ޖަޕާނުގެ ޓޯކިޔޯގައި ގަވަރނަރއެއް ހޮވުމަށް ބާއްވާ އިންތިޚާބުގައި މިއަދު އެސިޓީގެ ރައްޔިތުން ވޯޓުލަމުން އެބަގެންދެއެވެ.
ޚިޔާލް ހޯދުމުގެ ޕޯލްތަކުން ދައްކާގޮތުގައި ޓޯކިޔޯގެ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވެނީ ޖަޕާންގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރ ޔުރީކޯ ކޮއީކޭއެވެ. މިހެންވެއްޖެނަމަ އެކަމަނާ ވެވަޑައިގަންނަވާނީ ޓޯކިޔޯގެ ފުރަތަމަ އަންހެން ގަވަރނަރ އަށް ވެސްމެއެވެ. ޔުރީކޯ ކޮއީކޭ އާއި އެންމެގާތުން ވާދަކުރައްވަނީ ކުރިންވެސް މަތީ މަޤާމުތަކެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއްކަމަށްވާ ހިރޯޔާ މަސޫޑާ، އަދި މިނިވަން ފިކުރުގެ ޖަރނަލިސްޓެއް ކަމަށްވާ ޝުންޓާރޯ ޓޮރީގޯއެވެ.
ޓޯކިޔޯގެ ގަވަރުނަރުންގެ މަޤާމުގައި އެންމެ ފަހުންތިއްބެވި ދެބޭފުޅުންވެސް ވަނީ ކޮރަޕްޝަންގެ ތުހުމަތުތަކަކާއި ގުޅިގެން މަޤާމުން އިސްތިއުފާދެއްވާފައެވެ.
13.5 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޓޯކިޔޯގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކުގެ ތެރޭގައި މުސްކުޅިންގެ ބޮޑުއާބާދީއެއް އޮތުމާއި، އޮފީސްތަކަށް ދާ މީހުންގެ ދަރިން ބަލާދޭނެ ތަންތަން ފުދޭވަރަށް ނެތުމާ އަދި ކުއްލި ބޮޑު ބިންހެލުމެއް އައިސްދާނެކަމުގެ ބިރުވެރިކަން ހިމެނެއެވެ. އެހެން ނަމަވެސް ގަވަރުނަރު ކަމަށް ވާދަކުރެއްވި ފަރާތްތަކުގެ ކެމްޕެއިނުގައި އެންމެ ބޮޑަށް ވައުދުވެފައިވަނީ 2020 ގައި އޮންނަ އޮލިމްޕިކްސް ކާމިޔާބު އިވެންޓަކަށް ހައްދެވުމެވެ. މި އިވެންޓްގެ ސަބަބުން ޖަޕާންގެ އިޤްތިޞާދަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ބެލެމުން ދިޔަނަމަވެސް 2013 ވަނަ އަހަރު ، 2020 ގެ އޮލިމްޕިކްސް ޖަޕާނުގައި އޮންނާނެކަން އިޢުލާނުކުރި ހިސާބުން ފެށިގެންވެސް ބޮޑެތި މައްސަލަތަކެއް ދަނީ ކުރިމަތިވަމުންނެވެ. މިގޮތުން ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކަކާއި ގުޅިގެން މައި ސްޓޭޑިއަމްގެ މަސައްކަތް ފެށުން ލަސްވުމާއި، ލޯގޯ ބަދަލުކުރަންޖެހުން ހިމެނެއެވެ.
ޓޯކިޔޯގެ އަލަށް ހޮވޭ ގަވަރނަރ ގެ ފުރަތަމަ މައި ޑިއުޓީއަކަށްވާނީ ބްރެޒިލްގެ ރިއޯގައި އަންނަމަހު އޮންނަ އޮލިމްޕިކް ގޭމްސް ނިންމާ ރަސްމިއްޔާތުގައި ބައިވެރިވެ، ދެން އޮންނަ ގޭމްސްގެ ހޮސްޓްގެ ހައިސިއްޔަތުން ގޭމްސްގެ ދިދަޔާ ހަވާލުވުމެވެ.