ޚަބަރު

ބަނޑޮސް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމުން


ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާނެ ހުނަރުވެރި، ޤާބިލް ޒުވާނުން ތަމްރީންކުރުމުގެ ގޮތުން ބަނޑޮސް ރިސޯޓުން ފެށި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ދީފިއެވެ.

ޓޫރިޒަމްގެ ދާއިރާއަށް މީހުން ބިނާކުރުމަށް ފުޅާ ދާއިރާއެއްގައި ބަނޑޮސް ރިސޯޓުގެ ފަރާތުން ސްވިސް ކޮލެޖަކާއި ގުޅިގެން ހިންގި "އެޕްރެންޓިސްޝިޕް" ޕްރޮގްރާމުގައި ރާއްޖޭގެ އެކި ހިސާބުތަކުން 23 ކުދިން ބައިވެރިވިއެވެ. މި ކުދިންގެ ތެރެއިން އެންމެ ކުއްޖަކު ފިޔަވައި އެހެން ހުރިހާ ކުދިން ވަނީ މި ޕްރޮގްރާމް ފުރިހަމަކޮށް ސެޓްފިކެޓް ޙާޟިލްކޮށްފައެވެ. "އެޕްރެންޓިސްޝިޕް" ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ދިނީ ބަނޑޮސް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޤައުމީ ޔުނިވަރސިޓީގެ ޗާންސިލަރ ޑރ. މުޙައްމަދު ލަތީފެވެ.

މި ރަސްމިއްޔާތުގައި ޑޮކްޓަރ މުޙައްމަދު ލަޠީފް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއަކީ ރާއްޖެއަށް ވަރަށް މުހިންމު ދާއިރާއަކަށް ވުމާއެކު މިދާއިރާއަށް ނުކުތުމަށްޓަކައި ބައެއް ރިސޯޓުތަކުން ކުރިއަށްގެންދާ މިކަހަލަ ޕްރޮގްރާމްތަކުގެ ބޭނުން އެންމެ ރަގަޅުގޮތުގައި ހިފައި ފަތުރުވެރިކަމުގެ ދާއިރާއިން މަތީ ހަރުފަތަކަށް ދިއުން މުހިންމު ކަމަށެވެ. އަދި މި ޕްރޮގްރާތަކުގެ ސަބަބުން މިހާރުވެސް ރިޒޯޓުތަކުގެ ހުރިހާ ދާއިރާއެއްގައިވެސް ޒުވާނުން ފެންނަމުން އަންނަކަމަށް ޑރ. ލަޠީފް ފާހަގަކުރެއްވިއެވެ.

"އެޕްރެންޓިސްޝިޕް" ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރުން ބުނީ މި ކަހަލަ ޕްރޮގްރާމްތައް ރިސޯޓުތަކުން ހިންގުމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މި ޕްރޮގްރާމުން އެ ކުދިންނަށް ދަސްވި ކަންތައްތައް ފާހަގަކުރިއެވެ.

ސްވިޒަލެންޑްގެ އެސްއެޗްއެމްއެލް ހޮޓެލް ސްކޫލާއި އައިއެމް އެންޑް އެޗް ގުޅިގެން ހިންގި ޕްރޮގްރާމްގައި ކިޔަވައިދެއްވީ ބަނޑޮސް އައިލެންޑް ރިސޯޓްގެ އެކިއެކި ޑިޕާޓްމެންޓްތަކުގެ ވެރިންނެވެ. މި ޕްރޮގްރާމް ނިންމި ބައިވެރިންނަށް ދިން ސެޓްފިކެޓަކީ ކޭމްބްރިޖް ޔުނިވަރސިޓީގެ އިތުރުންވެސް ދުނިޔޭގެ މަޝްހޫރު ޔުނިވަރސިޓީތަކުން ޤަބޫލުކުރާ ސެޓްފިކެޓެއް ކަމަށް ބަނޑޮސް އައިލޭންޑް ރިސޯޓުން ބުނެއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ބިދޭސީންގެ އަދަދު މަދުކޮށް، ހުނަރުވެރި ޤާބިލް ދިވެހި ޒުވަނުން ދާއިރާއަށް ނެރުމަކީ މި ޕްރޮގްރާމްގެ މައިގަނޑު ބޭނުން ކަމަށް އެ ރިސޯޓުން ބުނެއެވެ.