ތަޢުލީމު

އައިޔޫއެމްގެ އިސްލާމިކް ފައިނޭންސް ޕްރޮގްރާމްތައް ހިންގެވުން


އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ޕްރޮގްރާމްތައް ހިންގެވުމަށްޓަކައި އިންޓަރނޭޝަނަލް ސެންޓަރ ފޮރ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް - އިންސީފްއާއެކު މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީ، އައިޔޫއެމްއިން އެއްބަސްވުންތަކެއްގައި ސޮއިކުރައްވައިފިއެވެ.

އިސްލާމިކް ޔުނިވަރސިޓީން މިއަދު އިންސީފް އާއެކު 3 އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވެއެވެ. ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ތަޢުލީމު ފުޅާކުރުމަށްޓަކައި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އިން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަދި އިސްލާމިކް ފައިނޭންސްގެ ދާއިރާއަށް ބޭނުންވާ ގިނަ އަދަދެއްގެ މީހުން ޔުނިވަރސިޓީން ގެންދަވަނީ ތަމްރީނު ކުރައްވަމުންނެވެ. އެގޮތުން އިންޓަރނޭޝަނަލް ސެންޓަރ ފޮރ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް - އިންސީފް ނުވަތަ ދަ ގްލޯބަލް ޔުނިވަރސިޓީ އޮފް އިސްލާމިކް ފައިނޭންސް އާއެކު ދިވެހިރާޖޭގެ އިސްލާމިކް ޔުނިވަރސިޓީ - އައިޔޫއެމް އިން ވެވުނު އެއްބަސްވުންތަކުގެ ދަށުން އަންނަ އަހަރު އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ޑިޕްލޮމާ އަދި ފައުންޑޭޝަންގެ ޕުރޮގްރާމް ފައްޓަވާނެ ކަމަށް އިސްލާމިކް ޔުނިވަރސިޓީން ވިދާޅުވެއެވެ.

މި ޕްރޮގްރާމްތައް އަންނަ އަހަރު ޖަނަވަރީ މަހު ފެއްޓެވުމަށްޓަކައި ތައްޔާރު ވެވަޑައިގަންނަވަމުން ގެންދަވާ ކަމަށް އެ ޔުނިވަރސިޓީން ވިދާޅުވެއެވެ. އިސްލާމިކް ޔުނިވަސިޓީން އިންސީފް އާއެކު ވެވުނު އެއްބަސްވުންތަކަކީ އިސްލާމީ އިޤްތިސާދާ ބެހޭގޮތުން އެ ޔުނިވަސިޓީގެ މުޤައްރަރުތައް އެކުލަވާލުމާއި، ޔުނިވަސިޓީއާއި އިންސީފް އާ ގުޅިގެން އިސްލާމީ ފައިނޭންސް ދާއިރާގެ މަސައްކަތް ކުރުމާއި، އަދި ދެފަރާތް ގުޅިގެން ކުރިޔަށްގެންދެވޭ ޕުރޮގްރާމްތަކާ ބެހޭ އެއްބަސްވުމެވެ. މި އެއްބަސްވުންތަކުގައި އިސްލާމިކް ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަދި އިންޓަރނޭޝަނަލް ސެންޓަރ ފޮރ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް ފަރާތުން ސޮއިކުރެއްވީ އިންސީފްގެ ރައިސް ދާވޫދް ވިކަރީއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްވަމުން އައިޔޫއެމްގެ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ އިންސީފް އާއެކު ވެވުނު އެއްބަސްވުންތަކުގައި ހިމެނޭ ކަންތައްތަކާއި، ކަރިކިއުލަމްތައް އެކުލަވާލުމުގެ މަސައްކަތްތައް ފައްޓަވާފައިވާ ކަމަށެވެ. އެގޮތުން ކަރިކިއުލަމްގެ ބޮޑުބައެއް ނިންމަވާ އައިޔޫއެމްއާއި މިހާރު ޙަވާލު ކުރައްވާފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތާގައި އައިޔޫއެމްގައި އިސްލާމިކް ފައިނޭންސްގެ މާސްޓަރސް ޑިގްރީ ޕުރޮގްރާމްތައް ފައްޓަވައިގެން ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.

އިންޓަރނޭޝަނަލް ސެންޓަރ ފޮރ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް އިންސީފްގެ ރައިސް ދާވޫދް ވިކަރީ ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީއާއި ގުޅިވަޑައިގެން އިންސީފްގައި ރާއްޖޭގެ 5 ދަރިވަރުންނެއް ސްޕޮންސާއާއެކު މާސްޓަރސް ޑިގްރީ ޕްރޮގްރާމް ފުރިހަމަ ކުރަމުންދާ ކަމަށެވެ. އަދި ކުރިޔަށް އޮތްތާގައި އިތުރު ދިވެހި ދަރިވަރުންތަކެއް ފެނިގެންދިޔުމަކީ އުންމީދެއް ކަމަށް ވިކަރީ ވިދާޅުވިއެވެ.

އިންޓަރނޭޝަނަލް ސެންޓަރ ފޮރ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް އިންސީފް ނުވަތު ދަ ގްލޯބަލް ޔުނިވަރސިޓީ އޮފް އިސްލާމިކް ފައިނޭންސް އުފެދިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިސްލާމިކް ފައިނޭންސްގެ ތަފާތު ޕުރޮގްރާމްތަކެއް ދަނީ ހިންގަވަމުންނެވެ.