ތަޢުލީމު

ރާއްޖޭގައި ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުޞަތުތައް އިތުރުކުރަނީ


ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި މެލޭޝިޔާގެ މެނޭޖްމަންޓް އެންޑް ސައިންސް ޔުނިވަރސިޓީ ގުޅިވަޑައިގެން ރާއްޖޭގައި ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުޞަތުތައް އިތުރުކުރެއްވުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި މެލޭޝިޔާގެ މެނޭޖްމަންޓް އެންޑް ސައިންސް ޔުނިވަރސިޓީގެ ޑޮކްޓަރ އޮފް ފިލޯސަފީ (ޕީ.އެޗް.ޑީ) ހެދުމުގެ ފުރުޞަތާއި ދެ ޔުނިވަރސީޓީ ގުޅިވަޑައިގެން މަތީ ސަނަދުތަކުގެ އިތުރު ޕްރޮގްރާމްތައް ހިންގެވުމުގެ ފުރުސަތު ހުޅުވިގެން ދާނެއެވެ. ޤައުމީ ޔުނިވަރސިޓީގެ މުވައްޒަފުންނަށް ޕީ.އެޗް.ޑީ ޙާޞިލްކުރެވޭނެ ފަސޭހަ ގޮތްތަކެއްވެސް މި އެއްބަސްވުމުގެ ދަށުން ހަމަޖެހިގެންދާނެ ކަމަށްވސް އެ ޔުނިވަރސީޓީން ހާމަކުރައްވައެވެ.

ދިވެހި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒު ޝަރީފެވެ. މެލޭޝިޔާގެ މެނޭޖްމަންޓް އެންޑް ސައިންސް ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ރައިސް ޕްރޮފެސަރ ޓަން ސްރީ ޑަޓޯ ވިރާ ޑރ. ޝުކުރީ ޢަބްދުލް ޔާޖިދުއެވެ.