ކުޅިވަރު

ޓީމަށް ހެދުނު ގޯސްތައް ދެނެގަނެ ދެން ތައްޔާރުވާނީ ގައުމީ މުބާރާތަށް: ނަދީމް


ކުރިއަށް ގައުމީ ވޮލީބޯޅަ މުބާރާތާ ކުރިމަތިލާނީ ނިމިގެންދިޔަ ގައުމީ ވޮލީބޯޅަ ލީގުގައި ޓީމަށް ހެދުނު ގޯސްތައް ދެނެގަނެ، އިތުރު ހިތްވަރަކާއެކު ކަމަށް ހުރާ ކޮމިއުނިޓީ ކުލަބުގެ ކޯޗު މުޙައްމަދު ނަދީމް ބުނެފިއެވެ.

ގައުމީ ވޮލީ ލީގުގެ ފިރިހެން ޑިވިޝަނުގައި ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ވާދަކޮށް މޮޅު ކުޅުމެއް ދެއްކި ހުރާ ޓީމު ވަނީ، ނޭވާ ހިފަހައްޓާލަން ޖެހޭ ފަދަ ގޮތަކަށް ކުރިއަށްދިޔަ މެޗުން 3-1 ސެޓުން ބަލިވެފައެވެ. އެހެންނަމަވެސް މި މުބާރާތުގައި ހުރާއިން މިހާތަނަށް މޮޅު ކުޅުމެއް ދައްކާފައިވާއިރު، ވަކިން ޚާއްސަކޮށް މި މެޗުގައި އެ ޓީމުން ދެއްކި ހިތްވަރު ފާހަގަކޮށްލެވެއެވެ.

މިމެޗުގެ ސެޓުތައް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. އެގޮތުން ފުރަތަމަ ދެ ސެޓު ކުޑަ ފަރަގަކުން ދަނޑިމަގުން ގެންދިޔަ ނަމަވެސް، ހުރާއިން ވަނީ ތިންވަނަ ސެޓު ކާމިޔާބުކޮށްފައެވެ. ނަމަވެސް ދަނޑިމަގުން މެޗުގެ ހަތަރުވަނަ ސެޓު ކާމިޔާބުކުރިއިރު، އެ ސެޓުވެސް ހުރާއަށް ކާމިޔާބުނުވީ އެންމެ ދެ ޕޮއިންޓުގެ ފަރަގަކުންނެވެ.

މެޗާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ނަދީމް ބުނީ ޓީމުން ދެއްކި ކުޅުން ރަނގަޅު ކަމަށާއި، އެހެންނަމަވެސް މި މެޗުގައި ފެނުނީ އެންމެ ފުރިހަމަ ޓީމު ނޫން ކަމަށެވެ. އެކަމަކު ޓީމުން ދެއްކި ހިތްވަރާއި، ކުރި މަސައްކަތަށް އައްސަރިބަހާ ސާބަސް ހައްގު ކަމަށް ނަދީމް ވަނީ ބުނެފައެވެ.

"އަސްލު އަޅުގަނޑުމެންގެ ޓީމާ ބަލާފަ ހަމަ ރަނގަޅު ކަންނޭނގެ މިއަދުވެސް ދެއްކި ކުޅުން. އަނެއްހެން ކޮމްޕްލީޓް ޓީމެއް ނޫން އަސްލުގައި އަޅުގަނޑުމެންގެ ޕޮޒިޝަންތަކަށް ބަލާއިރު ހުރީ. އެހެންނަމަވެސް ކުދިންގެ ހިތްވަރާ ކުރި މަސައްކަތަކަށް އައްސަރިބަހާ ސާބަސް ދަންނަވަން. އަލްހަމްދުލިއްލާހި މިހާ ހިސާބަށް އަޅުގަނޑުމެންނަށް އާދެވުނީތީވެސް" ނަދީމް ބުނެފަވެއެވެ.

ގައުމީ ވޮލީ ލީގުގައި ވާދަކޮށް ދެއްކި މޮޅު ކުޅުމާއެކު، ހުރާ ކޮމިއުނިޓީ ކުލަބުން ވަނީ ކުރިއަށް އޮތް ގައުމީ ވޮލީބޯޅަ މުބާރާތަށް ކޮލިފައިވެފައެވެ. އެހެންކަމުން މިހާރު ވިސްނުން ހުރީ ކުރިއަށް އޮތް ގައުމީ މުބާރާތަށް ކަމަށް ނަދީމް ބުންޏެވެ. އަދި އެ މުބާރާތާ ކުރިމަތިލާނީ އިތުރު ހިތްވަރަކާއެކު ކަމަށާއި، ޓީމަށް ޅިގުގައި ހެދުނު ގޯސްތައް ދެނެގަނެ އެކަންކަން ރަނގަޅުކުރުމަށް ވިސްނާނެ ކަމަށް ނަދީމް ފާހަގަކުރިއެވެ.

"ދެން އޮތީ ގައުމީ މުބާރާތަށް މިހާރު ކޮލިފައިވެފަ. ދެން އަޅުގަނޑުމެން މިބަލަނީ ޓީމުގަ ހުރި ވީކް ތަންތަން އިތުރަށްވެސް ހަމަ ރަނގަޅުކޮށްގެން، ރަނގަޅު ޕާރފޯމަންސެއް ދެއްކޭތޯ. މިއަށްވުރެ ކުރިއަށްދެވޭތޯ މަސައްކަތްކުރާނީ އިންޝާﷲ" ނަދީމް ބުނެފައިވެއެވެ.