ޚަބަރު

ފެމްބޯސާގެ 7 ވަނަ ޖަލްސާ ރާއްޖޭގައި ފަށައިފި


އިންތިޚާބާ ގުޅުންހުރި ކަންކަން ހަރުދަނާކުރެއްވުމުގެ ގޮތުން ސަރަޙައްދީ ޤައުމުތަކުގެ މެދުގައި މަޝްވަރާކުރެއްވުމަށް ބާއްވަވާ "ފޯރަމް އޮފް އިލެކްޝަންސް މެނޭޖްމަންޓް ބޮޑީސް އޮފް ސައުތް އޭޝިއާ" ފެމްބޯސާގެ 7 ވަނަ ޖަލްސާ މިއަދު ރާއްޖޭގައި ފަށްޓަވައިފިއެވެ. 

ދެ ދުވަހުގެ މިބައްދަލުވުން ހިނގަމުންދަނީ ބަނޑޮސް އައިލެންޑް ރިސޯޓްގައެވެ. މި ބައްދަލުވުން ފެއްޓެވުމުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް އަލުސްތާޛު ޢާއިޝަތު ބިސާމެވެ. މި ރަސްމިއްޔާތުގައި ފެންބޯސާއަށް ޚާއްޞަކޮށްފައިވާ ވެބްޕޯޓަލެއް ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ. މިފަހަރުގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާނީ ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުންނެވެ. މިބައްދަލުވުމުގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ އިންތިޚާބުތަކުގައި ޓެކްނޮލޮޖީ ބޭނުންކުރުމާ ގުޅޭގޮތުންނެވެ. ކޮންމެ ޤައުމަކުންވެސް ކަރުދާހެއް ހުށައަޅައި، ބައްދަލުވުމުގައި ނިންމާ ނިންމުންތަކަށް، މި ޖަމްޢިއްޔާގައި ހިމެނޭ 8 ޤައުމުން ޢަމަލުކުރަންޖެހެއެވެ.

ފެންބޯސާގެ ބައްދަލަވުމުގައި ބައިވެރިވާ ޤައުމައުތަކުގެ އިސްވެރިންނަށް ރާއްޖޭގެ ތާރީޚާއި ޘަޤާފަތާއި އާސާރީ ބައެއް ތަންތަން ދައްކާލެއްވުމަށް މ. އަތޮޅުގެ 3 ރަށަކަށް ދަތުރެއްކުރެއްވުމަށް ހަމަޖެހިފައިވާކަމުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. މިބޭފުޅުން ވަޑައިގަންނަވާނީ މ. މުލަކާއި ވޭވަށާއި ނާލާފުށްޓަށެވެ. "ފެމްބޯސާ" މިބައްދަލުވުމަކީ، ދެކުނު އޭޝިއާގެ އިލެކްޝަންސް ކޮމިޝަންތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް ވަރުގަދަކުރުމާއި، މިނިވަން މުސްތަޤިއްލު އިންތިޚާބެއް ބޭއްވުމަށް ކުރަންޖެހޭ ކަންކަމުގައި އެއްބާރުލުން ދިނުމާއި، އެކަމަށް ކުރަންޖެހޭ ކަންކަން ކުރާނެ ގޮތްތަކާއިމެދު މަޝްވަރާ ކުރުމުގެ ބޭނުމުގައި އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ ބައްދަލުވުމެކެވެ.