ކުޅިވަރު

ދުނިޔޭގެ ވޮލީބޯޅައިގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި


ދުނިޔޭގެ ވޮލީބޯޅައިގެ ދުވަސް މާލޭގައި ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްގެންދިޔަ މިހަރަކާތް ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލެވެ. މީގެ އިތުރުން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހަންމަދު ލަޠީފާއި އެއެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރުންވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ކުރިއަށް ދިޔަ މި ހަރަކާތުގައި ބައިވެރިވި އިތުރު ފަރާތްތަކުގެ ތެރޭގައި ވޮލީގެ ތިން ޖީލަށް ނިސްބަތްވާ ކުޅުންތެރިން ހިމެނެއެވެ. އޭގެ ތެރޭގައި ވޮލީ ތައާރަފްވެގެން އައި ދުވަސްވަރުގެ ކުޅުންތެރިންނާއި މިހާރު މިކުޅިވަރުގައި ހަރަކާތްތެރިވަމުންދާ ޒުވާނުންގެ އިތުރުން ވޮލީގެ ތެރެއަށް އަލަށް ވަންނަމުންދާ ތުއްތު ކުދިން ހިމެނެއެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ކޮމިޝަނަރ އޮފް ސްޕޯޓްސް މުހަންމަދު ޠަލާލު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ކޮންމެ ކުޅިވަރެއްވެސް ކުރިއަރާ ދިއުމުގެ އެންމެ ބޮޑު ބިންގަލަކަށްވާނީ ޅަ އުމުރުފުރާ ނުވަތަ ޒުވާން އުމުރު ފުރާގައި އެކުދިންގެ ހުނަރުތައް ތަރައްގީކުރުމަށް ހޯދައިދެވޭ ފުރުސަތުތައްކަމަށެވެ. އަދި މިއަދުގެ ޅަ ކުދިންނަށް އެކަށީގެންވާ ތަމްރީނުތަކެއް ދެވިއްޖެނަމަ އެކުދިންނަކީ މުސްތަގުބަލުގެ ތަރިންނަށް ހެދޭނެކަމަށް ޠަލާލް ވިދާޅުވިއެވެ.

"ކޮންމެ އަކަސް ކުޅިވަރު ވޮލީ ބޯޅަ ނުވަތަ ކުޅިވަރެއް ކުރިއަރާ ދިއުމުގެ އެންމެ ބޮޑު ނުވަތަ އެންމެ މުހިންމު ބިންގަލަކަށްވާނީ ޅަ އުމުރުފުރާގަ ނުވަތަ ޒުވާން އުމުރުފުރާގައި ކުދިންގެ ހުނަރު ތަރައްގީ ކުރެވިގެން، ތަރައްގީ ކުރުމުގެ ފުރުސަތުތަކެއް ހޯދައިދެވިގެން. އަދި މިއަދު ޒުވާން ތަރިންނަށް، އަދި މިއަދުގެ ޒުވާން ޅަ އުމުރުފުރާގެ ކުޅުންތެރިންނަށް ރަނގަޅު ތަމްރީނެއް ދެވިގެން ތަރައްގީ ކުރެވިއްޖެކަމަށްވާނަމަ މާދަމާ ނުވަތަ މުސްތަގުބަލުގެ ވޮލީ ބޯޅަ އެކަންޏެއް ނޫން ކޮންމެ ކުޅިވަރެއްގައި ކަމަށްވިޔަސް މުސްތަގުބަލު ވަރަށް އުޖާލާވެގެންދާނެ" ޠަލާލް ވިދާޅުވެފަވެއެވެ.

ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތުގެ ތެރެއިން ވީއޭއެމްގެ ރައީސް ލަތީފްވަނީ ވޮލީ ބޯޅައިގެ ޔޫތު ޑިވެލޮޕްމެންޓު ޕްރޮގްރާމު އިތުރަށް ހަރުދަނާ ކުރައްވާ، އަތޮޅު ތެރެއަށް އެ ޕްރޮގްރާމު ފުޅާކުރައްވަން ރާއްވަވާފައިވާކަމަށް ހާމަކުރައްވާފައެވެ. އަދި ވޮލީބޯޅައިގެ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ޖަޕާނުގެ ތަޖުރިބާކާރު ކޯޗެއްގެ އެހީތެރިކަން ހޯދަމުންދާކަމަށް ލަތީފް ވިދާޅުވިއެވެ. މީގެ އިތުރުން އެފްއައިވީބީ ލެވެލް 1 ގެ ކޯޗިން ކޯހެއް ސެޕްޓެމްބަހު ފެށުމަށް ތާވަލުކުރެވިފަވާކަމަށާ، އެކޯހުގައި ކޮންމެ އަތޮޅަކުންވެސް ޒުވާނަކު ބައިވެރިކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ލަތީފްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޖުލައި މަހުގެ 7 ވަނަ ދުވަހެވެ. މިދުވަސް ރާއްޖޭގައި ފާހަގަ މިކުރީ ފުރަތަމަ ފަހަރަށެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތުގައި ތިން އެކަޑަމީއަކުން ކުދިން ބައިވެރިވެފައިވެއެވެ. އެއީ ބްލޫސް ފޯރ ވޮލީބޯލް، މައި ސްޕޯޓްސް އެކެޑެމީ އަދި މުނީޒް ވޮލީބޯލް މޫވްމަންޓުންނެވެ. ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވި މިހަރަކާތް ނިންމާލާފައިވަނީ ދުވަހުގެ މުނާސަބަތުގައި ފެޅި ކޭކަކުންނެވެ.