ސިއްހަތު

ހިތުގެ ހުރިހާ އޮޕަރޭޝަނެއް ކުރެވޭނެ އިންތިޒާމް ހަމަޖައްސަވަނީ


އައި.ޖީ.އެމްއެޗުގައި ޤާއިމްކުރައްވާފައިވާ "ނޭޝަނަލް ކާޑިއެކް ސެންޓަރ"ގައި ހިތުގެ ޚާއްޞަ ފަރުވާ ދެއްވަން ފެއްޓެވިތާ މިއަދަށް ތިރީސް ދުވަސްވެފައިވާއިރު، މިވީ ތިރީސް ދުވަހުގެ ތެރޭގައި އެސެންޓަރުގައި ހިތުގެ ތަފާތު 118 ޕްރޮސީޖަރއެއް ކުރިޔަށް ގެންދަވާފައިވެއެވެ. އޭގެތެރޭގައި 47 އެންޖިއޯގްރާމާއި، 3 ޕްރައިމަރީ އެންޖިއޯގްރާމް ހިމެނެއެވެ. މި ޕްރޮސީޖަރތައް ކުރިޔަށްގެންދާ ޓީމުގެ އިސް މެމްބަރު، ޑރ. ޕްރަތާބް ވިދާޅުވީ، މީގެ ތެރެއިން 10 ޕްރޮސީޖަރއަކީ ވަރަށް ނާޒުކު ނުރައްކާތެރި ޕްރޮސީޖަރުތަކެއް ކަމަށާއި، މީގެތެރޭގައި ބައިޕާސް ސާޖަރީ ހަދަންޖެހޭ ފަދަ ކޭސްތައްވެސް ހިމެނުނު ކަމަށެވެ. އެހެންނަމަވެސް އޭނާގެ ޓީމުން އެ 10 މީހުންނަށްވެސް އެންޖިއޯޕްލާސްޓީ ހަދައިގެން އެމީހުންގެ ޙާލަތު ރަނގަޅުކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާތަނަށް ކާޑިއެކް ސެންޓަރުގައި ހިންގި ހުރިހާ ޕްރޮސީޖާއެއް ކާމިޔާބުކަމަށް ވިދާޅުވިއެވެ. 

ޑރ.ޕްރަތާބް ވިދާޅުވީ، މިއަދު ހިތަށް ޕޭސްމޭކަރ ލެއްވުމުގެ އޮޕަރޭޝަން ކާޑިއެކްސް ސެންޓަރުގައި ފެއްޓެވިނަމަވެސް، އިތުރު އޮޕަރޭޝަންތައް ތަޢާރަފްކުރައްވައި، ކާޑިއެކް ސެންޓަރުގައި ހިތުގެ ހުރިހާ ޒަމާނީ ފަރުވާ ދެވޭނޭ އިންތިޒާމް ހަމަޖެހިގެންދާނޭކަމަށެވެ.

"އަޅުގަނޑުމެން މިއަދު މިފެށި ޕޭސްމޭކަރ ލައްވަން. މިހާ ހިސާބަކުން ހުއްޓައެއް ނުލަން. ދެން އެންމެ އަވަހަށް ފަށާނީ ސީ.އާރް.ޓީ.ޑީ ( ކޮންސަލްޓާ ކާޑިއެކް ރީސިންކްރޮނައިޒޭޝަން ތެރަޕީ ޑިފައިބްރިލޭޓަ) ލައްވަން. މިއީ ހިތް ހުއްޓުމުން ސަލާމަތް ކޮށްދޭ ޚާއްޞަ ވަޞީލަތެއް. ހާޓް އެޓޭކް ޖެހި ނާޒުކު ޙާލަތްތައް ކުރިމަތިވާ މީހުންގެ ހިތަށް މި ޑިވައިސް ލައްވައިގެން ،އެމީހުންގެ ޙާލަތު ރަނގަޅު ކުރެވޭނެ. މިއަންނަ މަހު މިތާނުގައި މިމަސައްކަތް ފަށާނަން. ކޮންމެ މަހަކުވެސް ހިތުގެ އިތުރު ފަރުވާއެއް މިސެންޓަރުގައި ފަށާނަން. އިރާދަ ކުރެއްވިއްޔާ ދުނިޔޭގެ ހުރިހައި ހިސާބެއްގައި މިހާރު ލިބެން ހުރި ހިތުގެ ހުރިހައި ފަރުވާއެއް ކައިރި މުސްތަޤްބަލެއްގައި ފަށާނަން. ދެން ދިވެހިން މި ފަރުވާ ހޯދަން ބޭރަށް ދާން ނުޖެހޭނެކަމުގެ ޔަޤީންކަން ދެން." ޑރ.ޕްރަތާބް ވިދާޅުވިއެވެ. 

ޑރ. ޕްރާތާބް ވިދަޅުވީ ކާޑިއެކް ސެންޓަރުގައި ހިތުގެ ޚާއްޞަ ފަރުވާދެއްވާއިރު، ރާއްޖެއިން ފަރުވާހޯދަން އުޅުމުގެ ބަދަލުގައި ކުރީއްސުރެވެސް ހުންނަ ވިސްނުމާ އެއްގޮތަށް ދިވެހިން މިފަރުވާތައް ހޯދުމަށް ރާއްޖެއިން ބޭރަށްދާކަމަށެވެ. އެހެންނަމަވެސް ބޭރަށްދިއުމަކީ މޮޅުފަރުވާ ލިބޭނެކަމަށް ދެކޭ ވިސްނުން މިހާރު ބަދަލުކުރަން ވެއްޖެކަމަށާއި އަދި އެއްވެސް ތަކްލީފެއް އުފުލުމެއް ނެތި، އަތުން ޚަރަދެއް ކުރަން ނުޖެހި މިފަރުވާ ރާއްޖެއިން ލިބެން އޮއްވައި އެތައް ހާސް ޑޮލަރު ހޭދަކޮށްގެން ޤައުމުން ބޭރަށް ދިއުން ދިވެހިން ހުއްޓާލަން ވީ ވަގުތު އައިސް ޖެއްހިއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14673704212809.jpg|އައިޖީއެމްއެޗް ހޮސްޕިޓަލްގެ ކެތް ލެބް - ފޮޓޯ: ޕީއެސްއެމް

