެޗްޑީސީގެ އިތުރުން ހަތަރު ޓީމެއް ވާދަކުރެއެވެ. އެއީ ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބާއި، ލަންކާގެ ޕޯޓްސް އޮތޯރިޓީ އާއި، ކިރިގިސްތާނުގެ ބިޝްކެކުގެ އިތުރުން ކަޒަކިސްތާނުގެ ޒައިކްއެވެ.

މިމަހުގެ 17 އިން 23 އަށް ކުރިއަށްދާ ކާވާ މެންސް ޗެމްޕިއަންސް ލީގަކީ ކުލަބު ޗެމްޕިންޝިޕުގެ ދެވަނަ ސީރީޒްއެވެ. މިދިޔަ އަހަރު މިމުބާރާތް ނޭޕާލުގައި ކުރިއަށް ގެންގޮސްފައިވާއިރު، ކާވާ މެންސް ޗެމްޕިއަންސް ލީގުގެ ނަމުގައި މިމުބާރާތް ބާއްވާ މިއީ ފުރަތަމަ އަހަރެވެ.