ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)ގެ ޤައުމުތަކަށް ޙަމަލާ ދިނުމުގެ ނިޔަތެއް ރަޝިޔާއިން ނުގެންގުޅުނު ނަމަވެސް، ޔޫކްރެއިނު ހަނގުރާމަ އިތުރަށް ގޯސްކުރަން ހުޅަނގުގެ ޤައުމުތަކުން މަސައްކަތް ފުޅާކޮށްފިނަމަ އެކަމަށް ރައްދު ދިނުމުގެ ގޮތުން، އިސްވެ ޙަމަލާދިނުން ނޫން ގޮތެއް ނޯންނާނެކަމަށް، ރަޝިޔާގެ ކުރީގެ ރައީސް ޑިމިޓްރީ މެދްވެދޭވް ވިދާޅުވެއްޖެއެވެ.
މެދްވެދޭވް މި އިންޒާރު ދެއްވާފައިވަނީ، ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއަށް 50 ދުވަހުގެ މުހުލަތެއް ދެއްވާފައިވަނިކޮށެވެ.
ރަޝިޔާ ނުހުއްޓުވައިފިނަމަ، ކައިރި މުސްތަޤުބަލެއްގައި ނޭޓޯ ނޫނީ އެމެރިކާއިން ވާގިވެރިވާ ޤައުމަކަށް ވެސް ރަޝިޔާއިން ޙަމަލާދޭނެކަމަށް ބުނެ ހުޅަނގު ޤައުމުތަކުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށް މެދްވެދޭވް ވިދާޅުވިއެވެ.
އޭގެ ބަދަލުގައި، ރަޝިޔާއިން އިސްވެ ޙަމަލާއެއް ދޭނީ، މަސްރަހު އިތުރަށް ގޯސްކުރަން ހުޅަނގުގެ ޤައުމުތަކުން މަސައްކަތް ކުރާނަމަ، އޭގެ ރައްދުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
މެދްވެދޭވްގެ ޚިޔާލުފުޅަކީ، އެ މަނިކުފާނުގެ އަމިއްލަ ޚިޔާލުފުޅު ކަމަށާއި، ނަމަވެސް، ހުޅަނގުގެ ޤައުމުތަކުން މަސްރަހު ބޮޑު ކުރިމަތިލުމަކަށް ބަދަލުކުރަން އުޅޭކަމަށް ވިދާޅުވި ވާހަކައަށް ރަޝިޔާ ސަރުކާރުން ވަނީ ތާޢީދުކޮށްފައެވެ.
50 ދުވަހުގެ ތެރޭގައި ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމަށް ރަޝިޔާއިން އިންކާރު ކޮށްފި ނަމަ، އެ ޤައުމާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ވަނީ ދެއްވައިފައެވެ. އަދި، ޔޫކްރެއިނަށް ގިނަ އަދަދެއްގެ ޒަމާނީ ހަތިޔާރު ފޯރުކޮށްދިނުމަށް ނިންމަވާފައިވާ ކަން ވެސް އޭނާ އިޢުލާނު ކުރެއްވިއެވެ.
ޓްރަމްޕްގެ އެ އިންޒާރާ ގުޅޭ ކަންކަން ބަލަމުން އަންނަ ކަމަށް ރަޝިޔާ ސަރުކާރުން ވަނީ ބުނެފައެވެ.
ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ހަނގުރާމަ ފަށާފައި ވަނީ 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުއެވެ. ރަޝިޔާގެ ފައުޖުތަކުން ޔޫކްރެއިނަށް އަރާފައި ވަނީ، ނޭޓޯއާ ގުޅުމަށް ޔޫކްރެއިނުން ކުރަމުން ދިޔަ މަސައްކަތްތައް ހުއްޓައިނުލުމުންނެވެ. ރަޝިޔާއިން ޤަބޫލު ކުރާ ގޮތުގައި، އެ ޤައުމުގެ ދެމިއޮތުމާއި ކުރިމަގަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ނޭޓޯއެވެ. އަދި، ޔޫކްރެއިނަށް ނޭޓޯގެ މެންބަރު ކަން ދީފި ނަމަ، ޔޫކްރެއިން ބޭނުން ކޮށްގެން ރަޝިޔާއަށް ޙަމަލާ ދިނުމުގެ ފުރުޞަތު ނޭޓޯއަށް ލިބިގެންދާނެއެވެ.
ރަޝިޔާގެ ރައީސްކަން 2008 އިން 2012 އަށް ކުރެއްވި މެޑެވެޑޭވް އަކީ ރަޝިޔާގެ ސަލާމަތީ މަޖިލީހުގެ ޗެއަރމަންގެ ނައިބެވެ. އޭނާގެ އިންޒާރަކީ، ރަޝިޔާގެ ސިޔާސީ އިސް ފަރާތްތަކުގެ މެދުގައި ވިސްނުން ހުރި ގޮތުގެ އިޝާރާތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.