ކުޅިވަރު

ބެލިންހަމްގެ ވާތު ކޮނޑު އޮޕަރޭޝަންކޮށްފި، ދެން ކުޅެވޭނީ 12 ހަފުތާ ފަހުން


ރެއާލް މެޑްރިޑުގެ މިޑްފީލްޑަރު ޖޫޑް ބެލިންހަމްގެ ވާތު ކޮނޑު އޮޕަރޭޝަންކޮށްފިއެވެ. މި އޮޕަރޭޝަނާއެކު އޭނާއަށް ދެން ދަނޑަށް ނުކުމެވޭނީ 10 ހަފުތާ އާއި 12 ހަފުތާއާ ދެމެދުގެ މުއްދަތަކަށްފަހުއެވެ.

ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑްއިން މީގެ ދެ ސީޒަން ކުރިން ރެއާލް އަށް ބަދަލުވި އިނގިރޭސި މިޑްފީލްޑަރުގެ ކޮނޑު އޮޕަރޭޝަން ކުރީ އިއްޔެ ލަންޑަނުގަ އެވެ. އޭނާގެ ކޮނޑު ހުޅު ނެއްޓުނީ ރެއާލް އަށް ކުޅުނު ފުރަތަމަ ސީޒަނުގައި ސްޕެނިޝް ލީގުގައި ރާޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅެނިކޮށެވެ. މިހާތަނަށް އޭނާ ކުޅެމުން އައީ ކޮނޑަށް ތަފާތު އެކި ފަރުވާ ދީގެންނެވެ.

މީގެ ނަތީޖާއެއްގެ ގޮތުން ފުރަތަމަ ސީޒަނުގައި ދެއްކި މޮޅު ކުޅުން ހުސްވި ސީޒަނުގައި އޭނާ އަށް ވަނީ ދެއްކޭގޮތް ނުވެފަ އެވެ.

ބެލިންހަމް ބުނީ އޭނާ ކޮނޑު އޮޕަރޭޝަން ކުރަން ނިންމީ އެންމެ ރަނގަޅު ފޯމަށް އައުމުގެ އުއްމީދުގައި ކަމަށެވެ.

"އަހަރެން މި ވަނީ އޮޕަރޭޝަނެއް ކުރަން ނިންމާފައި. އަހަރެން ކުލަބު ވޯލްޑް ކަޕުގައި އެމެރިކާގައި ކުޅުނުއިރު ވަރަށް ބޮޑަށް ކޮނޑަށް ތަދުވި އެ މާހައުލުގެ ހޫނުގެ ސަބަބުންނާ ވެސް އެކު. އަހަރެންގެ ކުރީގެ ކޮނޑު އަހަރެންނަށް ލިބިއްޖެނަމަ ވަރަށް އުފާވާނެ. އަހަރެން މި ހުރީ އެ އުއްމީދާއެކު،" ބެލިންހަމް ބުންޏެވެ.

އޭނާ ވަނީ ރެއާލް މެޑްރިޑަށް ހުސްވި ސީޒަނުގައި 58 މެޗު ކުޅެދީފަ އެވެ. އަދި ޖުމުލަ 15 ގޯލު ޖަހައި 15 ގޯލެއް ޖަހަން ވަނީ މަގު ފަހިކޮށްދީފަ އެވެ. ނަމަވެސް މިދިޔަ ސީޒަން ރެއާލް މެޑްރިޑް ނިންމާލީ ހުސް އަތާ އެވެ.

ރެއާލް މެޑްރިޑުން އައު ފުޓްބޯޅަ ސީޒަން ފަށާނީ އަންނަ މަހުގެ 19 ވަނަ ދުވަހު އޮސަސޫނާއާ ދެކޮޅަށް ކުޅޭ މެޗުންނެވެ. ނަމަވެސް ބެލިންހަމަށް އެންމެ އަވަހަށް ވެސް ކުޅެން ނުކުމެވޭނީ އޮކްޓޫބަރު މަހު އެވެ. މިހެންވެ އޭނާ އަށް ސްޕެނިޝް ލީގުގެ އަށް މެޗާއި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ މެޗުތަކެއް ގެއްލޭނެ އެވެ.

އޭނާ ނެތުމަކީ ރެއާލް މެޑްރިޑުގެ ކޯޗު ޒަބީ އަލޮންސޯ އަށް އިތުރު ބޮލު ރިހުމަކަށްވާނެ އެވެ. ސަބަބަކީ ޓީމުގެ މެދުތެރެއިން މުހިންމު ކުޅުންތެރިންތަކެއް ރިޓަޔާ ކުރުމާއި އުމުރު ދޮށިވެގެން ކުލަބާ ވަކިވެފައިވާތީ އެވެ.