ވިޔަފާރި

ކުރީގެ ފައިސާ ނޫޓުތައް މުޢާމަލާތްތަކުގައި ބޭނުންކުރުން ހުއްޓާލުން


މާދަމާއިން ފެށިގެން ކުރީގެ ފައިސާގެ ނޫޓުތައް ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުމެއް ނުކުރެވޭނެއެވެ. އެގޮތުން މާދަމައިން ފެށިގެން ރާއްޖޭގެ ލީގަލް ޓެންޑަރގެ ގޮތުގައި ބޭނުންކުރާނީ ހަމައެކަނި ރަންދިހަ ފަހެއް ނޫޓު ސީރީސްގެ ނޫޓުތަކެވެ.

އެހެންނަމަވެސް ކުރީގެ ފަސް ރުފިޔާގެ ނޫޓު، އެމްއެމްއޭއިން ވަކި ގޮތެއް އަންގަންދެން ރަންދިހަފަހެއް ނޫޓުތަކާއެކު ބޭނުން ކުރެވޭނެކަމަށް މަރުކަޒީ ބޭންކުން ހާމަކުރައްވައެވެ. img:http://s1.psmnews.mv/images/660x400/8640.jpg|ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ރަންދިހަ ފަހެއް ނޫޓް ސީރީސް ނެރެދެއްވުން - ފައިލް ފޮޓޯ: ރައީސް އޮފީސް

އެމްއެމްއޭއިން މަޢުލޫމާތު ދެއްވާގޮތުގައި މިއަހަރުގެ ޖެނުއަރީމަހުގެ 25ހާއި ހަމައަށް، ކުރިން ބޭނުންކުރަމުންދިޔަ ނޫޓުގެ 2،901 މިލިއަން ރުފިޔާ އިޤްތިސާދުގައި ދައުރުވަމުން ދިޔަނަމަވެސް، މި ޖުލައިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް 2،654 މިލިއަން ރުފިޔާ އެމްއެމްއޭއަށް ނަގާފައިވާ ކަމަށެވެ. އެއީ ކުރިން ބޭނުން ކުރަމުންދިޔަ ނޫޓްތަކުގެ 91.5 އިންސައްތަ ނޫޓެވެ. އަދި ބާކީ ނުނެގި ހުރީ 247 މިލިއަން ރުފިޔާ، ނުވަތަ 8.5 އިންސައްތަ ނޫޓުކަމަށް އެމްއެމްއޭއިން މައުލޫމާތުދެއްވައެވެ.

ދިވެހިރާއްޖޭގެ ލީގަލް ޓެންޑަރ ކަމުގައިވާ ރުފިޔާގެ ތެރެއިން، 2015 އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހުގެ ކުރިން ނެރެފައިވާ 2 ރުފިޔާ، 10 ރުފިޔާ، 20 ރުފިޔާ، 50 ރުފިޔާ، 100 ރުފިޔާ އަދި 500 ރުފިޔާގެ ހުރިހާ ކަރުދާސް ނޫޓުތަކަކީ، 2016 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 1 ވާ ހޯމަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ލީގަލް ޓެންޑަރ ނޫން ކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ވަނީ ކަނޑައަޅުއްވާފައެވެ.

މިމަހުގެ 31 ގެ ފަހުންވެސް އޭޓީއެމް ޑިޕޮސިޓް މެޝިންތަކުންނާއި ރާއްޖޭގެ ބޭންކުތަކުން ރަންދިހަ ފަހެއްގެ ނޫޓަށް ބަދަލުކުރެވޭނެއެވެ. އަދި ކުރިއަށްއޮތް 5 އަހަރުދުވަހު އެމްއެމްއޭއިން ކުރީގެ ނޫޓުތައް ރަންދިހަ ފަހެއްގެ ނޫޓުތަކަށް ބަދަލުކޮށްދޭނެއެވެ.