"އަޅުގަނޑު މިދަނޑިވަޅުގައި ތިންކަމެއް ފާހަގަކޮށްލަން ބޭނުންވޭ. އެންމެ ފުރަތަމަވެސް ބުނެލަން އޮތީ،ކާޑިއެކް ސެންޓަރުގައި ކުރިޔަށްގެންދެވުނު ޕްރޮސީޖަރތަކުގެ ވިހި އިން ސައްތަ މީހުންނަކީ، ރާއްޖެއިން ބޭރުގައި ޕްރޮސީޖަރތައް ހެދުމަށްފަހު، ފޭލްވުމުންގެ ސަބަބުން އަލުން ކުރިޔަށްގެންދިޔަ ޕްރޮސީޖަރަސްތައް. މިކަމާމެދު ދިވެހިން ވަރަށް ފުންކޮށް އެބަ ވިސްނަންޖެހޭ. ދެވަނަކަމެއްގެ ގޮތުގައި ފާހަގަކޮށްލަން އޮތީ، ހާޓް އެޓޭކެއް ޖެހި ހިތުގެ މަސްގަނޑު ވަރުދެރަވުމުގެ ކުރިން، އެންޖިއޯ ޕްލާސްޓީއެއް ހެދިއްޖެނަމަ، ހިތް ހުއްޓުމާއި، ދިގުދެމިގެންދާ ހިތުގެ މައްސަލަތަކުން ސަލާމަތްވެވިދާނެ. ކިޑްނީ ފަދަ ހަށިގަނޑުގެ އެހެންގުނަވަންތައްވެސް ފޭލިވިޔަނުދީ ސަލާމަތްކުރެވިދާނެ. މިޚިދްމަތް އަމިއްލަ ޤައުމުގައި މިޚިދްމަތް ލިބެން ހުއްޓާ ދިވެހިން ބޭރަށް މިފަރުވާ ހޯދަން ދާންވީ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ. މި ޚިދްމަތުގެ ފުރިހަމަ ބޭނުން ހިފަން އަޅުގަނޑު ދިވެހިންގެ ކިބައިން އެދެން. ތިންވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްލަން އޮތީ، މި(އައި.ޖީ.އެމް.އެޗް) ކާޑިއެކް ސެންޓަރުގައި، ތިބީ ޑޮކްޓަރުންނާއި ،ނަރުހުންނާއި، ފަންނީ އެހެން ބޭފުޅުންނަކީ މިކަމަށް ޚާއްޞަކޮށް ތަމްރީނުކުރެވިފައިވާ، ވަރަށް ޤާބިލް ބޭފުޅުންކަން. ދިވެހިން އެންމެ މޮޅު ހޮސްޕިޓަލޭ ކިޔައިގެން ބޭރަށް ފަރުވާ ހޯދަން އެދާ ހޮސްޕިޓަލްތަކަށް ވުރެ މިތަން އެތައް ގުނަ މޮޅު.އެކަމުގެ ޔަޤީންކަން ދެން" ޑރ.ޕްރަތާބް ވިދާޅުވިއެވެ. 

ހިތުގެ ފަރުވާ ދިނުމަށްޓަކައި ނޭޝަނަލް ކާޑިއެކް ސެންޓަރުގައި ސައުވީސް ގަޑިއިރު ޚިދުމަތް ދެއްވާ ގޮތަށް އެކްޓިވޭޓް ކުރެވިފައިވާ ކަމަށާއި، ކުއްލި ޙާލަތުގައި، ހިތުގެ ބަލީގެ މީހުންނަށް ނުވަތަ ހިތުގެ މައްސަލައަކާއިގެން ޑޮކްޓަރަށް ދައްކަން އަންނަ މީހުންނަށް ވަގުތުން ފަރުވާ ދެވޭނޭ އިންތިޒާމް އެ މަރުކަޒުގައި ހަމަޖެހިފައިވާކަމަށް އައި.ޖީ.އެމް އެޗުން ވިދާޅުވެއެވެ. އެ މަރުކަޒުގައި ހިތުގެ ބަލީގެ ޚާއްޞަ ތިން ޑޮކްޓަރުންނާއި، ހިތުގެ ބަލީގެ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރަކުވެސް ހިމެނި ވަޑައިގަންނަވައެވެ. އައި.ޖީ.އެމް އެޗުން ވިދާޅުވިގޮތުގައި ދުވާލެއްގެ މައްޗަށް އެހޮސްޕިޓަލުގެ އޯ.ޕީ.ޑީއަށް އެވްރެޖްކޮށް ފަސްދޮޅަސް މީހުން ހިތުގެ ބަލީގެ ޑޮކްޓަރުންނަށް ދައްކާކަމަށެވެ. އަދި އެވްރެޖްކޮށް ހަފްތާއަކު ތިން މީހުން ހާޓް އެޓޭކް ޖެހިގެން ޑޮކްޓަރަށް ދައްކާއިރު މިހުރިހައި އެންމެންނަށް އެއްވެސް އުނދަގުލަކާ ނުލާ ލުއިފަސޭހަކަމާއެކު ހިތުގެ ފަރުވާދެވޭނޭ އިންތިޒާމް މިހާރު ހަމަޖެހިފައިވާކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.