ވިޔަފާރި

މިއަދުން ފެށިގެން ކުރީގެ ފައިސާގެ ނޫޓުތައް ބޭނުމެއް ނުކުރެވޭނެ


ކުރީގެ ފައިސާގެ ނޫޓުތައް ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުންކުރުން ހުއްދަކުރައްވާފައިވާ އެންމެ ފަހު ދުވަހަކީ މި ހުސްވި ޖުލައި މަހުގެ 31 ވަނަ ދުވަހެވެ. އެގޮތުން މިއަދުން ފެށިގެން ރާއްޖޭގެ ލީގަލް ޓެންޑަރގެ ގޮތުގައި ބޭނުންކުރާނީ، ހަމައެކަނި ރަންދިހަ ފަހެއް ނޫޓު ސީރީސްގެ ނޫޓުތަކެވެ. އެހެންނަމަވެސް ކުރީގެ 5 ރުފިޔާގެ ނޫޓު، އެމްއެމްއޭއިން ވަކި ގޮތެއް އަންގަންދެން ރަންދިހަފަހެއް ނޫޓުތަކާއި އެކު ބޭނުން ކުރެވޭނެ ކަމަށް މަރުކަޒީ ބޭންކުން ހާމަކުރައްވައެވެ.

އެމްއެމްއޭއިން މަޢުލޫމާތުދޭ ގޮތުގައި މިއަހަރުގެ ޖެނުއަރީމަހުގެ 25 އާއި ހަމައަށް، ކުރިން ބޭނުންކުރަމުންދިޔަ ނޫޓުގެ ދެހާސް ނުވަސަތޭކަ އެއް މިލިއަން ރުފިޔާ އިޤްތިޞާދުގައި ދައުރުވަމުން ދިޔަނަމަވެސް،  މިޖުލައިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް 2654 މިލިއަން ރުފިޔާ އެމްއެމްއޭއަށް ނަގާފައިވާ ކަމަށެވެ. އެއީ، ކުރިން ބޭނުންކުރަމުންދިޔަ ނޫޓްތަކުގެ 91.5 އިންސައްތަ ނޫޓެވެ. އަދި ބާކީ ނުނެގި ހުރީ، 247 މިލިއަން ރުފިޔާ، ނުވަތަ 8.5 އިންސައްތަ ނޫޓު ކަމަށް އެމްއެމްއޭއިން މަޢުލޫމާތުދެއެވެ.

ދިވެހިރާއްޖޭގެ ލީގަލް ޓެންޑަރ ކަމުގައިވާ ރުފިޔާގެ ތެރެއިން، 2015 އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހުގެ ކުރިން ނެރެފައިވާ 2 ރުފިޔާ، 10 ރުފިޔާ، 20 ރުފިޔާ، 50 ރުފިޔާ، 100 ރުފިޔާ އަދި 500 ރުފިޔާގެ ހުރިހާ ކަރުދާސް ނޫޓުތަކަކީ، މިއަދުން ފެށިގެން ދިވެހިރާއްޖޭގެ ލީގަލް ޓެންޑަރ ނޫން ކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ވަނީ ކަނޑައަޅުއްވާފައެވެ.

މިދިޔަ މަހުގެ އެއްތިރީހުގެ ފަހުންވެސް އޭޓީއެމް ޑިޕޮސިޓް މެޝިންތަކުންނާއި ރާއްޖޭގެ ބޭންކުތަކުން ރަންދިހަ ފަހެއްގެ ނޫޓަށް ބަދަލުކުރެވޭނެއެވެ. އަދި ކުރިއަށް އޮތް ފަސްއަހަރުދުވަހު އެމްއެމްއޭއިން ކުރީގެ ނޫޓުތައް ރަންދިހަ ފަހެއްގެ ނޫޓުތަކަށް ބަދަލުކޮށްދޭނެއެވެ.