ޚަބަރު

ހުޅުމާލޭގެ އަލިފާނުގެ ހާދިސާގައި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިން މީހުންނަށް 28000އަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފި


  • 19 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިމަށް 28600 ރުފިޔާ ޚަރަދުކުރި

  • އެކި ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސާދަނީ އެކި މުއްދަތަށް

މިދިޔަ އާދިއްތަ ދުވަހު ހުޅުމާލޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއާއި ގުޅިގެން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިން މީހުންނަށް ކެއުމަށާއި ހުރުމުގެ ކަންކަމަށް 28000 އަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ.

މިދިޔަ އާދިއްތަ ދުވަހު ހުޅުމާލޭގެ ފޭސް 1ގެ 94 ނަންބަރު ފްލެޓްގެ 2 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެ ފްލެޓުގެ 2 ވަނަ ފަންގިފިލާގެ 3 ވަނަ އެޕާޓްމަންޓުގައެވެ.

އަލިފާނުގެ ހާދިސާއާއި ގުޅިގެން ދުމާއި، ފެނުގެ އަސަރުކޮށްގެންނާއި އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުން ލިބިގެން 04 އެޕާޓްމަންޓެއްގެ 21 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން އެވަގުތައް ފޯރުކޯށްދިންނަމަވެސް އެ އެޕާޓްމަންޓްތަކުގައި ކުއްޔަށް 2 މީހަކު އުޅުމުން ވަގުތީ ބޯހިޔާވަހިކަމުން އެމީހުން ފަހުން އުނިކުރިކަމަށް އެން.ޑީ.އެމް.އޭއިން ވިދާޅުވިއެވެ. އަދި 19 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިމަށް 28600 ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

އެންޑީއެމްއޭއިން ވިދާޅުވީ އަލިފާނުގެ ހާދިސާގައި އެ އެޕާޓްމަންޓްތަކުގެ އެސެސްމަންޓް ހަދާނީ އެޗްޑީސީންކަމަށެވެ. އަދި އެތަނުގެ ހިފާގެންގުޅޭ ތަކެއްޗަށް ލިބިފައިވާ ގެއްލުމުގެ އެސެސްމަންޓް އެންޑީއެމްއޭއިން ހެދުމަށް ވަނީ ނިންމާފައެވެ.

މި ހާދިސާގައި 11 ބިދޭސީން ދިރިއުޅޭ އެ އެޕާޓްމަންޓަށް ދުމުގެ އަސަރުކޮށް، ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.