ޚަބަރު

ވައި 50 މޭލަށް ގަދަވެ، ކަނޑުތައްވެސް ގަދަވާނެތީ ރީނދޫ ސަމާލުގެ ވަގުތު އިތުރުކޮށްފި


  • ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ފ އަތޮޅަށް

  • މެންދުރު 13:30 ފެށިގެން ހަވީރު 17:30 ހާހަމައަށް

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ވިލާގަނޑުގައި 50 މޭލަށް ވައި ބާރުވެ، ކަނޑުތައް ވަރަށް ގަދާވާނެކަމަށް ލަފާކޮށް ނެރުނު ރީނދޫ ސަމާލުގެ ވަގުތު އިތުރު ކޮށްފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް، ހއ އަތޮޅުން ފެށިގެން ފ އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ. ރީނދޫ ސަމާލު ނެރެފަައިވަނީ މިއަދު މެންދުރު 13:30 ފެށިގެން ހަވީރު 17:30 ހާހަމައަށްށެވެ. ކުރިން ސަމާލު ނެރެފައިވަނީ މެންދުރު ފަހު 15:30އާއި ހަމައަށެވެ.

..

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މެދެރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް ގަދަވާނެކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި އާންމުކޮށް ހުރިހާ އެންމެންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. ހަފްތާ ބަންދުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ރަށްރަށަށް ދަތުރުކުރައްވާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރުކުރެއްވުމަށްވެސް އެ އިދާރާއިން ވަނީ އިރުޝާދުދެއްވާފައެވެ.