ކުޅިވަރު

ރާއްޖެއާއެކު މެޗެއް ކުޅުމަށް ބަންގްލަދޭޝްއިން ދަޢުވަތު ދީފި


ރަޙްމަތްތެރިކަމުގެ މެޗެއް ކުޅުމަށް ބަންގްލަދޭޝްއިން ދަޢުވަތެއް ލިބިފައިވާކަމަށް އެފް.އޭ.އެމުން ބުނެފިއެވެ.

އެފް.އޭ.އެމްގެ ޖެނެރަލް ސެކެޓްރީ ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ބަންގްލަދޭޝް އިން ރަޙްމަތްތެރިކަމުގެ މެޗެއް ކުޅުމަށް ދަޢުވަތު ލިބިފައިވާކަމަށާ އެކަމާމެދު މިއަންނަ ހަފްތާގައި ވަކި ގޮތެއް ނިންމާނެކަމަށެވެ. އަދި މެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު ކަމަށާ މިއީ އޭޝިޔަން ކަޕް ޕްލޭއޮފްގައި އަންނަ މަހުގެ 6 ވަނަ ދުވަހު ރާއްޖޭގައި ލާއޯސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ލިބިގެންދާނެ ރަނގަޅު މެޗެއްކަމަށް ބައްސާމް ވިދާޅުވިއެވެ. ބަންގްލަދޭޝްއިން ރާއްޖެއާއެކު ރަޙްމަތްތެރިކަމުގެ މެޗެއް ކުޅުމަށް ދަޢުވަތު ދީފައި މި ވަނީ އެ ޤައުމުންވެސް އަންނަ މަހު އޭޝިޔަން ކަޕް ޕްލޭއޮފްގައި ބޫޓާންއާ ދެކޮޅަށް ކުޅެން ޖެހޭ މެޗަށް ތައްޔާރުވުމުގެ ގޮތުންނެވެ. ބޫޓާންއާ ދެކޮޅަށް އަންނަ މަހުގެ ހަވަނަ ދުވަހު މެޗް ކުޅުމަށް ހަމަޖެހިފައިވާއިރު ބަންގްލަދޭޝް ޓީމުން މި މަހުގެ 21 ގައި ކޭމްޕް ކުރުމަށް ވަނީ ހަމަޖައްސާފައެވެ. 

ބަންގްލަދޭޝްއާ ރާއްޖޭ ވާދަކުރާ މެޗް ހަމަޖެހިއްޖެނަމަ މިމެޗް ވެގެންދާނީ ރާއްޖޭގެ އާކޯޗްގެ އޮސްޓްރޭލިއާގެ ޑެރެން ސްޓްވާޓްގެ ފުރަތަމަ މެޗަށެވެ.