އިނގިރޭސި ލެޖެންޑް އަދި ރެއާލް މެޑްރިޑާއި މެންޗެސްޓާގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މައިކަލް އޮވެން އާއެކު ރާއްޖޭގައި ފުޓްބޯޅަ ކޭމްޕެއް ބާއްވަން ހަމަޖެހިއްޖެއެވެ.
ކުޑަކުދިންނަށް ހާއްސަކޮށްގެން ބާއްވާ މި ފުޓްބޯޅަ ކޭމްޕަކީ އަވާނި ޕްލަސް ފަރެސް މޯލްޑިވްސް ރިސޯޓުން އިންތިޒާމުކޮށްގެން އެ ރިސޯޓުގައި ބާއްވާ ކޭމްޕެކެވެ. މިއީ އެ ރިސޯޓުން ކުޑަކުދިންނަށް އިންތިޒާމުކުރާ މިފަދަ ފުރަތަމަ ފުޓްބޯޅަ ކޭމްޕެވެ.
އޮވެން އާއި އެކު ފުޓްބޯޅައިގެ ހުނަރުތަކާއި އުކުޅުތައް ކުޑަކުދިންނަށް ދަސްކޮށްދިނުމަށް ބާއްވާ މި ކޭމްޕް އޮންނާނީ 20-24 އޮކްޓޫބަރަށެވެ.
4 އަހަރުން ފެށިގެން 15 އަހަރާއި ދެމެދުގެ ކުދިންނަށް ބާއްވާ މި ކޭމްޕްގައި ފުޓްބޯޯޅައިގެ ހުނަރުތައް ކިޔައިދޭ، އޮވެން އަކީ މީގެ ކުރިން ލިވަޕޫލް އާއި ރެއާލްމެޑްރިޑަށްވެސް ކުޅެފައިވާ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއެކެވެ. އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑްވެސް އޭނާ ވަނީ ހާސިލުކޮށްފައެވެ.