ސެޕްޓެމްބަރު މަހުގެ 18 ގައި ހދ. ކުޅުދުއްފުށީގައި ފެށުމަށް ހަމަޖެހިފައިވާ ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތަށް ގައުމީ ޓީމު އެކުލަވާލުމަށް ކުރިއަށްގެންދާ ޓްރައިއައުޓްސްތަކުގައި ބޭނުންހިފޭނެ ކުދިން އެބަތި ކަމަށާއި، އެހެން ނަމަވެސް ސްކޮޑް ފައިނަލްކުރާނީ މުބާރާތް ބާއްވާ ތާރީޚާ ގާތްކޮށްފައި ކަމަށް ޓީމުގެ އެސިސްޓަންޓް ކޯޗު މުޙައްމަދު އިހުސާން ބުނެފިއެވެ.
ހުޅުމާލޭގައި ފާއިތުވި 3 ދުވަހު ކުރިޔަށް ގެންދިޔަ ޓްރައިއައުޓްސްތަކަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ގައުމީ ހޭންޑްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗު ބުނީ މި ޓްރައިއައުޓްސްތަކުގައި ޒުވާން ކުދިން ފުދޭވަރަކަށް ގިނަކަމަށާއި އެކުދިންގެ ފިޓްނެސްވެސް ރަނގަޅު ކަމަށެވެ.
އިހުސާން ބުނީ ރާއްޖޭގެ ކުޅުންތެރިންގެ ކިބައިގައި ފުދޭވަރަކަށް ހުނަރާއި ފެންވަރު އެބަހުރި ކަމަށާއި، ކޮމަންވެލްތް ގޭމްސްއަށް ނަގާ ޓީމުގެ ފައިނަލް ސްކޮޑާއި އެކު ފަރިތަކުރުންތައް ބާއްވަން ނިންމާފައިވަނީ ކުޅުދުއްފުށީ ސިޓީގައެވެ.
ކޮމަންވެލްތް މުބާރާތް ތާރީހީ މުބާރާތަކަށްވާނެ ކަމަށާއި، އުންމީދަކީ އެ މުބާރާތުން ރާއްޖެއަށް މެޑަލެއް ހޯދުން ކަމަށާއި، އެއީ ކުރެވޭނެ ކަމެއް ކަމަށް އިހުސާން ބުންޏެވެ.
"މިފަހަރު ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތުން މެޑަލެއް ހާސިލްކުރާނަން އިރާދުކުރެއްވިއްޔާ. އޭޝިއަން ގޭމްސްއަކީ ފައިނަލް ޓާގެޓް. ކޮމަންވެލްތާއި ހަމައިން ނިމޭނީއެއް ނޫން" އިހްސާން ބުންޏެވެ.
ކޮމަންވެލްތް މުބާރާތުގެ ތަޖުރިބާއާއި އެ މުބާރާތަށްފަހު ކުރިޔަށްގެންދާ ފަރިތަކުރުންތަކާއި އޭޝިއަން ގޭމްސްއަށް ދާއިރު އެކީގައި އިތުރަށް ޓީމު ވަރުގަދަވެގެންދާނެ ކަމަށްވެސް އިހުސާން ބުންޏެވެ.
އޭޝިއަން ގޭމްސްގައިވެސް ރާއްޖޭގެ ބީޗް ހޭންޑް ބޯޅަ ޓީމަށް އެކަށީގެންވާ ކާމިޔާބީއެއް ލިބޭނެ ކަމަށް ވަރަށް އުންމީދު ކުރެވޭކަމަށް އިހްސާން ބުންޏެވެ.
އެހެންކަމުން މި ޓްރައިއައުޓްސްތަކަށް ފަހު ބާއްވާ ފަރިތަކުރުންތަކަށްފަހު ކުރިޔަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ކުޅުންތެރިންގެ ފެންވަރު ވަޒަން ކުރެވިގެންދާނެ ކަމަށާއި، ޓީމު ފައިނަލްކޮށް ސްކޮޑް އިއުލާނު ކުރާނީ މުބާރާތް ކައިރިވުމުން ކަމަށްވެސް އެސިސްޓެންޓް ކޯޗު ބުންޏެވެ.
ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތަކީ އަންނަ އަހަރުގެ ޖެނުއަރީގައި ޕާކިސްތާނުގައި ބާއްވާ އޭޝިއަން ގޭމްސްއަށް ތައްޔާރުވުމަށް ރާއްޖޭގެ ޓީމުން ބޭނުންކުރާނެ ފުރުސަތެކެވެ. މި މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ބައިނަލްއަގްވާމީ ބީޗް ހޭންޑް ބޯޅަ މުބާރާތެކެވެ.
މި މުބާރާތުގައި ރާއްޖެ ހިމެނޭ ގޮތަށް 8 ގައުމަކުން ބައިވެރިވާނެއެވެ. ކުޅިވަރު ވުޒާރާ އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ އެއްބާރުލުމާއެކު ހޭންޑްބޯލް މޯލްޑިވްސްއިން ކުރިޔަށް ގެންދަން ނިންމާފައިވާ ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތުގެ ހުރިހާ މެޗުތަކެއްވެސް ކުރިޔަށްދާނީ ކުޅުދުއްފުށީ ބީޗް ހޭންޑްބޯޅަ ކޯޓުގައެވެ.