ވިޔަފާރި

ބޭރަށް ދަތުރުކުރާ ދިވެހިންނަށް 115 މިލިއަން ޑޮލަރު ދޫކުރެވިފައިވޭ


ފާއިތުވި ދެއަހަރު ދުވަހުގެ ތެރޭގައި ބީއެމްއެލްއިން، ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް އަމާޒުކޮށްގެން ސަތޭކަ ފަނަރަ މިލިއަން ޑޮލަރު ވިއްކައިފިއެވެ.

ބީއެމްއެލްއިން ބުނީ، މިއަހަރުގެ ޖުލައިމަހު އެކަނިވެސް އެބޭންކަށް ޑޮލަރު ގަތުމަށް ޓިކެޓް ހިފައިގެން އައުމުން ފަހެއް ޕޮއިންޓް ހައެއް މިލިއަން ޑޮލަރު ވިއްކާފައިވާކަމަށެވެ. މިއީ، ރާއްޖޭގައި ހުރި އެހެން ބޭންކުތަކުން ޓިކެޓަށް ޑޮލަރު ވިއްކާ ނިސްބަތާ އަޅާބަލާއިރު، ވަރަށް ބޮޑުތަން އިތުރު އަދަދެކެވެ.

ރާއްޖެއިން ބޭރަށްދާ ދިވެހިންނަށް އަމާޒުކޮށް އަބަދުވެސް ޓިކެޓަށް ޑޮލަރު ވިއްކަމުން އަންނަނީ މަރުކަޒީ ބޭންކުން ވިއްކާ އަދަދެއްގެ މައްޗަށާއި އެބޭންކުން ރައްޔިތުންނަށް މިޚިދުމަތް ފޯރުކޮށްދިނުމަށް ކަނޑައަޅާ އަދަދަކަށް ކަމަށް ބީއެމްއެލްއިން ބުނެއެވެ.

މިފަހަކަށް އައިސް ޑޮލަރަށް ލިބެމުންދާ ޑިމާންޑް އިތުރުވެފައިވާތީ، ޓިކެޓަށް ވިއްކާ ޑޮލަރުގެ އަދަދު ވަކިވަރެއްގައި ހިފަހައްޓަން ޖެހިފައިވާކަމަށާއި، ބައެއް ފަރާތްތަކުން ޓިކެޓަށް ޑޮލަރު ވިއްކުމުގެ އުސޫލުގެ ބޭނުން ނަހަމަގޮތުގައި ހިފަމުންދާކަން ފާހަގަކުރެވޭކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ދަނީ، ވިސާ ޑެބިޓް ކާޑު ބޭނުންކޮށްގެން ރާއްޖެއިން ބޭރުގައި އޭޓީއެމް އަދި ޕީއޯއެސް މެދުވެރިކޮށް ދުވާލަކަށް އެއްހާސް ޑޮލަރުގެ މުއާމަލާތްކުރެވޭނެ އިންތިޒާމް ހަމަޖައްސަމުންނެވެ.