ވިޔަފާރި

ދެވަނަ ކުއާޓަރގައި އެމްޓީސީސީއަށް 29 މިލިއަން ރުފިޔާގެ ފައިދާއެއް


މިއަހަރުގެ ދެވަނަ ކުއަޓާރގައި އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 29 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މިއީ މިއަހަރުގެ ފުރަތަމަ ކުއަރޓަރާ އަޅާބަލާއިރު 2 އިންސައްތަ ދަށް އަދަދެކެވެ. ދެވަނަ ކުއަރޓަރގައި އެމްޓީސީސީއަށް ލިބުނު ސާފުފައިދާގެ އަދަދު ދަށްވެފައިވީ ނަމަވެސް އެކުއަރޓަރގައި އެކުންފުންޏަށް ލިބުނު ޢާމްދަނީގެ އަދަދު ވަނީ މި އަހަރުގެ ފުރަތަމަ ކުއަރޓަރާ އަޅާބަލާއިރު، ހަތެއް އިންސައްތަ އިތުރުވެފައެވެ.

އެމްޓީސީސީއިން ޢާއްމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއަރޓަރގެ މާލީ ހިސާބުތައް ދައްކާގޮތުން އެ ކުއާޓަރގައި 293 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން، 76 މިލިއަން ރުފިޔާގެ ޢާމްދަނީއެއް ލިބިފައިވެއެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރގައި އެމްޓީސީސީން 315 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެންލިބިފައިވަނީ 71 މިލިއަން ރުފިޔާގެ ޢާމްދަނީއެކެވެ.

އެމްޓީސީސީގެ މާލީ ހިސާބުތައް ދައްކާގޮތުން ދެވަނަ ކުއަރޓަރގައި ކުންފުނި ހިންގައިގެން ލިބިފައިވަނީ 42 މިލިއަން ރުފިޔާއެވެ. މިއީ މިއަހަރުގެ ފުރަތަމަ ކުއަރޓަރުގައި ލިބުނު 48 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު 12 އިންސައްތަ ދަށް ޢަދަދެކެވެ. ދެވަނަ ކުއަރޓަރގެ ފައިދާއިން ޙިއްޞާއަކަށް ޖެހުނީ 58.45 ރުފިޔާއެވެ.

މިއަހަރުގެ ދެވަނަ ކުއަރޓަރގައި އެމްޓީސީސީއަށް ވަނީ ކޮންޓްރެކްޓަށް އާ 5 މަޝްރޫޢު ލިބިފައެވެ. އޭގެތެރޭގައި ބިން ހިއްކުމުގެ މަސައްކަތާއި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ފަދަ މަޝްރޫޢުތައް ހިމެނެއެވެ.

އެމްޓީސީސީއިން ދެވަނަ ކުއަރޓަރގެ ތެރޭގައި އާ 11 މަޝްރޫޢެއްގެ މަސައްކަތް ފަށައި، 8 މަޝްރޫއެއްގެ މަސައްކަތް ނިންމާފައިވެއެވެ.

މިއަހަރުގެ ދެވަނަ ކުއަރޓަރގައި އެމްޓީސީސީން މަސައްކަތްކޮށްފައިވާ ފާހަގަކޮށްލެވޭ މަޝްރޫޢުތަކުގެ ތެރޭގައި، މާލޭ އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތް، ސަލްޓަން ޕާކު ރީޑިވެލޮޕްކުރުމުގެ މަސައްކަތް، ގދ. ތިނަދޫ ދާރުލްއާޘާލުގެ މަސައްކަތާއި ޕާކު ތަރައްޤީކުރުމުގެ މަޝްރޫޢު ހިމެނެއެވެ.