ޚަބަރު

އައްޑޫ ސިޓީގެ ތަރައްޤީގެ ބަޖެޓް އިތުރުކުރައްވަނީ


އައްޑޫ ސިޓީގެ ތަރައްޤީއަށް ވަރަށް ރަނގަޅު ޢަދަދެއްގެ ފައިސާ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނުއްވާނެކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ބިން ހިއްކެވުމާއި، ފެނާއި ނަރުދަމާގެ އިތުރުން ތަފާތު ތަރައްޤީގެ މަޝްރޫޢުތަށް އައްޑޫގައި މިހާރުވެސް ސަރުކާރުންދަނީ ކުރިއަށް ގެންދަވަމުންނެވެ.

އައްޑޫ ސިޓީގައި ހުންނަވައިގެން ޕީ.އެސް.އެމްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ހައުސިންގ މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްސް ޢަބްދުﷲ ޒިޔާދު ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ސަރުކާރުން އައްޑޫ ސިޓީގައި ކުރިއަށް ހިންގެވި އަދި ހިންގަވަމުން ގެންދަވާބައެއް މަސައްކަތްތައް ކުރައްވަމުން ގެންދަވަނީ އެކަމަށް ޚާއްޞަ ބަޖެޓަކުންނެއް ނޫން ކަމަށެވެ. އެހެންނަމަވެސް އަންނަ އަހަރުގެ ބަޖެޓަށް ވަރަށް ރަނގަޅު ޢަދަދެއްގެ ފައިސާ އައްޑޫ ސިޓީގެ ތަރައްޤީއަށް ހުށައެޅުއްވުމަށް ހައުސިންގ މިނިސްޓްރީން މަސަކަތް ކުރައްވަމުން ގެންދަވާކަމަށް ޒިޔާދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެސިޓީއަށް ބޭނުންވާ ތަރައްޤީއާއި، ބޭނުންވާ ޚިދުމަތްތަކުގެ ތަފްޞީލުތައް މިހާރު އެއްކުރައްވަމުން ގެންދަވާކަމަށެވެ.

އައްޑޫ ސިޓީގައި ސަރުކާރުން އެންމެ ފަހުން ކުރިއަށް ގެންދެވި ތަރައްޤީގެ އެންމެބޮޑު މަޝްރޫޢަކީ، އެސިޓީގެ ގުޅިފައިވާ ރަށްރަށުގެ ތެރެއިން ފޭދޫއާއި، މަރަދޫ ފޭދޫ ހިމެނޭހެން 50 ހެކްޓަރުގެ ބިން ހިއްކަވައި ނިނެމެވި މަޝްރޫއެވެ. ބިން ހިއްކެވި ސަރަޙައްދުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މިހާރު ހަލުއިކަމާއެކު ކުރިއަށް އެބަގެންދަވައެވެ.

ޢަބްދުﷲ ޒިޔާދު ވިދާޅުވީ، ބިންހިއްކެވި ސަރަޙައްދުގެ ބޮޑުބައެއްގައި ރިވެޓްމަންޓް ޖަހައި މިހާރު ނިމިފައިވާކަމަށާއި، މިއަހަރުގެ ނިޔަލަށް އެ މަސަކަތްވެސް ނިންމާލެވޭވަރުވާނެކަމަށެވެ.

ފޭދޫން ހިއްކި ބިން ބޭނުން ކުރެއްވުމަށް ހަމަޖެހިފައިވަނީ، އެރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަން ޙައްލުކުރުމަށެވެ. އެގޮތުން ގޯތިދޫކުރުމާއި، ހައުސިންގ ޔުނިޓްތަކާއި، ގެސްޓް ހައުސް އޭރިއާއަކާއި، ކުޅިވަރު އެރީނާތައްވެސް މިސަރަޙައްދުގައި ހެދިގެންދާނެ ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. ހިއްކާފައިވާ ބިމުގެ ސަރވޭއެއްކުރައްވައި ނިމިފައިވާއިރު، އެރަށް ތަރައްޤީކުރައްވަނެގޮތުގެ ޕްލޭންގެ ތަޞައްވުރު ދައްކާލުމަށް ރައްޔިތުންނަށް ޚާއްޞަ ވޯކްޝޮޕެއް ހިންގެވުމަށް ރާއްވަވާފައިވާކަމަށްވެސް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.

އައްޑޫ ސީޓީގެ ތަރއްޤީގެ މަޝްރޫޢުތަކާއި މަގުހެދުމާއި، އެސިޓީގައި ސަރުކާރުން އަޅުއްވަމުންގެންދަވާ ފްލެޓްތަކުގެ ކަންކަން ބަލަހައްޓަވަމުން ގެންދަވަނީ އައްޑޫ ސީޓީގައި ހައުސިންގ މިނިސްޓްރީގެ ބެއްލެވުމުގެ ދަށުން ހިންގަވާ ލޭންޑް ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސް ޑިޕާޓްމަންޓްގެ ފަރާތުންނެވެ.

ހިތަދުއާއި މަރަދޫ ފޭދޫގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ޢިމާރާތްކުރައްވަމުންގެންދަވާ ފްލެޓްތަކުގެ މަސަކަތް މިހާރު ވަނީ ނިމުމަކާ ހަމައަށް އައިސްފައެވެ. މީގެތެރެއިން ހިތަދޫގައި ޢިމާރާތްކުރައްވާ 249 ވަރަކަށް ހައުސިން ޔުނިޓް ދޫކުރެއްވުމަށް ފުރުޞަތު ހުޅުއްވާލެއްވުމުން، ގާތްގަނޑަކަށް 450 ފޯމް ހުށައަޅާފައިވާކަމަށް، ހައުސިންގ މިނިސްޓަރީން ވިދާޅުވިއެވެ.