ޚަބަރު

ފައިނަލުން ޖާގަ ލިބުމަކީ ފަހުރެއް، ޕެޑްރޯ ދެއްކީ މޮޅު ކުޅުމެއް: މަރެސްކާ


ދުނިޔޭގެ އެންމެ މޮޅު ކުލަބުތަކުގެ މެދުގައި ކުޅެވޭ ފީފާ ކުލަބު ވޯލްޑްކަޕްގެ ފައިނަލުން ޖާގަ ލިބުމަކީ ވަރަށް ބޮޑު އުފަލެއް އަދި ފަހުރެއް ކަމަށް ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފިއެވެ.

ފީފާ ކުލަބު ވޯލްޑްކަޕްގެ ފައިނަލުގައި ކުޅުމުގެ ފުރުސަތު ޗެލްސީއަށް ލިބުނީ ބްރެޒިލްގެ ފުލުމިނެންސޭއާއި ދެކޮޅަށް ސެމީފައިނަލްގައި ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

ފްލުމިނޭންސްއާ ދެކޮޅަށް ޗެލްސީން ދެއްކި ކުޅުމާ ބެހޭ ގޮތުން މާރެސްކާ ބުނީ ޗެލްސީން ފުލުމިނެންސޭގެ ކުޅުމަށް ބެލުމަށްފަހު ވަރަށް އަވަހަށް ކުޅުން ބަދަލުކޮށް ހަމަޖެހިލި ކަމަށެވެ. އަދި އެމެރިކާގެ ގަދަ ހޫނުގައިވެސް ކުޅުންތެރިން ހުރިހާ ހާލަތަކަށް ކެތްތެރިވެ ވަރަށް ރަނގަޅަށް މެނޭޖް ކުރިކަމަށެވެ.

މެޗު ކުޅެމުންދިޔަ އިރުވެސް ހޫނުގެ ސަބަބުން އުނދަގޫތަކާއި ކުރިމަތިވި ކަމަށް ފާހަގަކުރަމުން މަރެސްކާ ވަނީ 95 މިނެޓް ވަންދެން ހިފަހައްޓާލުމަކީ އުނދަގޫ ކަމެއް ނަމަވެސް ޗެލްސީގެ ކުޅުންތެރިން ދެއްކި ހިތްވަރަށް ތައުރީފުކޮށްފައެވެ.

މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި މީގެ ހަފްތާއެއް ކުރިން ބްރައިޓަން އިން ޗެލްސީއަށް ބަދަލުވި ޖޮއާއޯ ޕެޑްރޯ ވަނީ ކުޅެފައެވެ. އަދި ރޭގެ މެޗުގައި ދެ ލަނޑު ޖަހާ ޓީމު ފައިނަލަށް ގެންގޮސްދިނީވެސް ބްރެޒިލްގެ ފޯވަޑް ޖޮއާއޯ ޕެޑްރޯއެވެ.

މަރެސްކާ ބުނީ އޭނާއަށް ފުރުސަތުދިނީ އޭނާ އެންމެ ފަހުން ކުޅުނު މެޗުތަކުގައި އިދިކޮޅު ޓީމުތަކާއި ދެކޮޅަށް ޑިފެންސްލައިންގައި ވަރުގަދަ ކުޅުމެއް ދައްކާފައިވާތީ އޭނާގެ ބޭނުން ހިފޭނެ ކަމަށް ގަބޫލުކުރެވޭތީކަމަށެވެ.

ފުލުމިނެންސޭއާ ދެކޮޅަށް ޕެޑްރޯ މޮޅު ކުޅުމެއް ދެއްކި ކަމަށާއި، މިއީ އަދި ފެށުމެއް ކަމަށް މަރެސްކާ ބުންޏެވެ. ޕެޑްރޯއަކީ ހަނި ދޭތެރެތަކުން ބޯޅަ އާއިއެކު ކުރިޔަށް ދިއުމުގައި މޮޅު ކުޅުންތެރިއެއްކަން އެނގޭ ކަމަށާއި، ޗެލްސީއަށް އޭނާ ގެންނަން ނިންމި ސަބަބަކީވެސް އެއީ ކަަމަށް މަރެސްކާ ބުންޏެވެ.

ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލުގެ ޖާގައެއް ޗެލްސީ އިން ހޯދުމާއިއެކު އެ ޓީމަށް މި މުބާރާތުން ލިބޭ ފައިސާގެ އަދަދު ވަނީ 82 މިލިއަނަށް އަރާފަ އެވެ. ސެމީ ފައިނަލާއި ހަމައަށް އައިއިރު އެ ޓީމަށް ވަނީ ޖުމްލަ 60 މިލިއަން ޕައުންޑު ލިބިފަ އެވެ. އަދި ފައިނަލަށް ދަތުރު ކުރުމާއިއެކު ވަނީ އިތުރު 22 މިލިއަން ލިބިފަ އެވެ.

ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލުގައި އަންނަ އާދިއްތަ ދުވަހު ޗެލްސީ އާއި ދެކޮޅަށް ކުޅޭނެ ޓީމެއް އެނގިގެންދާނީ މިރޭ ރެއާލް މެޑްރިޑާއި ޕީއެސްޖީ ބައްދަލުކުރާ މެޗަށްފަހުގަ އެވެ.