ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މުވައްޒަފުންނަށް މުސާރަ ނުދެވި އެބަހުރި ކަމަށާއި، ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު މި މަހު ހަމަވުމުގެ ކުރިން އެކަން ހަމަޖައްސަން މަސައްކަތް ކުރަމުންދާ ކަމަށް އެ ކޮމިޓީން ބުނެފިއެވެ.
ކޮމިޓީގެ ޗެއާމަން އަޙްމަދު މުޢިއްޒު ވިދާޅުވީ މި މަހުގެ ނިޔަލަށް ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު ހަމަވަމުންދާތީވެ ނުދެވި ހުރި މުސާރަ ދިނުމަށް ފީފާ އާއި މަޝްވަރާ ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ބައެއް މުވައްޒަފުންނަށް ތިން މަސް އަނެއް ބައި މުވައްޒަފުންނަށް ހަޔަރު މަސް ދުވަހުގެ މުސާރަ ނުދެވި އެބަހުރި ކަމަށެވެ.
"އަޅުގަނޑުމެން އުއްމީދު ކުރަނީ ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު ނިމުމުގެ ކުރިން މިކަންކަން ހަމަޖެހިގެންދާނެ ކަމަށް. އެކަމަށް ވަރަށް މަސައްކަތް އެބަ ކުރަން،" މުޢިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުސާރަ ނުލިބުނު ނަމަވެސް އެފްއޭއެމުގެ މުވައްޒަފުން ވަރަށް ހީވާގި ކަމާއެކު އެއްބާރުލުން ދީފައިވާ ކަމަށެވެ.
"އެކަމަށްޓަކައި ހުރިހާ މުވައްޒަފުންނަށް ވެސް ޝުކުރު އަދާ ކުރަން. މުސާރަ ނުދެވި އޮތް އިރު ވެސް ނޯމަލައިޒޭޝަން ކޮމިޓީ އަށް ހުރިހާ މުވައްޒަފުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ދީފައިވޭ،" މުޢިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރުފެ ފަހު އަހަރު ފެށިގެން ނުދެވި ހުރި މުސާރަތަކުގެ ކަންކަން ހަމަޖެއްސުމަށް ތިން ފަހަރެއްގެ މަތީން ފީފާއިން ފައިސާ ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެ ފައިސާއިން ވެސް އެންމެންގެ ބެކްލޮގް ފިލުވާނުލެވުނު ކަމަށާއި އެކަން އެގޮތަށް ދިމާވީ މުވައްޒަފުން ގިނަވެފައި އެތައް ބަޔަކު މުސާރަ ނުލިބިގެން ޝަކުވާ ކޮށްފައި އޮތުމުން ކަމަށެވެ.
އޭނާ ވިދާޅުވީ އެފްއޭއެމުން ކުއްޔަށް ދޫކޮށްފައިވާ އިމާރާތްތަކާއި ބިންތަކުން އެ އިދާރާ އަށް ލިބެނީ އެންމެ ތިން ލައްކައެއްހާ ރުފިޔާ ކަމަށެވެ.