ސިއްހަތު

ހިންމަފުށީ ޞިއްޙީ މަރުކަޒު 24 ގަޑިއިރު ޚިދުމަތްދޭ ތަނަކަށް ހަދަނީ


ހިންމަފުށީ ޞިއްޙީ މަރުކަޒުން 24 ގަޑިއިރު ޚިދުމަތްދެއްވާ ގޮތަށް ހަމަޖެއްސެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެރަށު ޞިއްޙީ މަރުކަޒުން ވިދާޅުވެއްޖެއެވެ.

ހިންމަފުށީ ޞިއްޙީ މަރުކަޒުން މިހާރު ޚިދުމަތް ދެއްވަނީ 16 ގަޑިއިރުއެވެ. ނަމަވެސް، އެތަނުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތައް ނިންމެވުމަށްފަހު، މި އަހަރުގެ ތެރޭގައި ސައުވީސް ގަޑިއިރަށް ޚިދުމަތް ފުޅާކުރައްވާނެކަމަށް އެ މަރުކަޒުން ވިދާޅުވެއެވެ.

މަރާމާތުގެ މަސައްކަތްތަކުގެ އިތުރުން، އެ މަރުކަޒުގައި ލެބޯޓްރީއެއް ޤާއިމްކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ލެބޯޓްރީއާއެކު މިހާރު ހިންމަފުށިން ލިބެން ނެތް ގިނަ ޚިދުމަތްތަކެއް ތަޢާރަފްކުރައްވާނެކަމަށް އެރަށު ޞިއްޙީ މަރުކަޒުން ވިދާޅުވެއެވެ. މީގެތެރޭގައި، ގައިންގަޔަށް ނާރާ ބައެއް ބަލިތަކުގެ ޓެސްޓްތައް ހިމެނޭކަމަށްވެސް އެ ފަރާތުން ވިދާޅުވިއެވެ.

ހިންމަފުށީ ޞިއްޙީ މަރުކަޒުގައި ދެޑޮކްޓަރުންނާއެކު ޖުމްލަ ތިރީހަކަށް މުވައްޒަފުން މަސައްކަތްކުރެއެވެ.